ރާއްޖޭގެ ދަރަނި ބޮޑުވާތީ ކަންބޮޑުވާ ކަމަށާއި އެހެންކަމުން އެކި މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހިލޭ އެހީގެ ގޮތުގައި ދިނުމަށް އިސްކަން ދެއްވާނެ ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ވޭންގް ލިޒިން ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ މީޑިއާތަކާއިއެކު ބޭއްވި ބައްދަލުވުމެއްގައި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ސަފީރު ވިދާޅުވީ ރާއްޖޭއަށް ޗައިނާ އިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ފަސޭހަ ކުރުމަށްޓަކައި ދެގައުމުގެ ޓެކްނިކަލް ސްޓާފުން މަޝްވަރާތަކެއް ކުރަމުން ގެންދަވާ ކަމަށެވެ. އެހެންނަމަވެސް ރީސްޓްރަކްޗާ ކޮށްފިނަމަ އިތުރަށް ޗައިނާއިން ފައިސާގެ އެހީތެރިކަން ހޯދުމަށް ރާއްޖެއަށް އުނދަގޫވެދާނެ ކަމަށާއި އެހެންކަމުން ރީސްޓްރަކްޗާ ކުރުމުގެ ވިސްނުމެއް ނެތްކަމަށް ސަފީރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ ދަރަނި ބޮޑުވުމަކީ ޗައިނާ އިން ވެސް ކަންބޮޑުވާ ކަމެއް ކަމަށެވެ. އެހެންކަމުން ޗައިނާއިންވެސް އިސްކަން ދެނީ ދަރަނި އިތުރު ނުވާނެހެން މަޝްރޫއުތަކަށް ފައިސާގެ ހިލޭ އެހީ ދޭންކަމަށް ސަފީރު ވޭންގް ވިދާޅުވި އެވެ.
ޗައިނާއިން ދޭ އެހީއަކީ ދަރަނީގެ ދަންތުރައެއްކަމަށް ބުނެ މީގެ ކުރިން ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވާހަކަފުޅު ދައްކަވައިފަ އެވެ. މިވާހަކަތަކަށް އިޝާރާތް ކުރައްވައި ސަފީރު ވިދާޅުވީ ޗައިނާއިން ރާއްޖެއަށް އެހީ ފޯރުކޮށްދެނީ އަމިއްލަ މަންފާއެއް ހާސިލުކުރުމުގެ ބޭނުމުގައި ނޫން ކަމަށެވެ. އަދި ރާއްޖެއަށް އަބަދުވެސް އިހުތިރާމު ކުރާކަމަށް ސަފީރު ވަނީ ވިދާޅުވެފަ އެވެ.
"ޗައިނާ އިން ރާއްޖޭގައި ހިންގާ ހުރިހާ މަޝްރޫއުއަކީ ވެސް ދިވެހި ސަރުކާރުން އެދިގެން ކޮށްދޭ ކަންކަން. ޗައިނާ އިން އަމިއްލައަށް އެދިގެން ނޫނީ އަންގައިގެން ރާއްޖޭގައި ހިންގާ އެއްވެސް ކަމެއް ނޯންނާނެ،" ސަފީރު ވިދާޅުވި އެވެ.
ރާއްޖޭގެ ޓުއަރިޒަމް އަށް އެކަނި ބަރޯސާ ނުވެ ކުރެވޭނެ އައު ކަންކަން ދެނެގަނެ ލޯނު ނުނަގައި ގައުމަށް އާމްދަަނީ ވަންނާނެ ކަންކަން ކުރުމަކީ މުހިންމު ކަމެއްކަން ސަފީރު ފާހަގަކުރެއްވި އެވެ. އާމްދަނީ ހޯދުމުގެ މުހިންމުކަމާއި ކޮންމެ ކަމެއް ލޯނު އެހީގައި ކުރުމަށް ބަރޯސާ ވުމަކީވެސް ރަނގަޅު ކަމެއް ނޫންކަމަށް ވޭންގް ވަނީ ވިދާޅުވެފަ އެވެ.
ރާއްޖޭގެ އެކި މަޝްރޫއުތައް ކުރިއަށް ގެންދިޔުމަށް ޗައިނާއިން ވަނީ 1.37 ބިލިއަން ޑޮލަރުގެ ލޯނު ނަގައިފަ އެވެ. މިއީ ބޭރު ގައުމުތަކުން ނަގާފައިވާ ދަރަނީގެ ގާތްގަނޑަކަށް 20 އިންސައްތަ އެވެ.