ޚަބަރު

ހުރާގައި މީރު ފެން ޓެސްޓް ކުރަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ޔޫއާރްއޭ އާއި ހުރާ ކައުންސިލާއި ދެމެދު އެއްބަސްވުމުގައި ސޮއި ކުރުމުގެ ތެރެއިން، -- ފޮޓޯ: ޔޫއާރްއޭ

ކ. ހުރާގެ މީރުފެން އުފައްދާ ނިޒާމުން ސަޕްލައި ކުރާ ފެނުގެ ކޮލިޓީ ދެނެގަތުމަށް ޓެސްޓް ކުރަން ފަށައިފިއެވެ.

Ads by Hajj Corporation

މިދިޔަ ބުރާސްފަތި ދުވަހު ޔުޓިލިޓީ އޮތޯރިޓީ (ޔޫއާރްއޭ) އާއި ހުރާ ކައުންސިލާ ދެމެދު ވަނީ މިކަމާއި ގުޅޭ އެއްބަސްވުމެއްގައި ސޮއި ކޮށްފައެވެ. ހުރާގައި ބޭއްވި ރަސްމިއްޔާތުގައި ޔޫ.އާރ.އޭގެ ފަރާތުން ސޮއިކުރެއްވީ އެ އޮތޯރިޓީގެ ޑިރެކްޓަރ ފާތިމަތު ފިޒްނާ ޔޫސުފެވެ. އަދި ހުރާ ކައުންސިލްގެ ފަރާތުުން ސޮއިކުރެއްވީ ކައުންސިލްގެ ރައީސް އީސާ އަހްމަދެވެ.

މި އެއްބަސްވުމުގެ ދަށުން، ރައްޔިތުންނަށް ފޯރުކޮށްދެވޭ ފެނަކީ ސިއްހީގޮތުން ރައްކާތެރި، ބުއިމަށް އެކަށީގެންވާ، އަދި އެހެނިހެން ކަންކަމަށް ބޭނުންކުރަން ކަމުދާ ސާފު ފެންކަން ކަށަވަރުކުރުމުގެ ގޮތުން އެރަށަށް ފޯރުކޮށްދޭ ސަޕްލައި ފެން ގަވާއިދުން ސާންޕަލްކޮށް ޓެސްޓު ކުރެވިގެންދާނެއެވެ.

ޔޫއާރްއޭއިން ބުނީ، މި އެއްބަސްވުމުގެ ދަށުން ސަޕްލައި ފެން ސާމްޕަލް ކުރުމަށް ކައުންސިލް ތަމްރީނުކޮށް ގާބިލިއްޔަތުކަން އިތުރު ކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގައި ފޯރުކޮށްދޭ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަކީ ގާނޫނުން ޔޫއާރްއޭއަށް މަތިކުރެވިފައިވާ ޒިންމާއެކެވެ. އެގޮތުން، މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ ޖުމުލަ ތޭރަ ސަރަހައްދަކުން ކޮންމެ ދުވަހަކު ފެން ސާމްޕަލްކޮށް ޓެސްޓުކުރެވެއެވެ. މާލެ ސަރަހައްދު ފިޔަވައި އެހެން ރަށެއްގައި ފެން ޓެސްޓް ކުރަން ފެށުނު މިއީ ފުރަތަމަ ފަހަރެވެ.

ޔޫއާރްއޭއިން ބުނީ، މާލެ ސިޓީ ނޫން ރަށްތަކުގައި ފެން ޓެސްޓް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވިފައިނުވަނީ އެ މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތްތައް ނެތުމާއި ދަތުރުފަތުރުގެ ނިޒާމުގެ ދަތިކަމުގެ ސަބަބުން ކަމަށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!