އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން (އިސެސްކޯ) ގެ، ދުނިޔޭގެ ތަރިކައިގެ ލިސްޓުގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ހިމެނުމާ ގުޅޭ ގޮތުން މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފި އެވެ.
އެ މަޝްވަރާތައް ކުރިއަށް ގެންގޮސްފައިވަނީ ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު އާދަމް ނަސީރުއާ އިސެސްކޯގެ ޑިރެކްޓާ ޖެނެރަލް ޑރ. ސާލިމް އަލްމާލިކާއެކު ބޭއްވި ބައްދަލުވުގަ އެވެ.
"ޝޫޝާ – ކަލްޗަރަލް ކެޕިޓަލް އޮފް ދަ އިސްލާމިކް ވޯލްޑް 2024" ގައި ބައިވެރިވެވަޑައިގަތުމަށް ވަޒީރު އާދަމް ނަސީރު އިބްރާހީމެވެ ހުންނެވީ އަޖަރުބައިޖާނުގެ ބަކޫގަ އެވެ.
ތަރިކައާ ބެހޭ ވުޒާރާއިން ބުނީ، އެ ދަތުރުގެ މައިގަނޑު މަގުސަދުތަކުގެ ތެރޭގައި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް މަސައްކަތް ކުރުން ހިމެނޭއިރު، އެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވިފައި ވަނީ އެކަމާ ބެހޭ ގޮތުން ކަމަށެވެ.
އިސެސްކޯ ގެ ޑިރެކްޓާ ޖެނެރަލް ސާލިމް އަލްމާލިކް ވަނީ ރާއްޖޭގެ އާސާރީ މިސްކިތްތަކުގެ ތެރޭގައި ހިމެނޭ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ބައްލަވަން ޖެހޭ ބެއްލެވުމާއެކު، އެކަމާ ގުޅިގެން ކުރައްވަން ޖެހިވަޑައިގަންނަވާ އެހެނިހެން ކަންކަން ކުރިއަށް ގެންދަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ތަރިކައާ ބެހޭ ވުޒާރާއިން މިއަދު ޝާއިއުކުރި ހަބަރެއްގައި ބުންޏެވެ.
''މިއާއެކު ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި ހިމެނުމަށް ކުރެވެމުންދާ މަސައްކަތް ކާމިޔާބު ވާނެ ކަމުގެ ފެހި ސިގުނަލް މިވަނީ ލިބިފަ އެވެ''
އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ދާއިމީ ލިސްޓުގައި މިސްކިތްތަކާއި އާސާރީ އެހެނިހެން ބިނާ ހިމެނުމުގެ ކަންކަން ބަލަހައްޓަނީ އެ ޖަމާއަތުގެ އެއް ގުނަވަން ކަމަށްވާ އިސްލާމިކް ވޯލްޑް ހެރިޓޭޖް ކޮމިޓީންނެވެ.
2023 ވަނަ އަހަރުގެ ޑިސެންބަރު 18 އިން 19 އަށް، މޮރޮކޯގެ ރަބާތުގައި ހުންނަ އެޖަމާއަތުގެ މައި އޮފީހުގައި ކުރިއަށް ގެންދިޔަ އެ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އިސެސްކޯގެ ދުނިޔޭގެ ތަރިކައިގެ ލިސްޓަށް 213 އާސާރީ ތަންތަނާއި ތަކެތި އިތުރުކޮށްފަ އެވެ.
އެއާއެކު އެ ލިސްޓުގައި މިހާރު 634 އާސާރީ ތަންތަނާއި ތަކެތި ވަނީ ހިމެނިގެން ގޮސްފަ އެވެ. މީގެ ތެރޭގައި ތަރިކައިގެ ދާއިމީ ލިސްޓުގައި އަދި ނުހިމަނާ ބައެއް ތަންތަން ވެސް ހިމެނެ އެވެ. މި ލިސްޓަކީ މާއްދީ ތަރިކައާއި މައުނަވީ ތަރިކަ ވެސް ދަފްތަރު ކުރެވޭ ލިސްޓެކެވެ.
ވަޒީރުގެ މި ދަތުރަކީ އަޒަރްބައިޖާނުގެ މިނިސްޓާ އޮފް ކަލްޗާ އަދި އިސްލާމިކް ވޯލްޑް އޮފް އެޑިއުކޭޝަނަލް، ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަން ގެ ޑިރެކްޓާ ޖެނެރަލް އާދިލް ކަރިމްލީ ގެ ދައުވަތަކަށް ކުރާ ދަތުރެކެވެ.