ޢަރަފާތު ދުވަހަކީ އެދުވަހެއްގައި މާތް الله ދީން ފުރިހަމަ ކޮށްދެއްވި ދުވަސް: ހުތުބާ

ޢަރަފާތު ދުވަހަކީ އެދުވަހެއްގައި މާތް الله ދީން ފުރިހަމަ ކޮށްދެއްވި ދުވަސް ކަމަށާއި އެ ދުވަހު ރޯދަ ހިފުމުގެ ދަރުމައަކީ އިސްވެދިޔަ އަހަރާއި ކުރިޔައް އޮތް އަހަރު ކުރެވިދާނެ ފާފަތަކުގެ ކައްފާރާއެއް ކަމަށް ހުކުރު ހުތުބާގައި ބުނެފި އެވެ.
މިއަދުގެ ހުކުރު ހުތުބާގައި އަލިއަޅުވާލާފައިވާ މަޢުޟޫއަކީ “ޢަރަފާތް ދުވަސް” މިއެވެ.
ހުތުބާގައި ބުނީ އަރަފާތު ދުވަހު، އިސްލާމީ އުންމަތް ދައްކައިދެނީ އެއްބައިވަންތަކަމުގެ މަތިވެރި މަންޒަރު ކަމަށާއި ތަފާތު ހިސާބުތަކުން މުސްލިމުން އެއް ތާކަށް އެއްވާ ތަނާއި ބައިމީހުންގެ ކުލަ ތަފާތަސް، އެބައިމީހުންގެ ނަސްލު ތަފާތަސް، އެބައިމީހުން ވާހަކަދައްކާ ބަހުރުވަ ތަފާތަސް، އެބައިމީހުން އެއްތާކަށް އެއްކުރުވަނީ އެބައިމީހުންގެ އީމާންކަން ކަަމަށެވެ.
މުސްލިމުން عَرَفَاتُ ބިމުގައި ތިބޭ މަންޒަރަކީ ޝައުޤުވެރިކަމާއެކު، މީސްތަކުންގެ ކަޅި އެ ދިމާއަށް އަނބުރައިލެވޭ މަންޒަރެއް ކަމަށާއި އެއީ ހިތްތަކަށް ފިނިކަމާއި އުފާވެރިކަން ގެނުވާ މަންޒަރެއް ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ ހައްޖު ދުވަހަކީ، އަހަރުތެރޭގައިވާ އެންމެ މާތް ދުވަސް ކަމަށާއި އެ ދުވަހަކީ ޢަރަފާތު ދުވަސް ކަމަށެވެ. އެއީ ޙައްޖުގެ އެންމެ މަތިވެރި ރުކުން އަދާކުރާ ދުވަސް ކަމަށާއި ޢަރަފާތު ދުވަހު ޙައްޖުވެރީން ނޫން މީހުން ރޯދަހިފުމީ، مُسْتَحَبُّ ކަމެއް ކަމަށް ހުތުބާގައި ބުންޏެވެ.