މި ސަރުކާރުގެ ތިން ޑެޕިއުޓީ މިނިސްޓަރަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރާ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަކުރި ކުރުން ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މޫސާ ޒަމީރު ދެއްވައިފިއެވެ.
ފުރުއްސާރަކޮށް މަލާމާތްކުރި މައްސަލާގައި ސަރުކާރުން ވަނީ ޔޫތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު މަގާމުން ސަސްޕެންޑު ކޮށްފައެވެ.
މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި އިންޑިއާގެ އޭއެން އައި ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުގައި ޒަމީރު ވިދާޅުވީ އެ ތިން ޑެޕިއުޓީން ދެއްކެވި ވާހަކަ އަކީ ސަރުކާރުގެ ސްޓޭންޑެއް ނޫން ކަމަށެވެ. އަދި އެފަދަ އަމަލެއް ތަކުރާރު ނުވާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ.
"އަޅުގަނޑަށް މި ވިދާޅުވީ މިއީ ސަރުކާރުގެ ސްޓޭންޑެއް ނޫން ކަމަށް ނުވަތަ ސަރުކާރުގެ ވިސްނުމެއް ނޫން ކަމަށް. އަދި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއީ ވެގެން ވާނެ ކަމެއް ނޫން. އަދި ދެން އެކަން ތަކުރާރު ނުވާނެކަން ޔަގީން ކުރުމަށް އެކަށީގެންވާ ފިޔަވަޅު އަޅަމުން މިގެންދަނީ." މިކަން ތަކުރާރު ނުވާނެ." މިނިސްޓަރު ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި އަދިވެސް ދެ ގައުމުގެ ދެމެދު ހިޔާލު ތަފާތުވުންތަކެއް އުޅުނުކަމުގައި ވީނަމަވެސް ރާއްޖެއާ އިންޑިއާގެ ސަރުކާރުގެ ދެމެދު އެފަދަ އެއްވެސް ކަމެއް ނެތް ކަމަށް މިނިސްޓަރު ޔަގީންކަން އެރުވިއެވެ.