ލައިފްސްޓައިލް

ހަޤީޤީ ޙާދިޘާ: ޅަ އުމުރުގައި ބައްޕަގެ ލޯބިން މަހުރޫމުވި ދިވެހި ޒުވާނެއް ބައްޕައަށް ޓަކައި ވީ ގުރުބާނީގެ ވާހަކަ

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދަރިއަކަށް އެންމެ މުހިއްމު އެއްޗަކީ އެދަރިއެއްގެ މައިންބަފައިންގެ ލޯބި ކަމާމެދު ޝައްކު ކުރާނެ ހަމަ އެކަކު ވެސް ނޫޅޭނެއެވެ. އެގޮތުން މައިންބަފައިންގެ ތެރެއިންގެ ތެރެއިން އެންމެ ބޮޑަށް ލޯބިވާން ޖެހޭ އަދި އެންމެ އިސްކަންދޭން ޖެހޭ މީހަކީ މަންމަ ކަމާމެދު ވެސް ޝައްކެތް ނެތެވެ. ނަމަވެސް ބައްޕަގެ އަގުވަޒަން ނުކުރެވޭނޭ ގުރުބާނީ ތަކަކީ ދުވަހަކު ވެސް ހަނދާން ނައްތާލެވޭނެ ކަންކަމެއް ނޫނެވެ.

Ads by Sosun Fihaara

ކޮންމެ މީހަކީ ވެސް އެމީހެއްގެ މަންމަ އާއި ބައްޕަގެ އަޅާލުމާއި އޯގާތެރިކަމާއި ލޯބި ބޭނުންވާނެ މީހެކެވެ. އަދި ބައްޕައެއްގެ ލޯތްބަކީ ޚާއްޞަކޮށް ފިރިހެން ދަރިއަކަށް ވަރަށް މުހިއްމު އެއްޗެއް ކަން ޔަގީނެވެ. ނަމަވެސް އިލާހީ ގާނޫނަކީ ދިރުމާއި މަރުވުން ކަމަށް ވީހިނދު އެތައް ބަޔަކީ ބައްޕަގެ ވަކިވެ ދިޔުމުގެ ސަބަބުން އެ ލޯބިން މަހުރޫމުވެފައިވާ ބައެކެވެ. އަދި ބައެއް މީހުންނަކީ އާއިލާ ރޫޅި ނުވަތަ އެހެންވެސް ސަބަބެއް މެދުވެރިވެގެން ބައްޕައާ ވަކިން އުޅެން ޖެހިފައިވާ ބައެކެވެ.

އެގޮތުން މިއީ ވެސް ބައްޕަގެ ލޯބިން މަހުރޫމުވެ ދިރިއުޅުމުގައި ބަނަ ދުވަސްތަކެއް ވޭތުކުރި ޒުވާނެއްގެ ވާހަކައެވެ.

މި ޒުވާނާ "ދެން" އާއި މިވާހަކަ ހިއްސާ ކުރީ ނުހަނު އަސަރާއެކު ފެން ކަޅިވެފައި ހުރެއެވެ. ވާހަކަ އަޑުއަހަމުން ދިޔައިރު އަޅުގަނޑަށް ވެސް ފުން އަސަރުތަކެއް ކުރިއެވެ. ގައިން ހީބިހި ނަގައިގެން ދިޔައެވެ. ތިޔަ ކިޔުންތެރިންނާ ހަމައަށް އަޅުގަނޑު މިދޫކޮށްލަނީ މި ހިތްވަރުގަދަ ޒުވާނާގެ ދިރިއުޅުމުގެ ވާހަކައެވެ.ޢިބްރަތަކަށް ވާނޭ ކަމަށް އުއްމީދު ކުރަމެވެ.

