ޝައްކު ކުރެވެނީ ލޯންޗުގައި ރޯކޮށްލީ ގަސްތުގައި ކަމަށް: މާފުށި ކައުންސިލް
އިއްޔެ ކ.މާފުށީ ގޮނޑުދޮށުގައި އެހެލައިފައި އޮތް ލޯންޗެއްގައި އަލިފާން ރޯވި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށާފައިވާއިރު، ގަސްތުގައި ބަޔަކު ރޯކޮށްލީ ކަމަށް ޝައްކު ކުރެވޭ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ.
މާފުށީ ބޯޓުޔާޑުގައި މަރާމާތުކުރަން ދިޔަ އެ ލޯންޗުގައި އަލިފާން ރޯވާން ދިމާވީ ސީދާ ސަބަބެއް އަދި މިހާތަނަށް އެނގިފައެއް ނުވެ އެވެ. އެކަމަކު ލޯންޗުގައި ބަޔަކު ރޯކޮށްލި ކަމަށް 'އެކްސް' ގައި މީހަކު ވަނީ ތުހުމަތުތަކެއް ކޮށްފަ އެވެ.
މިބޫ އައިޑީއަކުން ކުރި ޕޯސްޓެއްގައި ބުނީ އެ ލޯންޗަކީ ނިމިދިޔަ 20 ވަނަ ރައްޔިތުން މަޖީލީހަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް)ގެ ފަރާތުން ވާދަކުރި ކެންޑިޑޭޓެއްގެ ލޯންޗު ކަމަށެވެ.
އެ ތުހުމަތުތަކާއި ގުޅިގެން ސުވާލުކޮށްލުމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ ރޯވި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ. ''މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުން'' މީޑިއާ އޮފިޝަލް ފޮނުވި މެސެޖެއްގައި ވިދާޅުވިއެވެ. ނަމަވެސް ބަޔަކަށް ތުހުމަތު ކުރެވޭ ކަމަށް ވިދާޅެއް ނުވެ އެވެ.
މާފުށި ކައުންސިލުގެ ރައީސް ހަސަން ސޮލާހު "ދެން" އަށް ވިދާޅުވީ، ލޯންޗުގައި ބަޔަކު ރޯކޮށްލި ކަމަށް ޝައްކު ކުރެވޭ ކަމަށެވެ.
''ވިއްސާރަވެހުނު ގަޑީގައި ރޯވާން ޖެހޭ ސަބަބެއް ނޭނގުނު'' ސޮލާހު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެ ލޯންޗާ އަދި އޭގެ ވެރިފަރާތާއި ގުޅޭ އެއްވެސް މައުލޫމާތެއް ކައުންސިލަށް އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.
އެ ލޯންޗުގައި އަލިފާން ރޯވިކަމަށް އެމްއެންޑީއެފަށް ރިޕޯޓް ކޮށްފައިވަނީ އިއްޔެ މެންދުރު 12:34 ހާއިރު އެވެ.
އަލިފާންގަނޑު ނިއްވާލެވުނުއިރު ލޯންޗު، ވަރަށް ބޮޑަށް އަނދާފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މާފުށި ބޯޓު ޔާޑުގައި މަރާމާތު ކުރަން 30 ވަރަކަށް އުޅަނދު އެހެލާފައި މިހާރުވެސް އެބައޮތެވެ.