ޚަބަރު

މިދޔަ ދެމަހު ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 7 ކިލޯ ޑްރަގު އަތުލައިގަނެފި

ރައުފާ ރަޝީދު ، ދެން އޮންލައިން
ވައިގެމަގުން މިދިޔަ ދެ މަހު 7 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެކުރަން އުޅުނުކަމަށްް ކަސްޓަމުން ބުނެފިއެވެ.

އެ އިދާރާއިން މިރޭ އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން މެއި މަހުގެ 5 ވަނަ ދުވަހު މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ސިންތެޓިކް ކެތިނޯންގެ 1،690 ގްރާމް ރާއްޖެ ގެނެސްފައިވެއެވެ. އަދި އެ މަހުގެ 25 ވަނަ ދުވަހު ހެރޮއިންގެ 300 ގްރާމް ގެނެސްފައިވެއެވެ.

Ads by STELCO

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އޭޕްރީލް މަހުގެ ދެވަނަ ދުވަހު 5،670 ގްރާމްގެ ކޮކެއިން ވަނީ ރާއްޖެ ގެނެސްފައެވެ. ހަމަ އެ މަހުގެ ނުވަވަނަ ދުވަހު 180ގްރާމްގެ  ސިންތެޓިކް ކެތިނޯން ގެނެސްފައިވެއެވެ.

ދާދި ފަހުން ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި ފާއިތުވި 6 މަސް ދުވަހުގެ ތެރޭގައި 100 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ވަނީ އަތުލައިގަނެފައެވެ. އެއީ 17 ނޮވެންބަރު 2023އިން 17 މެއި 2024އާ ހަމައަށް އަތުލައިގަނެފައިވާ މަސްތުވާތަކެއްޗެެވެ.

އޭގެ ތެރޭގައި ހިމެނެނީ ހޭޝް އޮއިލް 910ގްރާމް، ކެނަބިސް 101.80ގްރާމް، މެތްއެމްފަޓަމިން 4714ގްރާމް، ސިންތެޓިކް ކެތިނޯން 13،536ގްރާމް، އެމްފެޓަމިން 451ގްރާމް، ސިންތެޓިކް ކެނަބިނޮއިޑް 25ގްރާމް، ކޮކޭން 18،855ގްރާމް، ހެރޮއިން 7،400ގްރާމް، މެފެޑްރޯން 3،870ގްރާމް، އަދި އެމް ޑީ އެމް އޭ 1،152ގްރާމްއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!