"އުމުރުން މާގިނަ ދުވަސްތަކެއް ނުވެ އަހަރެން ބައްޕަގެ ލޯބިން މަހުރޫމުވީ ބައްޕަގެ ނުބައި ކަމުންނެއް ނޫނެވެ. ބައްޕަގެ ގައިގައި ހަރުލާފައި ހުރި ސިފައެއްގެ ސަބަބުންނެވެ ދަރިންނާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަށްވުރެ ބައްޕައަށް އިސްކުރެވުނީ އެ ކުރަމުން ގެންދިޔަ ވިޔާނުދާ އަމަލެވެ. އަހަރެންނަކީ ބައްޕަގެ އަލަތު ދަރިފުޅެވެ. އުމުރުން އެންމެ 2 އަހަރުގައި އަހަރެން ބައްޕަގެ ލޯބިން މަހުރޫމު ވީ ބައްޕަ އެދުވަހު ކުރި އަމަލެއްގެ ސަބަބުންނެވެ. ބައްޕަ ހުރީ މަސްތުވާތަކެތީގެ އަވާގައި ޖެހި ސަލާމަތް ނުވެވޭ ވަރުވެފައެވެ.

އަހަރެންގެ އުމުރުން އެހާ ކުޑައިރު އަހަރެންނާއި ބައްޕަ ދުރުވާން ޖެހުނީ މަސްތުވާތަކެތީގެ މައްސަލައެއްގައި ފުލުހުން ބައްޕަ ހައްޔަރު ކުރި ހިސާބުންނެވެ. ދިރިއުޅުމުގައި އައި އެންމެ ބަނަ ދުވަސްތައް ގުނަން ޖެހުނީ އުމުރުން ހަމަ އެންމެ ތިން އަހަރުގައެވެ. މުޅި އާއިލާގެ އޮއިވަރު ބަދަލުވެ ގަދަ ކަނޑެއްގައި އަހަރެން ގޮވައިގެން ދަތުރު ކުރަން ޖެހުނީ އަހަރެންގެ ނިކަމެތި ލޯބިވާ މަންމައަށެވެ. ސަބަބަކީ ބައްޕަ 5 އަހަރު ދުވަހަށް ޖަލަށްލައި ޖަލުގެ ތޭރިތަކުގެ ތެރޭގައި ދުވަސްތައް ގުނަން ފަށަން ޖެހުމުންނެވެ.

މަންމަ އަހަރެންނަށް އެކަން އިހުސާސު ވިޔަ ނުދިނުމަށްޓަކައި ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރަމުން ދިޔައެވެ. މަންމަގެ އާއިލާގެ އެކި މީހުންގެ ކައިރީގައި އަހަރެން ބޮޑުވަމުން ދިޔައީ މަންމަގެ އާއިލާގެ މީހުންނާއެކު އެއް ފުރާޅެއްގެ ދަށުގައެވެ. އަހަންނަށް އެއްވެސް އެއްޗެއް މަދުވިޔަ ނުދީ އަހަރެންގެ މަންމަ އަހަންނަށް ހުރިހާ ކަމެއް ފުއްދައިދެމުން ދިޔައެވެ. ހަމަ އެންމެ ކަމެއް ފިޔަވައެވެ. އަހަރެންގެ ބައްޕަގެ ލޯބި ނޫން ހުރިހާ އެއްޗެއް އެދުވަހު އަހަރެންގެ މަންމަ އަހަންނަށް ހޯދައިދެމުން ދިޔައެވެ. އެކަމުގައި އަހަރެން މަންމަ އެއް ކުށްވެރިއެއް ނުކުރަމެވެ. ދިރިއުޅުމުގެ ކަނޑުގައި ބިޔަ ރާޅުތަކާ އަހަރެންގެ މަންމަ އަހަރެން ގޮވައިގެން ހަނގުރާމަ ކުރީ ގިނިކަންޏާއެވެ.

މީހުންގެ އަތުން ދަރަންޏަށް ލާރި ނަގައި މަންމަގެ ބޮލުގައި ބޮޑެތި ދަރަނިތަކެއް އެޅެމުން ދިޔައީ ވެސް ހަމަ އަހަރެންނަށް އުފާވެރި ދިރިއުޅުމެއް ހޯދައިދިނުމަށް ޓަކައެވެ. ހަމަ އަހަންނަށް ޓަކައެވެ. އަހަރެންގެ މަންމަ އަހަރެން ބަލައި ބޮޑު ކުރަމުން ދިޔައީ ނުހަނު ވޭނާއި ކެކުޅުމުގައި އުޅެމުންނެވެ. ބައްޕަގެ ޖަލު ބަންދަށް ނިމުމެއް އައީ ޖަލަށް ލީތާ 3 އަހަރު ދުވަސް ފަހުން ސަރުކާރުން ލިބުނު ލުޔެއްގެ ދަށުންނެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 6 އަހަރެވެ.

