އިންޑިއާ އާއެކު ރާއްޖެއިން ވަރަށް ގާތްކޮށް ދެން މަސައްކަތް ކުރާނެކަމަށް އުއްމީދު ކުރައްވާކަމަށް އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު ވިދާޅުވެއްޖެ އެވެ.
ޖައިޝަންކަރު މިއަދު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލު ކުރައްވައިފަ އެވެ. މި ބައްދަލުވުމަށްފަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޖައިޝަންކަރު ވިދާޅުވީ ދެ ގައުމު އެކުގައި ވަރަށް ގާތްކޮށް ދެން މަސައްކަތްކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
އިންޑިއާގެ ބޮޑުވަޒީރުކަމަށް ތިންވަނަ ދައުރަކަށް ނަރެންދުރަ މޯދީ އިއްޔެ ވަނީ ހުވާ ކުރައްވައިފަ އެވެ. އެއާއެކު މޯދީ އެކުލަވައިލެއްވި އާ ސަރުކާާރުގައި އެކްސްޓާނަލް އެފެއާޒް މިނިސްޓަރަކަށް އައްޔަނު ކުރެއްވީ ކުރިންވެސް އެމަގާމުގައި ހުންނެވި ޖައިޝަންކަރު އެވެ.
ޖައިޝަންކަރު ވަނީ އެމަގާމުގައި ހުންނަވައި މީގެ ކުރިންވެސް ތިން ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެންފަ އެވެ.
ރައީސް މުއިއްޒު މިހާރު އިންޑިއާއަށް ވަޑައިގެން އުޅުއްވަނީ މޯދީ ބޮޑުވަޒީރުކަމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތަށެވެ. މި ރަސްމިއްޔާތަށްފަހު މޯދީ ދެއްވި ބެންކުއެޓްގައި އޭނާގެ އެންމެ އަރިހުގައި ހުންނެވީ ރައީސް މުއިއްޒު އެވެ.
ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން އަނބުރާ އެގައުމަށް ފޮނުވައިލި މައްސަލައިގައި ރައީސް މުއިއްޒުގެ ސަރުކާރާ އިންޑިއާ ސަރުކާރާ ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުމެއް އުފެދުނެވެ. އެހެންނަމަވެސް ދެގައުމުގެ ގުޅުން ބަދަހިކުރަން މިސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.
އިންޑިއާއަކީ ރާއްޖޭގެ ތަރައްގީގައިވެސް ބޮޑު ހިއްސާއެއް އޮތް ގައުމެކެވެ. އަނެއްކޮޅުން ފަތުރުވެރިންވެސް ގިނަ އަދަދަކަށް އެގައުމުން ރާއްޖެއަށް ޒިޔާރާތް ކުރެ އެވެ.
މިސަރުކާރުގެ ބައެއް ޑެޕިއުޓީ މިނިސްޓަރުން މޯދީއަށް ފުރައްސާރަކޮށް އެކްސްގައި ކުރެއްވި ޕޯސްޓުތަކަކާއި ގުޅިގެން ސަރުކާރު ހޫނުފެނައް ވެއްޓުނެވެ. އަދި އެގައުމުގެ ފަތުރުވެރިންގެ އަދަދުވެސް އިންތިހާއަށް ދަށަށް ދިޔަ އެވެ. ފާޑުވިދާޅުވި ޑެޕިއުޓީ މިނިސްޓަރުން އަދިވެސް ތިއްބެވީ ސަސްޕެންޝަންގަ އެވެ.