އެމެރިކާގެ އެހީ ކަނޑާލުމުގެ ފަހަތުގައި އޮތީ އެމްޑީޕީކަމަށް ތުހުމަތުކޮށްފި

އިޒްރޭލް ޕާސްޕޯޓު ބޭނުންކޮށްގެން ރާއްޖެ އެތެރެނުވެވޭ ގޮތް ހަދާނަމަ، އެމެރިކާއިން ރާއްޖެއަށް ދެމުންދާ އެހީ ކަނޑާލުމަށް ބިލެއް އެމެރިކާގެ ސެނެޓަށް ހުށަހަޅުމުގެ މަސައްކަތް ފެށުމުގެ ފަހަތުގައި އޮތީ އެމްޑީޕީ އާއި އެޕާޓީގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ކަމަށް މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ތުހުމަތު ކުރައްވައިފިއެވެ.
މެމްބަރު އިބްރާހިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ އެ ބިލުގެ ފަހަތުގައި އޮތީ އެމްޑީޕީ އާއި އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަމަށް ތުހުމަތު ކުރައްވާ އެކަން އިތުރަށް ބަލަން ޖެހޭ ކަމަށް ވިދާޅުވެފައެވެ.
"މީގެ ފަހަތުގައި ތިބީ އެމްޑީޕީން އަބްދުﷲ ޝާހިދު ކަމަށް މައުލޫމާތު ލިބޭ. އިތުރަށް ބަލަންޖެހޭ،" އެ ޕޯސްޓުގައި ވިދާޅުވެފައިވެއެވެ.
އެމެރިކާގެ ނޫހެއް ކަމަށްވާ 'އެކްސިއޯސް' ގައި ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ބިލު ހުށަހަޅުއްވަނީ އެމެރިކާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގޭގެ، ކޮންގްރެސް މެންބަރެއް ކަމަށްވާ ރިޕަބްލިކަން ޕާޓީގެ ޖޯޝް ގޮތައިމާއެވެ. 'ޕްރޮޓެކްޓިން އެލައިޑް ޓްރެވަލް ހިއާ އެކްޓް (ޕާތު)' ގެ ނަމުގައި އޭނާ މި ބިލު ހުށަހަޅުއްވަނީ އިދިކޮޅު ޑިމޮކްރެޓްސްގެ މެމްބަރުންގެ ތާއީދާ އެކު ވެސް މެއެވެ.
މި ބިލާ ގުޅިގެން އޭނާ ނެރުނު ސްޓޭޓްމެންޓެއްގައި ވިދާޅުވެފައިވަނީ "އިޒްރޭލުގެ ހުރިހާ ރައްޔިތުން ދަތުރުކުރުން މަނާކޮށްފައިވާ ބޭރު ގައުމަކަށް ޓެކްސް ޑޮލަރު ފޮނުވައިގެން ނުވާނެ،" ކަމަށެވެ.
އަދި އިޒްރޭލުގެ ޕާސްޕޯޓު ރާއްޖެއިން މަަނާކުރުން އޭނާ ސިފަކުރެއްވީ "ޔަހޫދީންނާ މެދު ނަފުރަތު އުފެއްދުމުގެ ފާޅުކަން ބޮޑު އަމަލެއް" ގެ ގޮތުގައެވެ.
އެމެރިކާ އާއި ދެކޮލަށް ރާއްޖެއްިން އެއްވެސްކަމެއްނުކުރަނީސް އެމެރިކާއިން ރާއްޖެއަށް ފިޔަވަޅެއް އަލައިފިނަމަ އެމްބަށި ބަންދުކޮށް ފުރަން އަންގާ.