ކެޓް ޝެލްޓާ އަށް ބޭނުންވާ ސާމާނު ހޯދަނީ
ހުޅުމާލެ ފޭސް 2 ގައި ގާއިމް ކުރަމުންދާ ކެޓްޝެލްޓާ އަށް ބޭނުންވާ ސާމާނު ހޯދުމަށް އިއުލާނުކޮށްފި އެވެ.
މި މަޝްރޫއުގެ ބޭނުމަށް ސަރުކާރުން މާލެ ސިޓީ ކައުންސިލާ ބިން ހަވާލުކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ. އޭގެ އަނެއް މަހު އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވަނީ ފަށާފަ އެވެ.
ފަރުކޮޅުފުށީގައި އަޅަމުންދާ މި ކެޓްޝެލްޓާ އަށް ބޭނުންވާ ސާމާނާއި މެޓީރިއަލްސް ހޯދުމަށް އެ ކައުންސިލުން ބުރާސްފަތި ދުވަހު ކުރި އިއުލާނުގައި ވަނީ އެ ތަކެތި ސަޕްލައިކޮށްދޭން ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ 2 ވަނަ ދުވަހުގެ 11:00 އަށް އެ ކައުންސިލްގެ އިދާރާގެ އެޑްމިން ސެކްޝަން، މީޓިން ރޫމަށް އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފަ އެވެ.
އަންދާސީ ހިސާބު ހުށަހަޅާނީ އެ އިއުލާނުގައިވާ ގޮތުން، ކޮންމެ ލިސްޓަކަށް ވަކިން، ބަންދު ކުރެވިފައިވާ ސިޓީ އުރައެއްގައި ހުށަހެޅި ފަރާތުގެ ނަމާއި، އިއުލާން ނަންބަރު އެނގޭނެހެން ނެވެ.
ސިޓީ ކައުންސިލުން ވަނީ މިކަމާ ގުޅޭ އިތުުރު މައުލޫމާތު ހޯދަން އެދޭނަމަ، މި މަހުގެ 27 ގެ 12:00 ގެ ކުރިން [email protected]އަށް މެއިލް ކުރަން އެދިފަ އެވެ.
ހުޅުމާލޭގައި ކެޓް ޝެލްޓާ ތަރައްގީކުރަނީ ބުޅާތަކާ އެކު އާންމުންނަށް ވަގުތު ހޭދަކުރެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކަކާއި ކެޓް ޝޮޕެއް ވެސް ހިމެނޭހެންނެވެ. މީގެ އިތުރުން ރާއްޖޭގައި އޮޅުކޮށްގެން ގެންގުޅޭ ދިރޭތަކެތި ބެލެހެއްޓުމަށްވެސް ތަނެއް ހެދުމަށް ހަމަޖެހިފައި ވެއެވެ.
މާލެ ސަރަހައްދުގައި ކެޓް ޝެލްޓާއެއް ތަރައްގީ ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.