ޚަބަރު

އުޝާމް، ހައިދަރު އަދި ޝަހީމަށް މާދަމާގެ ޖަލްސާގައި ރުހުން ދެނީ

އައިކާ ޔުނާން ، ދެން އޮންލައިން
19 ވަނަ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުން

ނިމިދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮވެގެން ރުހުން ދޭން ދެކޮޅު ހެދި ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފިއެވެ.

Ads by Hajj Corporation

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 22 ވަޒީރުންގެ ތެރެއިން، މިދިޔަ މަޖިލީހުން ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، އެޓާނީ ޖެނެރަލް އަހުމަދު އުޝާމްގެ އިތުރުން ހައުސިންގް މިނިސްޓަރު ޑރ. އަލީ ހައިދަރެވެ.

ތިން ވަޒީރުންނަށް ރުހުން ހޯދުމުގެ މައްސަލަ މަޖިލީހަށް ފޮނުވުމާއެކު, ސަރުކާރުގެ ސުޕަ މެޖޯރިޓީއާ އެކީ ފެށި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރު މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ވަނީ ތިން ވަޒީރުންނަށް ރުހުން އޮތް ކަމަށް މިދިޔަ ހަފްތާގައި ފާސްކޮށްފައެވެ.

މާދަމާގެ ޖަލްސާގައި ވަނީ ކޮމިޓީގެ ރިޕޯޓު ތަޅުމަށް ހުށަހެޅުމަށް ހިމަނައިފައެވެ. އަދި އޭގެ ފަހުން ރުހުން ހޯދުމަށް ވޯޓަށް އަހާނެ އެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަނީ ސަރުކާރަށް ކަމަށް ވުމާއެކު ބެލެވެނީ ތިން ވަޒީރުންނަށް ވެސް ރުހުން ލިބޭނެ ކަމަށެވެ.

ނިމިދިޔަ މަޖިލީހުން ރުހުން ނުދިން ނަމަވެސް ރައީސް ވަނީ ތިން ބޭފުޅުން އަލުން މަގާމަށް އަލުން އައްޔަން ކުރައްވައިފައެވެ. ތިން ބޭފުޅުން ވެސް ގެންދަވަނީ މަގާމުގެ މަސްއޫލިއްތުތައް އަދާކުރައްވަމުންނެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!