ބައްޕަ ޖަލުން ނުކުތް ދުވަހު އަހަރެން ބައްޕަގެ އިސްތިގުބާލުގައި މާލޭ ޖަލަށް ދިޔައީ ފޮނި ހުވަފެންތަކަކާ އެކުގައެވެ. އާނއެކެވެ. މިނިވަންވި ފުރަތަމަ ދުވަސްކޮޅުގައި ބައްޕަ ވަރަށް ވެސް ރަނގަޅެވެ. ބަރާބަރަށް އަހަރެންގެ ހަރަދުތައް ކޮށްދެމުން ދިޔައެވެ. އަހަރެންނަށް ބައްޕަގެ ފިރުމުންތަކާއި ލޯބި ލިބެން ފެށިވެސް މެއެވެ. ބައްޕަ އަކީ މުޅިން ބަދަލުވެފައިވާ މީހެއްކަމަށް އަހަރެން ހީކުރީމެވެ. އެ ހުރިހާ ކަމަކާއެކު އަހަރެންނަށް ލިބުނީ ނުހަނު އުފާވެރި ޚަބަރެކެވެ. އަހަރެމެންގެ ކުޑަ އާއިލާއަށް އިތުރު މެންބަރަކު އަންނަން އުޅޭ ކަމުގެ އުފާވެރި ޚަބަރެވެ. އުފަލުގެ ކޮޅެއްވެސް ނެތް ފަދައެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ބަހާރު މޫސުން އައި ދުވަސްވަރެކެވެ. ބަހާރު މޫސުމުގައި އަހަރެންގެ ދިރިއުޅުން ހޭދަ ކުރަމުން ދިޔައީ ކުރިމަތީގައި އަންނަން އޮތް ކޮޅިގަނޑުގެ އެއްވެސް ޚިޔާލެއް ފިކުރެއް ވެސް ނެތިއެވެ.

ކޮއްކޮ ވިހައިގެން މަންމަވެސް އެނބުރި ރަށަށް އައީ ނުހަނު އުފަލުން ހުރެއެވެ. ބައްޕަގެ ފުރިހަމަ ލޯތްބާއި އަޅާލުން މަންމައަށް ވެސް އޭގެ ފުރިހަމަ ގޮތުގައި ލިބެމުން ދިއުމުންނެވެ. ނަމަވެސް... ކޮއްކޮގެ އުމުރުން ހަތަރު އަހަރުގައި އަނެއްކާވެސް ބައްޕަގެ ކުރީގެ އުޅުމަށް ބައްޕަ ބަދަލުވާން ފެށިއެވެ. ބައްޕަ ގެންގުޅުނު ރައްޓެހިންގެ ސަބަބުންނެވެ. މާ ގިނަ ދުވަސްތަކެއް ނުވެ އަނެއްކާވެސް ބައްޕަ އަހަރެމެންގެ ލޯމަތިން ގެންދިޔައެވެ. އަހަރެންގެ ޅަ އުމުރު ބައްޕަ ހޭދަކޮށްލި ޖަލުގެ ތޭރިތަކުގެ ތެރޭގައެވެ. ކޮއްކޮގެ ޅަ އުމުރުގައިވެސް ބައްޕަގެ ލޯބިން މަހުރޫމުވާނެ ކަން އެނގުމުން އަހަރެންގެ ލޯ ކަރުނުން ފުރުނެވެ، ނަމަވެސް ކެތް ކުރީ ލޯބިވާ މަންމަ އާއި ކޮއްކޮއަށް ޓަކައެވެ. ދިރިއުޅުމުގެ ދަތުރުގައި ވަރުބަލިވީ ނަމަވެސް އައު އަޒުމަކާއެކު ދިރިއުޅެން ފެށީ ހަމަ އެދެމީހުންނަށް ޓަކައެވެ.

