އެމްޕީ އަނާރާ ހުށަހެޅުއްވި ހޯމް ސްކޫލިންގ ބިލު މަޖިލީހަށް ބަލައިގަނެފި
ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ ހާލަތު ހުންނަ ކުދިންނަށް ގޭގައި ތިބެގެން ކިޔެވޭނެ އިންތިޒާމު ހަމަޖެއްސުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ބަލައިގަނެފިއެވެ.

ނުކުޅުދުންތެރިކަން ހުންނަ ކުދިންނާއި ނަފްސާނީ އެކި ހާލަތްތައް ތަހައްމަލު ކުރަމުންދާ ކުދިންނަށް ހޯމް ސްކޫލިން މެދުވެރިކޮށް ތައުލީމު ފޯރުކޮށްދިނުމަށް ތައުލީމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ބަލައިގަނެފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުރާ ދާއިރާގެ މެންބަރު ޑރ. އަނާރާ ނަޢީމެވެ. މިދިޔަ މަހުގެ 26ވަނަ ދުވަހު ފުރަތަމަ ކިޔުން އިއްވި މި ބިލުގެ މަގުސަދަކީ ކުއްޖާގެ ނުކުޅުދުންތެރިކަން ނުވަތަ ނަފްސާނީ ހާލަތަށް ބަލައި ހަދާ އެސެސްމެންޓެއްގެ މައްޗަށް ބިނާކޮށް، ގޭގައި ތައުލީމު ދެވޭނެ އުސޫލުތަކާއި ޝަރުތުތައް ކަނޑައެޅުމެވެ.
ބިލުގައިވާ ގޮތުން ޖިސްމާނީ، ނަފްސާނީ ނުވަތަ އެހެންވެސް ހާއްސަ ހާލަތެއްގެ ސަބަބުން މަދަރުސާއަށް ހާޒިރުވުމަށް އުޒުރުވެރިވާ ކުދިންނަށް ހޯމް ސްކޫލިންގެ ފުރުސަތު ލިބޭނެއެވެ. މީގެ އިތުރުން، ތައުލީމީ ނިޒާމު ހިންގުމުގައި ބެލެނިވެރިންނާއި، މުދައްރިސުން އަދި ޕްރިންސިޕަލުންގެ ދައުރު މި އިސްލާހުގެ ދަށުން އިތުރަށް ތަފްސީލުކޮށްދީފައިވެއެވެ.
ބިލަށް ބަހުސްކުރެއްވި ސަރުކާރު މެންބަރުން ވިދާޅުވީ މިއީ ތައުލީމީ ނިޒާމު ހަރުދަނާކޮށް ދަރިވަރުންގެ ހައްގުތައް ކަށަވަރު ކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. އަދި މި ބިލާ ގުޅޭގޮތުން އިދިކޮޅު ފަރާތްތަކުން ހަގީގަތާ ހިލާފު ވާހަކަ ފަތުރަމުންދާ ކަމަށް ވިދާޅުވެ، ބައެއް މެންބަރުން ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކުރައްވާފައެވެ.





ކޮމެންޓް