ޚަބަރު

ކަރެކްޝަންސްގެ 13 މުވައްޒިފަކު ހައްޔަރުކޮށްފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާފުށީ ޖަލު/ ދެން އިމޭޖްސް: މަރްޔަމް ވަހީދާ

ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި ކަރެކްޝަންގެ އޮފިސަރުން އެހީވާތީ ރޭ ކުރިޔަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަންގައި 13 މީހަކު ހައްޔަރުކޮށްފިއެވެ.

Ads by STELCO

ފުލުހުން ވިދާޅުވީ ހައްޔަރުކޮށްފައިވާ 13 މީހުންނަކީ ވެސް ކަރެކްޝަންސްގެ މުވައްޒިފުން ކަމަށެވެ. އޭގެ ތެރެއިން 9 މީހަކު މާފުށިން ހައްޔަރު ކުރިއިރު, 2 މީހަކު ހައްޔަރު ކުރީ ކާށިދޫންނެވެ. މި އޮޕަރޭޝަންގައި އުތީމުންނާއި މާލެއިން ވެސް މީހަކު ހައްޔަރު ކުރިއެވެ.

ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފުލުހުން ވިދާޅުވީ, ކަރެކްޝަންސްގެ 18 މުވައްޒަފެއް ޖަލަށް މަސްތުވާތަކެއްޗާއި ފޯނު ވެއްދުމުގައި އެހީތެރިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެ މީހުން ހައްޔަރު ކުރުމުގެ މަސައްކަތް ރޭ ވަނީ ފަށާފައެވެ.

ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ޝަރީފް ވިދާޅުވީ، އާދަޔާ ޚިލާފަށް އެ އޮފިސަރުންގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަމަށެވެ. އެގޮތުން 24 މިލިއަން ރުފިޔާއިން ބައެއް އޮފިސަރުންގެ އެކައުންޓުތަކަށް ޖަމާވެފައިވާއިރު 2023 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް 18 އޮފިސަރުންގެ އެކައުންޓަށް ޖުމްލަ 73.6 މިލިއަން ރުފިޔާ ޖަމާވެފައިވާކަން ތަހުގީގަށް އެނގިފައިވާކަމަށް ޝަރީފް ވިދާޅުވިއެވެ.

ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބޭހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ އާދަޔާ ޚިލާފު ބޮޑެތި އަދަދުތަކުން ފައިސާ ޖަމާވެފައިވާ އޮފިސަރުން ޤާނޫނާ ޚިލާފުވެފައިވާކަމަށެވެ. އެއީ ދައުލަތުގެ އިތުބާރާއި ޔަގީންކަން ލިބިފައިވާ މަގާމެއްގައި ތިބި ބައެއް ކަމަށާއި ރިޝްވަތު ހިފުމަކީ ކުށެއް ކަމަށެވެ. ރިޝްވަތު ހުށަހެޅި މީހުންނާއި އޭގައި ހިފި މީހުންނާ މެދު ޤާނޫނީގޮތުން އެޅެން އޮތް އެންމެ ހަރުކަށި ފިޔަވަޅެއް އަޅުއްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިހާތަނަށް ބެލިބެލުމުން ފާހަގަކުރެވުނު 18 އޮފިސަރުންނަކީވެސް ޖޫނިއަރ ރޭންކުގެ އޮފިސަރުން ކަމަށެވެ. މިފަދަ ކަންކަމުގައި ރޭންކެއް އިސްތިސްނާ ނުކުރައްވާނެ ކަމަށާއި މިހާރު ކުރިއަށްދާ އޮޕަރޭޝަން ފުޅާކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!