ޚަބަރު

ތުލުސްދޫއަށް ކުއްތާ ބޭލި މައްސަލަައިގެ ތަހުގީގު ފަށައިފި

ފާރިހާ ޢަދުނާން ، ދެން އޮންލައިން

ރާއްޖެއިން ބޭރުން އައި ޔޮޓެއްގައި ރާއްޖެ އެތެރެކުރި ކުއްތާއެއް ކ. ތުލުސްދޫއަށް ބޭލި މައްސަލަ މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ތަހުގީގް ކުރަން ފަށައިފިއެވެ.

Ads by STELCO

އެރަށަށް ކުއްތާ ބާލާފައިވަނީ އިއްޔެއެވެ. ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނަ ވީޑިއޯއިން ފެންނަ ގޮތުގައި ތުލުސްދޫ ބަނދަރަށް ފައިބާ ފަތުރުވެރިއަކު ކުއްތާއެއް ހިފައިގެން ހުރެ އޭތި ރަށު ތެރެއަށް ދޫކޮށްލަ އެވެ. އެވަގުތު ރަށު މީހުން ވެސް ރަށުގައި ތިއްބެވެ.

ކަސްޓަމްސްއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެ ކުއްތާއަކީ މި މަހުގެ 16 ވަނަ ދުވަހު ސެއިލިންގް ޔޮޓެއްގައި ރާއްޖެ ގެނެސްފައިވާ ކުއްތާއެއް ކަމަށެވެ. އަދި ކުއްތާ ގެނެސްފައިވަނީ، ހަމައެކަނި ޔޮޓްގައި ގެންގުޅޭ ގޮތަށް ޑިފެންސް މިނިސްޓްރީއިން ހުއްދަ ލިބިގެން ކަމަށް ވެސް ބުނެފައިވެއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، އެ ޔޮޓް ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރި ނަމަވެސް، ޔޮޓުން އެ ކުއްތާ ނުބޭލޭނެ ކަމަށް އެ ހުއްދައިގައި ބަޔާންކޮށްފައިވެއެވެ.

އަދި ހުއްދައާއި ހިލާފަ ކުއްތާ ޔޮޓުން ބާލައިގެން ރާއްޖޭގެ ރަށެއްގައި ގެންގުޅެފައިވާ ކަމަށް ބެލެވޭތީ، އެ މައްސަލަތަހުގީގް ކުރަމުންދާ ކަމަށް ކަސްޓަމްސްގެ އެ ބަޔާނުގައި ބުނެފައިވެއެވެ.

ތުލުސްދޫއަށް ކުއްތާ ބޭލި ކަމުގެ މައުލޫމާތު ލިބިގެން އިއްޔެ ފުލުހުން ވެސް ހަރަކާތްތެރިވިއެވެ. ފުލުހުން ބުނީ، އެއީ ހިންމަފުށީ ބޭރުގައި އޮތް ޔޮޓެއްގައި ފަތުރުވެރިންތަކެއް ގެންގުޅު ކުއްތާއެއް ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!