ދެކުދިން ލިބުނު އިރުވެސް ބައްޕަގެ އެ އުޅުމެއް ބަދަލެއް ނުވިއެވެ. އަނެއްކާވެސް މަންމައަށް އަހަރެންނާއި ކޮއްކޮ އެކަނިމާ އެކަނި ބެލުމަށް މަޖުބޫރުވިއެވެ. މީހުންގެ ފުރައްސާރަ އާއި މަލާމާތަށް ކުރިމަތިލީ ވެސް އެ ހިތްވަރުގަދަ މަންމައެވެ. އެ މަލާމާތްތަކާއި ފުރައްސާރަތަކަށް އަހަރެންނާއި އަހަރެންގެ ކޮއްކޮއަށް ޓަކައި މަންމަ ދިނީ ބީރު ކަންފަތެކެވެ. މާ ގިނަ ދުވަސްތަކެއް ނުވެ، އާއިލާގެ މީހުން ގިނަވެ އުޅޭ ގެއިން އެހެން ގެއަކަށް ބަދަލުވާން ޖެހިއްޖެއެވެ.

މަންމަ އެކަނިމާއެކަނި އެކަން ވެސް ކުރީ އަހަރެމެން ދެބެންނަށް ޓަކައެވެ. އަހަރެމެން ދެބެންގެ ހައްގުގައެވެ. އެ ހިތްވަރުގަދަ މަންމަ އަމިއްލައަށް ކުރާ މަސައްކަތުންނާއި އަދި އާއިލާގެ މީހުންގެ އެހީތެރިކަމާއެކު އަހަރެމެން ދެމީހުން ބަލައި ބޮޑު ކުރަމުން ދިޔައީ އެއްގޭ އަސްކަނި ދަށުން އަނެއްގޭގެ އަސްކަނި ދަށުންނެވެ. އަހަރެމެން ބަލާ ބޮޑު ކުރަމުން ދިޔައިރު އަހަރެމެންނަށް ވުރެ އުފަލުގައި އުޅޭ އެހެން ބަޔަކު ނުވާނޭ ކަމަށް އަހަރެން ހީކުރީމެވެ. ސަބަބަކީ މަންމަގެ ލޯބިން އަހަރެމެން ދެބެންގެ ހިތް ފުރާލަދޭތީއެވެ.

ބައްޕަ އަނެއްކާވެސް ހަތަރު އަހަރު ދުވަސް ފަހުން އެނބުރި އައީ އަހަރެމެންގެ ކައިރިއަށެވެ. މިފަހަރުވެސް ބައްޕަގެ އުޅުމަށް ބަދަލުތަކެއް އައިސްފައިވާ ވާކަން އަހަންނަށް ފާހަގަ ކުރެވުނެވެ. ބައްޕަގެ ލޯބި އަހަރެމެން ދެބެންނަށް ލިބެމުން ދިޔަ ނަމަވެސް ބައްޕަ ކުރަމުން ދިޔަ ވިޔާނުދާ އަމަލުތަކެއް ބައްޕަ ނުހުއްޓައެވެ.

ދެން އަހަރެންގެ ދިރިއުޅުމަށް އައީ ވަރަށް ބަނަ ދުވަސްތަކެކެވެ. އަހަރެންގެ ލޯބިވާ މަންމަ އާއި ބައްޕަ އާއި ދެމެދު މައްސަލަ ޖެހެން ފެށިއެވެ. ދުވަހަކަށް ވުރެ ދުވަހެއް ޖެހެމުން ދިޔަ މައްސަލަތައް ދިޔައީ ގިނަ ވަމުންނެވެ. ބައްޕަ މަޑުމަޑުން ބައްޕަގެ ވިޔާނުދާ އަމަލުތަކާ ދުރުވަމުންދާ ކަމަށް އަހަރެން މަންމައަށް ވިސްނައިދެވޭތޯ ބެލީމެވެ. އޭރު އަހަރެންގެ އުމުރުން 13 އަހަރެވެ. އެއީ އަހަރެންގެ ދިރިއުޅުމުގައި ވަރަށް ވެސް ހިތްދަތި ދުވަސްތަކެކެވެ. އަހަރެންގެ ސާނަވީ ތައުލީމުގެ އެންމެ މުހިންމު ދުވަސްތައް އަހަރެން ހޭދަކުރަމުން ދިޔަ ދުވަސްވަރެވެ. އެ މުހިންމު ދަނޑިވަޅުގައި ވެސް އަހަންނަށް އަޑުއިވެމުން ދިޔައީ މަންމަ އާއި ބައްޕަގެ ޒުވާބުގެ އަޑެވެ. ގުރޭޑް 10ގައި އަހަރެން ތައުލީމު ހާސިލު ކުރަމުން ދިޔަ އިރުވެސް އަހަރެން އުޅެން ޖެހުނީ އެހާލުގައެވެ.

