މީޑިއާތަކަށް އިންޒާރުދޭ މީހުން ހޯދަން ފުލުހުން ހުރިހާ ވަސީލަތްތަކެއް ބޭނުންކުރާނެ: ސަރުކާރު
ފޮރުވިގެން ތިބެ މީޑިއާތަކަށް އިންޒާރުދެމުންދާ މީހުން، ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން ހޯދުމުގެ މަސައްކަތްކުރަމުން ދާނެ ކަމަށް ސަރުކާރުން މިރޭ ބުނެފިއެވެ.
ޗެނަލް13 އަށާއި ރާއްޖެޓީވީ އަށް ކާކުކަން ނޭނގޭ ބަޔަކު ވަނީ އިންޒާރުތަކެއް ދީފައެވެ.
ރާއްޖެ ޓީވީގެ ދުވަސް ދުއްވައިލާނެ ކަމަށާއި ހުޅު ޖަހާނެ ކަމަށް ބުނެ އެ ސްޓޭޝަންގެ ނޫސްވެރިޔާ ލައިޝާ އަހުމަދަށް ސޯޝަލް މީޑިއާގައި މީހަކު ވަނީ އިންޒާރު ދީފައެވެ. އެ މައްސަލަ އެ ސްޓޭޝަނުން ފުލުހަށް ހުށަހަޅާފައިވެއެވެ.
ޗެނަލް13 އަށް އިންޒާރު ދީފައިވަނީ ރާއްޖެ ޓީވީގައި ހުޅުޖަހާނެ ކަމަށް ލިޔެފައިވާ ހަބަރު އެ ޗެނަލުން ހިންގާ ''ތޭރައޮންލައިންގައި'' ޝާއިއު ކުރުމުން އެ ހަބަރުގެ ފޭސްބުކް ޕޯސްޓަށް ކުރި ކޮމެންޓެއްގައެވެ. އެ އަށް ކޮމެންޓު ކުރި މީހާ ބުނީ ފިތުނަ އުފައްދާ ހުރިހާ ވަސީލަތެއް އަންދައި އަޅިއަށް ހަދާލަން ޖެހޭ ކަމަށެވެ. އަދި އެންމެ ފުރަތަމަ އަންދާލަން ޖެހެނީ ޗެނަލް13 ކަމަށް ބުނެ އޭނާ އިންޒާރުދިނެވެ.
ރައީސް އޮފީހުން މިރޭ ނެރުނު ބަޔާނެއްގައި ބުނީ، ފޮރުވިގެން ތިބެ ނޫސްވެރީންނަށާ މީޑިއާތަކަށް އިންޒާރުދެމުންދާތީ އެކަމުގެ ތަހުގީގު ފުލުހުންގެ އިދާރާއިން މިހާރު ފަށާފައިވާ ކަމަށެވެ.
''އެކަން އެކުރާ ބަޔަކު ދެނެގަތުމަށް ފުލުހުންނަށް ލިބިފައިވާ ހުރިހާ ވަސީލަތަކާ ގާބިލްކަމެއްގެ ބޭނުންކޮށްގެން މަސައްކަތްކުރަމުން ދާނެ'' ރައީސް އޮފީހުން ނެރުނު ބަޔާނެއްގައި ބުންޏެވެ.
''މި ދުވަސްކޮޅު ބައެއް ޓީވީ ސްޓޭޝަންތަކަށް ބޮޑެތި ގެއްލުންދޭނެ ކަމަށް ބުނެ އިންޒާރުގެ މެސެޖުތަކެއް ސޯޝަލް މީޑިއާ މެދުވެރިކޮށް ދެމުންދާކަމުގެ މައްސަލަ މި ކޮމިޝަންގެ ސަމާލުކަމަށް ވަނީ އައިސްފައި'' އެކްސްގައި އާއްމުކުރި ބަޔާނެއްގައި މިޑިއާގެ ބެލެނިވެރި ފަރާތް ބްރޮޑްކާސްޓިން ކޮމިޝަން އިން ވަނީ މީޑިއާތަކަށް އިންޒާރުދޭ މައްސަލަ ކުށްވެރިކޮށްފައެވެެ.
ބްރޮޑްކޮމް އިން ބުނީ އެފަދަ ކަންކަމަކީ އެއްވެސް ހާލަތެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންވެ އެފަދަ މައްސަލަތަކަށް ސަމާލުކަމެއްދީ އަދި ބްރޮޑްކާސްޓަރުންނާއި ނޫސްވެރިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމަށްޓަކައި ކަމާ ގުޅުންހުރި މުއައްސަސާތަކުން ފިޔަވަޅު އެޅުމަށް ބްރޮޑްކޮމް އިން ވަނީ ގޮވާލާފައެވެ.
ގާނޫނު އަސާސީން ލިބިދޭ ހިޔާލުފާޅު ކުރުމުގެ މިނިވަންކަން ދަމަހައްޓައި އާލާކުރުމަކީ ބްރޮޑްކާސްޓުކުރުމުގެ ގާނޫނުން މަތިކޮށްފައިވާ އެންމެ މުހިއްމު މަގްސަދު ކަމަށް ބްރޮޑްކޮމްގެ ބަޔާން ނިންމާލަމުން ބުންޏެވެ.