ޕީއެންސީ މެންބަރުންނަށް މުލިއާގެއިން ބައިލައްކަ ރުފިޔާ ދޭ ވާހަކަ ދޮގުކޮށްފި

ސަރުކާރުން ހިންގާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން (ޕީއެންސީ) ތަމްސީލުކުރައްވާ ރައްޔިތުންގެ މަޖިލީސް މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ދިރިއުޅުއްވާ ރަސްމީ ގެކޮޅު މުލިއާގެއިން ކޮންމެ މަހަކު ބައިލައްކަ ރުފިޔާ ދޭ ކަމަށް ފެތުރޭ ވާހަކަ ރައީސް އޮފީހުން ދޮގުކޮށްފި އެވެ.
މުލިއާގެއިން މެންބަރުންނަށް ފައިސާ ދެމުންދާ ކަމުގެ ތުހުމަތުކުރީ އެމްޑީޕީގެ ޗެއާޕާސަން އަދި މިދިޔަ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް އެވެ.
މިދިޔަ ބުދަ ދުވަހު ރާއްޖެ ޓީވީގެ 'ފަލަ ސުރުހީ' ޕްރޮގްރާމްގައި ފައްޔާޒު ވަނީ މަޖިލިސް މެންބަރުން ވަކި ގޮތަކަށް ބޭ ތިއްބުމަށް ރައީސް މުއިއްޒުގެ ފަރާތުން މެންބަރުންނަށް ކޮންމެ މަހަކު ވެސް ފައިސާ ދެމުންދާ ކަމަށް ތުހުމަތުކޮށްފަ އެވެ.
"ދެން އަޅުގަނޑުމެން އަޑުއަހަން ކޮންމެ މެންބަރަކަށް މުލިއާގެއިން 50،000 ރުފިޔާ ދޭ ކަމަށް" ފައްޔާޒު ވިދާޅުވި އެވެ.
އެ ވާހަކަތައް ދޮގުކޮށް ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ އެއީ ކަނޑައެޅިގެން "ބުހުތާނު" ދޮގެއް ކަމަށެވެ.