ޚަބަރު ކުޅިވަރު ފުޓްބޯޅަ

ދެފަހަރު މުބާރާތް ކާމިޔާބުކުރި ބަކާއަށް ސާފްގެ ތައުޒިޔާ

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ސާފް ޗެމްޕިއަންޝިޕް ދެފަހަރު އުފުލާލި ރާއްޖޭގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަހުމަދު އާރިފް (ބަކާ)އަށަ ސައުތު އެޝިއަން ފުޓުބޯޅަ ފެޑްރޭޝަން (ސާފް)އިން ތައުޒިޔާކިޔައިފިއެވެ.

Ads by MWSC

މިއަދު ފޭސްބުކްގައި ސާފުން ކުރި ޕޯސްޓެއްގައި ބުނެފައިވަނީ ބަކާ ނިޔާވި ހަބަރަކީ އެ އިދާރަށް ފުން ހިތާމައެެއް ގެނުވި ހަބަރެއްކަމަށެވެ.

އެ އިދާރާއިން ބުނީ އެ ހިތާމައިގަަި ބަކާގެ އާއިލާއަށް ކެތްތެރިކަން  ދެއްވުން އެދޭކަމަށެވެ.

ބަކާއަކީ ރާއްޖޭން 2008 ވަނަ އަހަރު އަދި 2018 ވަނަ އަހަރު ސާފު ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު ޓީމުގެ މެދު ތެރޭގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިއެކެވެ.

ބަކާ ނިޔާވެފައިވަނީ ގައިން ގަޔަށް އަރާ ބައްޔެއް ކަމަށްވާ މެނެންޖައިޓިސް ޖެހިގެން އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭގެ ވަގުތެއްގައެވެ. އުމުރުން 38 އަހަރުގެ ބަކާ ވަނީ ނިމިދިޔަ ހައްޖު މޫސުމުގެ އަޅުކަން އަދާކޮށްފައެވެ. އޭނާ ރާއްޖެ އައިސްފައިވަނީ މީގެ ތިން ދުވަސް ކުރިންނެވެ. ބަކާގެ ހާލު ސީރިއަސްވީ ގަދައަަށް ހުން އައިސްގެނެވެ.

ބަކާއަކީ ރާއްޖޭގައި އުފެދުނު އެންމެ މޮޅު މިޑްފީލްޑަރުކަމަށް ގިނަބަޔަކު އިއްތިފާގުވެއެވެ. އަނިޔާގެ މައްސަލަތަކުގެ ސަބަބުން ނިމިދިޔަ ދެ ސީޒަންގައި ބަކާ ކުޅެފައެއް ނުވެއެވެ. ނަމަވެސް އެވެ. ދާދި ފަހުން މާލޭގައި ކުރީގެ ކުޅުންތެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދިޔަ، ސެވަން އަ ސައިޑް މުބާރާތުގައި ބަކާ ކުޅުނެވެ.

ބަކާއަކީ ރާއްޖޭން ބޭރުގެ ލީގުގައި ކުޅުނު މަދު ދިވެހިންގެ ތެރޭގައި ހިމެނޭ ކުޅުންތެރިއެކެވެ. އޭނާ ވަނީ މިޔަންމާގެ ކޭބީޒެޑް އަށް ކުޅެފައެވެ. މީގެ އިތުރުން ބަކާ ވަނީ ރާއްޖޭގެ ގިނަ ކުލަބުތަކަކަށް ކުޅެފަައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!