އަހަންނަށް ނޭނގި އަހަރެންގެ ބައްޕަގެ ކައިރިން ވަރިވުމުގެ މަސައްކަތް އަހަރެންގެ މަންމަ ކުރަން ފެށިއެވެ. އަހަރެންނަށް އެކަން އެނގުނު ދުވަހު އަހަރެން ވަރަށް ދެރަވިއެވެ. އަހަރެންގެ ހިތް ފަޅައިގެން ދިޔަ ކަހަލައެވެ. އަހަރެން އެކަން އެނގުނު ހިސާބުން މަންމައަށް ވިސްނައިދެމުން ދިޔައީ އަހަންނަށް ޓަކައި ނަމަވެސް ބައްޕަ އެކަނިކޮށް ނުލުމަށެވެ. އާނއެކެވެ. ވަރަށްވެސް ހެއްވާ ވާހަކައެކެވެ. އެހާ ގޯސްކޮށް ބައްޕަ އުޅެމުން ދިޔަ އިރުވެސް އަހަރެން ބައްޕަ ދިފާއު ކުރީމެވެ. ސަބަބެއްނެތި އެއްވެސް ނޫނެވެ. މަންމަ އާއި އަހަރެމެން ދެބެން ދޫކޮށް ބައްޕަ ގޮސްފިނަމަ ބައްޕަ މި ދުނިޔޭގައި އެކަނިވެ ގިނަ ވާނެ ކަން އަހަރެންގެ ޒަމީރު އަހަރެންނަށް ވިސްނައިދެމުން ދިޔައީމައެވެ. ބައްޕަ ދެކެ އަހަރެންވާ ލޯތްބެއްގެ ބޮޑު ކަމުންނެވެ. ޖަލުގެ ތޭރިތަކުގެ ތެރެއަށް އަހަރެންގެ ލޯ ކުރިމަތީގައި ބިޑިއަޅައިގެން ބައްޕަ ގެންދާ މަންޒަރު ބަލަން ދެން އަހަންނަށް ކެތް ނުވާނެތީއެވެ.

އަހަރެންގެ އާދޭސްތަކުގެ އަޑު މަންމަ އެހިއެވެ. އަދި އަހަރެންގެ ބައްޕަގެ ކައިރިން ވަރި ނުވުމަށް އެ ނިކަމެތި މަންމަ ނިންމިއެވެ. އަހަންނަށް ޓަކައެވެ. އަހަރެންގެ ކޮއްކޮއަށް ޓަކައެވެ. ނަމަވެސް އެކަން ކުރަން މަންމަ އެއްބަސްވީ މަންމަގެ ގާތުގައި އަހަރެން ވައުދެއް ވުމުންނެވެ. ދެން އިތުރަށް ބައްޕަގެ ފަރާތުން ވިޔާނުދާ އަމަލެއް ފެނި ބައްޕަ ޖަލުގެ ތޭރިތަކުގެ ތެރެއަށް ގެންދިއުމުގެ ކުރިން ބައްޕަ ހަމަ މަގަށް އަޅުވާނެ ކަމަށް މަންމައަށް ވައުދު ވުމުންނެވެ.މަންމަ އަހަރެންނަށް އެ ފުރުސަތު ދިނީ މަންމަ އަހަންނަށް ކުރާ އިތުބާރެއްގެ ބޮޑު ކަމުންނެވެ.

