ރައީސްގެ އިލްތިމާސް: އީދު ފާހަގަކުރާއިރު އިސްލާމީ ރިވެތި އުސޫލުތައް ހިފަހައްޓާ
އީދު ފާހަގަކުރާއިރު، ﷲ ދެއްވި ގިނަގުނަ ނިއުމަތްތަކުގެ މަތީން ހަނދުމަކޮށް، އީދުގެ އުފާ ފާޅުކުރެއްވުމުގައި އިސްލާމީ ރިވެތި އުސޫލުތަކުގައި ހިފެހެއްޓެވުމަށް ރަައީސް ޑރ. މުހައްމަދު މުއިއްޒު އިލްތިމާސް ކުރައްވައިިފިއެވެ.
އަލްހާ އީދާއި ގުޅިގެން ރައީސް މުއިއްޒު ދެއްވި ހިތޯބުގައި އިސްލާމީ އަހްލާގަށާއި، ދިވެހީންގެ ރީތި އާދަކާދަތަކާ ބީރަށްޓެހި ފުރެއްދެ ސަގާފަތްތައް އީދުގެ އުފާފާގަތިކަމުގެ ތެރެއަށް މަސްހުނި ނުކުރެއްވުމަށް އެދިވަޑައިގެންފައިވެއެވެ.
އޭގެ އިތުރުން އެ ހިތާބުގައި އެމަނިކުފާނު ވަނީ ބޮޑު އީދުގެ ބަރަކާތްތެރި މުނާސަބާގައި މުސްލިމް އަހާގެ ހިތަށް އުފާވެރިކަން ލިބޭނެ ހެޔޮ އަމަލުކުރުމަށާއި، މެހްމާންދާރީ އަދާކުރުމަށް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ. އަދި ސަދަގާތް ކުރުމަށާއި، ހެޔޮ ދުއާ ކޮށްދިނުމަށާއި، ނުތަނަވަސްކަން ފިލުވައިދިނުން ފަދަ، ﷲގެ ހަޒްރަތުގައި ދަރުމަހުރި އަމަލުތައް ކުރުމަށް ރައީސް މުއިއްޒުގެ ހިތާބުގައި ބާރުއަޅުއްވާފައިވާ ކަމަށެވެ.
އިތުރަށް ރައީސް ވިދާޅުވީ، މިފަހަރު އީދު ފާހަގަކުރާއިރު ދިވެހި ރައްޔިތުން އެންމެ އިސްކުރަނީ، މުސްލިމުންގެ މުގައްދަސް މިސްކިތާއި، ފަލަސްތީނުގެ އަހުލުވެރީންނަށް ހެޔޮ ދުއާ ކޮށްދިނުން ކަމަށެވެ.
އަދި ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނާނީ، ފަލަސްތީނުގެ މުސްލިމުންނަށް ދެމުންގެންދާ ބޮޑެތި އަނިޔާތަކާ ދެކޮޅުހަދައި، މަސްޖިދުލްއަގްސާ މިނިވަންކުރުމުގެ މަތިވެރި ޖިހާދުގައި ހިތާއި ރޫހުން ބައިވެރިވުމުގައިކަމަށް ވެސް ވިދާޅުވިއެވެ.
"ދިވެހީންގެ ހިތްތަކުގައި ހާއްސަ ލޯތްބަކާ ކުލުނެއް ދެވިފައިވާ ފަލަސްތީނުގެ މުސްލިމް ކޮންމެ އާއިލާއަކާ، ކޮންމެ ކުޑަކުއްޖަކަށްޓަކައި ހެޔޮ ދުއާތައް ތަކުރާރު ނުކޮށް، އެ ހަނދާންތައް އައުނުކޮށް، އެންމެ ރެޔަކާ ދުވާލެއްވެސް އަޅުގަނޑުމެން ދުލެއް ނުކުރާނެ،" ރައީސް ވިދާޅުވިއެވެ.
އީދު ފަދަ މުނާސަބާތަކުގައި ދަރީންނަށް އީދުގެ ދިއްލުންތަކާއި، އުފާފާޅުކުރުންތަކާ، އެކަކު އަނެކަކާ ސަލާންގަލާންކޮށް، ހާލުބަލައި، ތަކްބީރުތަހުލީލު ކިޔައި، އިޖްތިމާއީ ރޫހު އާލާކޮށް، ކުޅިވަރުކުޅެ އުޅުމަކީ، އިސްލާމްދީނުގެ ފުރިހަމަކަމާ ޝާމިލްކަމުގެ ހެކިތަކެއް ކަމުގައި ބުނެދިނުމަށް ވެސް ރައީސް އިލްތިމާސް ކޮށްފައިވެއެވެ.
އަދި އީދު ފަދަ ކޮންމެ މުނާސަބާއެއްގައި އިސްލާމްދީނާއި ދިވެހިވަންތަކަމަށްޓަކައި ފަހުރުވެރިވާން ދަރީންނަށް އުނގަންނައިދީ، އިސްލާމީ ރިވެތި އާދަތަކަށް ދަރީން ހޭނުވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށްވެސް ރައީސް އިލްތިމާސް ކުރެއްވިއެވެ.