ޚަބަރު ސަރުކާރު

ތިމާވެށީގެ ދުވަހު ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް ފަށަނީ

ފާރިހާ ޢަދުނާން ، ދެން އޮންލައިން
ރަށެއްގައި އިންދާފައިވާ ގަސްތަކެއް/ ފޮޓޯ: އަވަސް

މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ފަސް މިލިއަން ގަސް އިންދަން ނިންމާފައިވާ ޕްރޮގްރާމް މި އަހަރުގެ ތިމާވެށީގެ ދުވަަސް ކަމަށްވާ ޖޫން މަހުގެ ފަސް ވަނަ ދުވަހު ފަށަން ނިންމައިފިއެވެ.

Ads by STELCO

މި ސަރުކާރުގެ ފަސް އަހަރުތެރޭގައި ތިމާވެށި ހިމާޔަތްކޮށް ރާއްޖޭގެ ނާޒުކު ވެއްޓަށް ލިބެމުންދާ ގެއްލުންތަކުން އަރައިގަތުމަށް ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިިވާ ކަމެކެވެ. އަދި އެކަން މިދިޔަ އަހަރުގެ ޑިސެމްބަރު މަހު ދުބާއީގައި ބޭއްވި ގުޅޭ ގޮތުން "ކޮޕް28" ސަމިޓްގައި ތިމާވެށީގެ މައްސަލަތަކާއި ގުޅިގެން ދެއްކެވި ވާހަކަފުޅުގައި އިއުލާނުކުރައްވާފައިވެއެވެ.

އަންނަ މަހުގެ ފަސްވަނަ ދުވަހު ފަށަން ނިންމާފައިވާ މި ޕްރޮގްރާމާއި ގުޅޭ ގޮތުން ތިމާވެއްޓާ ބެހޭ މިނިސްޓަރު ތޯރިގް އިބްރާހީމް ޕީއެސްއެމް ނިއުސް ރާއްޖެ މިއަދު ޕްރޮގްރާމްގައި ވިދާޅުވީ، މި ގަސް އިންދުމުގެ ޕްރޮގްރާމް މީހުން ދިރިއުޅޭ ހުރިހާ ރަށަކާއި ރިސޯޓުތަކުގައި ވެސް ކުރިއަށް ގެންދާނެ ކަމަށެވެ.

އިތުރަށް މިނިސްޓަރ ވިދާޅުވީ، މި ޕްރޮގްރާމް ފެށުމުގެ ގޮތުން ފުރަތަމަ ފިޔަވަހީގައި އިންދުމަށް ހަމަޖެހިފައިވަނީ 4 ބާވަތެއްގެ ގަސްކަމަށެވެ. އެއީ ނެތިދިއުމުގެ ބިރު ހީވެފައިވާ ގަސްތަކާއި، މޭވާ އަޅާ ގަހާއި، ހިޔާ ލިބޭ ގަސްތަކުގެ އިތުރުން ދިވެހި ބޭސްވެރިކަމަށް ބޭނުން ކުރާ ގަސްތައްކަމަށް ވިދާޅުވިއެވެ.

ތޯރިގު ވިދާޅުވީ، މީގެކުރިން ވެސް ރާއްޖޭގައި ގަސްއިންދުމުގެ ޕްރޮގްރާމްތައް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. ނަމަވެސް، އެ ޕްރޮގްރާމްތައް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ނުގެންދެވެނީ އިންދާ ގަސްތައް ރަނގަޅަށް ބެލެހެއްޓުމުގެ މަސައްކަތް ކޮށްފައި ނުވާތީކަމަށެވެ.

"މީގެ ކުރިން ވާާއެއްޗަކީ ގަސް އިންދާފަ އެ މޮނިޓަރއެއް ނުކުރެވޭ.ކުރިއަށް އޮތްތާނގައި އިރާދަކުރެއްވިއްޔާ މޮނިޓަރ ކޮށްގެން ކުރިއަށްގެންދާނީ. މިކަމުގައި ކުރެވިފައި ހުރި އެކްސްޕީރިއެންސާއެކު އެއަށްވުރެ ރަނގަޅަށް މި ޕްރޮގްރާމް ކުރިއަށްދާނެ،"

މިނިސްޓަރ ވިދާޅުވީ މި ޕްރޮގްރާމުގެ ދެވަނަ ފިޔަވަހީގައި 90 އަށްވުރެ ގިނަ ބާވަތުގެ ގަސް އިންދަން ނިންމާފައިވާ ކަމަށެވެ. އަދި އެކަން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށްގެންދިއުމަށް ރަށްތަކުގައި ނާސަރީތައް ހަދައި އާންމުނަށް ގަސް ލިބޭ އިންތިޒާމް ހަމަޖައްސާނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!