އިތުރުވަގުތުގަައި ސްލޮވާކިއާ ހިތްދަތި ކޮށްލުމަށްފަހު އިންގްލެންޑު ކުއާޓާއަަށް
އިތުރުވަގުތުގައި ސްލޮވާކިއާ ބަލިކޮށް އިންގްލެންޑުން ކުއާޓާ ފައިނަލަށް ދަތުރުކޮށްފިއެވެ.
ޔޫރޯ 2024 ގެ ދެވަނަ ބުރުގައި މިރޭ އިންގްލެންޑުން ސްލޮވާކިއާ ބަލިކުރީ 2-1 ގެ. ނަތީޖާއަކުންނެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް 1-0 ގެ ނަތީޖާއަކުން މޮޅީ ސްލޮވާކިއާއެވެ. އިންގްލެންޑު މޮޅުވީ އިތުރު ވަގުތުގައި ދެ ގޯލު ޖަހައިގެންނެވެ.
އެ މެޗުގެ 26 ވަނަ މިނެޓުގައި ސްލޮވާކިއާއިން ވަނީ ގޯލުޖަހައި އިންގްލެންޑު ހާސްކޮށްލައިފައެވެ. އެ ގޯލަކީ ތަނަވަސްކުރި ފުރުސަތަކުން އިވާން ޝްރާންޒް ކާމިޔާބުކުރި ގޯލެކެވެ.
އެ ނަތީޖާއާއެކު ފުރަތަމަ ހާފުނިމުމުން ދެވަނަ ހާފު ފަށައިގެން އިންގްލެންޑުން ވަނީ އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން މެޗުގެ 49 ވަނަ މިނެޓުގައި އިންގްލެންޑުން ވަނީ ގޯލެއް ޖަހައިފައެވެ. ކެވިން ޓްރެޕިއާ ތަނަވަސްކުރި ފުރުސަތަކުން ފިލް ފޯޑެން އެ ގޯލު ޖެހިނަމަވެސް ފޯޑެންއަށް ލިބުނުއިރު، ފޯޑެން އޮފްސައިޑްކަމަށް ރެފްރީ ވަނީ ނިންމައިފައެވެ.
މެޗުގެ 53 ވަނަ މިނެޓުގައި ސްލޮވާކިއާއިން ވަނީ ނުރައްކާތެރި ހަމަލާއެއް އުފައްދައިފައެވެ. އެގޮތުން، ދަނޑުމެދުގައި ހުރެ ސްޓްރެލެކް ގޯލަށް ފޮނުވާލި ބޯޅަ ގޯލަށް ނުވަދެ ދިޔައީ ހަމަކިރިޔާއެވެ. އޭނާ އެ ބޯޅަ ފޮނުވާލިއިރު އިންގްލެންޑުގެ ކީޕަރު ޖޯޑަން ޕިކްފޯޑު ހުރީ އޭރިއާއިން ނިކުމެއެވެ.
ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވެ، ދެއްކި އިތުރުވަގުތުގެ އެންމެ ފަހު މިނެޓުގައި ޖޫޑް ބެލިންހަމް ވަނީ ގޯލުޖަހައި މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ގޯލަކީ މާކް ގުއެހީ ބޮލުން ޖެއްސި ބޯޅައެއް އޯވަހެޑް އަކުން ގޯލުގެ ތެރެއަށް ވައްދާލައިގެން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
އިންގްލެންޑަށް ގޯލު ޖަހާނެ އެންމެ ހުސް ފުރުސަތެއް ލިބުނީ މެޗުގެ 80 ވަނަ މިނެޓުގައެވެ. ސްލޮވާކިއާ އޭރިއާ ބޭރުން ޑެކްލެން ރައިސް ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ދަނޑީގައި ޖެހިފައި ނިކުތް ބޯޅަ އިންގްލެންޑުގެ ކެޕްޓަން އެއްފަހަރުން ފޮނުވާލި ނަމަވެސް އެ ބޯޅަ ދިޔައީ ގޯލާ އަމާޒުނުވެއެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު މެޗުގެ ނަތީޖާ ހަމަހަމަވެފަައިވުމުން ނަތީޖާ ނެރުމަށް 15 މިނެޓުގެ ދެ ހާފު މެޗުގަައި ކުޅެން ޖެހުނެވެ. އިތުރު ވަގުތުގެ ފުރަތަމަ ހާފުގެ ތިންވަނަ މިނެޓުގައި އިންގްލެޑުން ވަނީ ގޯލެއްޖަހައި މެޗުގެ ލީޑު ނަގައިފައެވެ. އެ ގޯލު ބޮލުން ޖެހީ ކޭންއެވެ.
އެ މެޗުން މޮޅުވެ އިންގްލެންޑް ކުއާޓާއަަށް ދަތުރުކުރިއިރު ކުއާޓާގައި އެ ޓީމަށް ޖެހޭނީ ސްވިޒަލެންޑާ ވާދަކުރާށެވެ. ރޭ އެ ޓީމުން ވަނީ ދެވަނަ ބުރުގައި އެންމެ ފަހުގެ ޗެމްޕިއަން އިޓަލީ ބަލިކޮށްފައެވެ.