ރާއްޖޭގައި އެއާ އެމްބިއުލާންސްގެ ހިދުމަތް ތައާރަފު ކުރެވުނު ފަހުން މިއަހަރުގެ މިހާތަނަށް 148 ކޮށްފައިވަކަމަށް ސިއްހީ ކަންކަމާއި ބެހޭ ވުޒާރާއިން ބުނެފި އެވެ.
އެވުޒާރާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވަޒީރު ޑރ. އަބްދުﷲ ހަލީލު ވިދާޅުވީ މިއަހަރު މިހާތަނަށް އެއަރ އެމްބިއުލާންސު އަދި ސީ އެމްބިއުލާންސުގައި 192 މީހުން އުފުލުން ކަމަށާއި ބައެއް ދަތުރުތަކުގައި އެކަކަށް ވުރެ ގިނަ ބަލިމީހުން އިތުރު ފަރުވާއަށް އެެހެން ހޮސްޕިޓަލްތަކަށް ގެންދެވުން ކަމަށެވެ.
"އެއަރ އެމްބިއުލާންސުގެ ޚިދުމަތަށް ބަލާއިރުގައި އެއަރ އެމްބިއުލާންސުގައި މިއަހަރު މިހާތަނަށް އަޅުގަނޑުމެންނަށް އެބައޮތް 192 ބަލި މީހުން އިވަކުއޭޓް ކުރެވިފައި އަޅުގަނޑުމެންނަށް. އެއީ 148 ދަތުރު." ހަލީލް ވިދާޅުވި އެވެ.
ހަލީލް ވިދާޅުވީ މުޅި ޖުމްލަ މިހާތަނަށް 148 ދަތުރު ކުރިއިރު ސީ އެމްބިއުލާންސުގައި 4 ދަތުރު ކުރެވިފައިވާ ކަމަށާއި ބާކީ ހުރިހާ ދަތުރަކީ އެއަރ އެމްބިއުލާންސުގައި ކުރެވުނު ދަތުރުތައް ކަމަށެވެެ.
ސިއްހީ ދާއިރާގެ ހިދުމަތްތައް ތަރައްގީ ކުރުމަށް އަތޮޅު ތެރޭގައި ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކަށް އިޝާރާތް ކުރައްވައި ވަޒީރު ވިދާޅުވީ އެމަސައްކަތްތައް ނިމުމުން ބޭސްފަރުވާއަށް އުފުލަންޖެހޭ ޚަރަދާއި ހޭދަވާ ވަގުތުގެ އިތުރުން ރައްޔިތުން އުފުލަން ޖެހޭ ތަކުލީފުވެސް ކުޑަވެގެން ދާނެކަމަށެވެ. މީގެ އިތުރުރުން އެއާ އެމްބިއުލާންސްގެ ހިދުމަތަކީ ހަރަދު ބޮޑު ހިދުމަތަކަށް ވުމުން އަތޮޅުތެރޭގައި ސިއްހީ ހިދުމަތް ރަނގަޅުވުމުން ދައުލަތަށްވެސް ލުއި ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވި އެވެ.
ސީ ޕްލޭން އެއާ އެމްބިއުލެންސްގެ ގޮތުގައި ބޭނުންކުރަނީ ޑީއެޗްސީ-6 ގެ ޓްއިން އޮޓޯ އެއާ ކްރާފްޓެކެވެ. އެ ޕްލެއިންގައި ރާއްޖޭގެ ރަށްތަކަށް ސީދާ ދަތުރުކުރެވެ އެވެ. އަދި އެ ޕްލޭންގައި ބަލި މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ އާލަތްތައް ވެސް ހުރެ އެވެ.
މީގެ އިތުރުން އެއަރ އެންބިއުލާންސްގެ ގޮތުގައި ބޭނުންކުރާ ޑޭޝް8 ގެ މަތިންދާ ބޯޓުގައި އެއްފަހަރާ ދެ ބަލިމީހުން އުފުލެ އެވެ. އެހިދުމަތް ދިނުމަށް ޑޮކްޓަރުންނާއި ނަރުހުން ހިމެނޭހެން 15 މުވައްޒަފުން ވަނީ ތަމްރީނުކޮށްފަ އެވެ.