ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަހައްދުގައި އިންޑިއާގެ އަގުހުރި ބައިވެރިޔާ ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.
ބޮޑުވަޒީރުކަން ތިންވަނަ ދައުރަކަށް ދިފާއުކުރެއްވި ނަރެންދުރަ މޯދީއަށް ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ ރޭ 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި މަރުހަބާ ވިދާޅުވެފަ އެވެ.
މޯދީއަށް މަރުހަބާ ވިދާޅުވެ ރައީސް މުއިއްޒު ކުރެއްވި ޓްވީޓުގައި ވިދާޅުވީ ދެ ގައުމުގެ ދެމެދު ހިއްސާކުރެވި، އެއްބަސްވެފައިވާ ލަނޑުދަނޑިތަކާއި ހަމަޖެހުމާއި ދެ ގައުމުގެ ވެސް މަސްލަހަތުތައް ކުރިއެރުވުމަށް ޓަކައި އެކުގައި މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމަށެވެ.
"ރާއްޖެއަކީ އިންޑިޔާ ކަނޑުގެ ސަރަޙައްދުގައި އަޅުގަނޑުމެންގެ އަގުހުރި ބައިވެރިޔާ އަދި އަވަށްޓެރި ގައުމެެއް" ރައީސްގެ ޕޯސްޓު ރީޕޯސްޓް ކުރައްވާ ޝުކުރު އަދާކުރައްވަމުން މޯދީ ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފް، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުގެ އިތުުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ވަނީ މޯދީއަށް މަރުހަބާ ވިދާޅުވެފަ އެވެ.
އިންޑިއާ އަކީ ޒަމާނުއްސުރެން ރާއްޖެއާ އެންމެ ގާތް ސިޔާސީ ގުުޅުން ބާއްވާ ގައުމެވެ. މީގެ ކުރީގެ ސަރުކާރުތަކުގައި، އެ ރައީސެއްގެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ ވެސް އިންޑިއާއަށެވެ. ނަމަވެސް ރައީސް މުއިއްޒު ވަޑައިގަތީ ޗައިނާއަށެވެ. އިންޑިއާއަށް އަދި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދަތުރުފުޅެއް ނުކުރައްވަ އެވެ.
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ ސިފައިން ގާއިމުވެ ތިބުން ނިމުމަކަށް ނުގެނެސް އިތުރު ސިފައިން ގެނައި މައްސަލާގައި ރައީސް މުއިއްޒު ލީޑުކުރައްވާ ޕީއެންސީ/ޕީޕީއެމްގެ އިއްތިހާދުގެ ފާޑުކިޔުންތައް އަމާޒުކުރި އެވެ. މި ވެރިކަމުގައި އިންޑިއާގެ ސިފައިން ފޮނުވާލުމަށް ފަހު، އެ ގައުމުން ހަދިޔާކުރި އުޅަނދުތަކުގެ އޮޕަރޭޝަނަށް މަދަނީ ހިދުމަތްތެރީން ވަނީ ގެނެސްފަ އެވެ.