ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭން މިހާތަނަށް 526 ގޯތި ދޫކޮށްފި

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށި "ބިންވެރިޔާ ސްކީމް" ގެ ދަށުން އެ ރިޔާސީ ދައުރުގެ ފަހު ވަގުތުކޮޅު ގޯތި ދިނުމަށް ނިންމި މީހުންގެ ތެރެއިން ހުޅުމާލޭން ގޯތި ދޭން ޖެހޭ 526 މީހަކަށް ގޯތި ދޫކޮށްފިއެވެ.
ހައުސިން މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ދެ ދުވަހުގެ މަތިން 14 މީހަކަށް ގޯތި ދޫކޮށްފައިވާ ކަމަށެވެ. އެއީ މިދިޔަ އަންގާރަ ދުވަހު ހަ ގޯތި އަދި މިއަދު އަށް ގޯތި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިހާތަނަށް 526 ގޯތި ދޫކުރި ކަމަށް ހައުސިން މިނިސްޓްރީން ބުނިއިރު ހުޅުމާލޭން ޖުމުލަ 1380 ގޯތި ދޫކުރުމަށް ސަރުކާރުން ނިންމާފައިވެ އެވެ. ބާކީ ދޫނުކޮށް އޮތީ 854 ގޯއްޗެވެ.
ކުރީގެ ސަރުކާރުގެ އެސްކީމްގެ ދަށުން ހުޅުމާލެ ދެކާއި ތިނެއް އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެއެވެ.
އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިން ކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް އޭރު ހަވާލުކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަނީ ގުޅީފަޅުން އިތުރަށް ބިން ހިއްކުމަށް ނިންމައި އިތުރުކުރާ ބިމުން ވެސް ގޯތި ދިނުމަށް ނިންމައިފަ އެވެ. އެ ސަރަހައްދުން 1347 ގޯތި ކަނޑަން ނިންމައި، ކުރީގެ ސަރުކާރުގައި ގިރާވަރުން ގޯތި ލިބުނު މީހުންގެ ތެރެއިން ގުޅީފަޅަށް ބަދަލުކުރަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ވެސް ހުޅުވާލައިފަ އެވެ.