ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ އީދު ފާހަގަކުރުމަކީ ހުއްދަކަމެއް ނޫން: މިނިސްޓަރު
ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ އީދު ފާހަގަކުރުމަކީ ހުއްދަކަމެއް ނޫން ކަމަަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޝަހީމް އެހެން ވިދާޅުވެފައިމިވަނީ ބޮޑު އީދު ފާހަގަކުރަން ރަށެއްގައި ބޭއްވި މާލީ ޕެރޭޑެއްގައި ޖިންނި ޝައިތާނުން ސިފަވާގޮތަށް ހެދުން އަޅައިގެން އުޅޭ ފޮޓޯއެއް ޝޯޝަލް މިޑިއާގައި ވައިރަލްވެފައި ވަނިކޮށެވެ.
މިނިސްޓަރުގެ ރަސްމީ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ "ސަގާފަތުގެ ނަމުގައި ހުރާފީ ކަންކަން ދިރުވުމަަކީ ހަމަޖެހޭކަމެއް ނޫން" ކަމަށެވެ. އެގޮތުން ޖިންނި ޝައިތާނުންގެ ސިފަ ޖައްސައިގެން ތިބެ އިސްލާމީ އީދެއް ފާހަގަކުރުމަކީ ދީނީ ގޮތުން ހުއްދަ ކަމެއް ނޫން ކަމަށެވެ.
"ޖިންނި ޝައިޠާނުންގެ ސިފަ ޖައްސައިގެން ތިބެ މާތްވެގެންވާ އިސްލާމީ ޢީދު ފާހަގަކުރުން ޝަރުޢީ ގޮތުން ހުއްދައެއް ނުވާނެ. އިސްލާމީ ޢީދުތައް ފާހަގަކުރަންވާނީ އިސްލާމީ ސަގާފަތާ އެއްގޮތައް." ޝަހީމް ވިދާޅުވި އެވެ.
ރާއްޖެއިން އިސްލާމް ދީން ގަބޫލުކުރި ފަހުން މި ގައުމުގެ ސަގާފަތަކީ އިސްލާމީ ސަގާފަތްކަމަށް ވިދާޅުވެ މިނިސްޓަރު ވަނީ "ދިވެހިންގެ ސަގާފަތެއްކަމުގައި ބެލެވޭނީ އިސްލާމީ އުސޫލުތަކާ އެއްގޮތް ކަންކަން." ކަަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވި ގޮތުގައި އެނޫން ކަންކަމަކީ ހުރާފީ ބާތިލް ކަންކަމެވެ.
"ކުޅިވަރުކުޅުމާއި އުފާ ފާޅުކުރުމަކީ ޢީދުގައި އޮންނަންޖެހޭނެ ކަމެއް. މިކަންކަން އޮންނަންވާނީ އިސްލާމީ ހިދާޔަތުގެ ތެރޭގަ. އިސްލާމީ ހިދާޔަތުގެ ތެރޭގައި ދެމި ތިބުމަށް ހެޔޮ ދުޢާކޮށް އެކަމުގައި ސާބިތުވާންޖެހޭނެ." މިނިސްޓަރު ވިދާޅުވި އެވެ.
މީގެކުރިން ވެސް މިނިސްޓަރު ވަނީ އިސްލާމީ އަގުލާފާ ތައާރަޒްނުވާ ގޮތަށް އީދު ފާހަގަކުރުމަށް އިލްތިމާސްކޮށްފަ އެވެ.