ސާނަވީ ތައުލީމު ނިމި މިއަދު އަހަރެން މިހުރީ އަހަރެންގެ މަންމައަށް ވީ ވައުދު ފުއްދުމަށް އަތުކުރި އޮޅާލައިގެންނެވެ. ﷲގެ ރަހުމަތުން އަހަރެންގެ ބައްޕައަށް އަހަރެންގެ އާދޭހުގެ އަޑު އިވުނީ މި ފަނާކުރުވަނިވި ދުނިޔޭގެ އުފަލާއި މަޖަލުގެ އަވާގައި ޖެހި އޮޔާ ގެނބެމުން ދަނިކޮށެވެ. މަސްތުވާތަކެތީގެ ވަބާގައި ޖެހި މަގު ގެއްލިފައިވަނިކޮށް އަހަރެންގެ އަތުގައި ބައްޕަ ހިފީ އަހަރެންގެ ނަސޭހަތާއި އާދޭހުގެ އަޑު އަހަމުންނެވެ. އެހާލުގައި ބައްޕަގެ އަތުގައި އަހަރެން ހިފީ ވަރަށް ހިތްވަރާއެކު ބައްޕަ ހަމަ މަގަށް އެޅުވުމުގެ އަޒުމުގައެވެ.

މާތް ﷲގެ ރަހުމަތްފުޅުން މިއަދު އަހަރެމެންގެ އާއިލާއަކީ ފުދިގެން އުޅޭ މަންމަ އާއި ބައްޕަގެ ފުރިހަމަ ލޯބި ލިބޭ އާއިލާއަކަށް ވަނީ ވެފައެވެ. އަހަރެންގެ މަންމައަށް މަލާމާތާއި ފުރައްސާރަ ކުރި މީހުންނަށް މަންމަ ރައްދު ދިނީ އަހަރެން ވެސް އެ ހަނގުރާމައިގައި މަންމަ އާއި އެކު ބައިވެރިވެގެންނެވެ. މިއަދު އެމީހުން އެތިބީ ބުނާނެ ބަހެއް ނޭނގި އާޝޯހު ވެފައެވެ. ދުވަހަކު ވެސް ބަދަލު ނުވާނޭ ބުނި އަހަރެންގެ ބައްޕަ މިއަދު އިޞްލާޙް ވެފައިވާތަން ފެނުމުން އަންތަރީސް ވެފައެވެ.

މިއަދު އަހަރެން މިހުރީ އުފާވެރިކަމާއެކު އިތުރަށް ތައުލީމު ހާސިލުކުރުމަށް މާލެ އައިހެވެ. މުސްކުޅިން ބުނަނީ ތެދެއް ކަން އަހަންނަށް މިއަދު އެނގި ޔަގީން ވެއްޖެއެވެ. އާނއެކެވެ. އަޑިގަނޑަކަށް ފަހު އުސްގަނޑެއް ދިރިއުޅުމުގައި އަންނާނެ ކަން ޔަގީނެވެ. ބޭނުންވަނީ ހިތްވަރާއެކު ވަގުތު އައިސް ޖެހެންދެން ކެތްތެރިކަމާއެކު މަޑުކޮށްލުމެވެ. ހުރިހާ ޙަަމްދެއް ހުރީ ގަދަކީރިތިވަންތަ މާތް ﷲ އަށެވެ."

އެ ޒުވާނާ އޭނާގެ ދިރިއުޅުމުގެ ވާހަކަ އަލިފުން ޔާ އަށް ކިޔައިދީ ނިމެންދެން ޝައުގުވެރިކަމާއެކު އަޑު އަހަން އިނީމެވެ. ގައިން ހީބިހި ނަގާފައިވާ ހާލު އެ ޒުވާނާގެ ހިތްވަރަށް ހިތާހިތުން ތައުރީފް ކުރަމުންނެވެ. އަދި އެ އާއިލާއަށް އުފާވެރި ފާގަތި ދުވަސްތަކެއް ދެއްވުން އެދި ﷲގެ ޙަޟްރަތަށް ދުއާ ކުރަމުންނެވެ.

Ads by Allied Insurance
  1. ޢަހަރެން

    ޒުވާނާ ތިޔަ ކުރެއްވި މަސައްކަތަށް ސާބަސްދެން. މާޝާﷲ. އަބަދުވެސް ތިޔަ ގޮތުގައި ހުރެވޭތޯ ބަލާތި. ލިޔުން ކިޔާލާފަ ރޮވިއްޖެ ހަމަ. ޒުވާނާއަށް އުފާ ފާގަތި ދވަސްތަކެއް މިންވަރު ކުރައްވާ ހުރިހާ ކަމެއްގައިވެސް ކާމިޔާބު މިންވަރު ކުރައްވާށި. ޢާމީން