ކުޅިވަރު ފުޓްބޯޅަ

ސަޕޯޓަރުންގެ ފާޑުކިޔުމަށް ސަމާލުކަމެއް ނުދެން، ވިސްނަނީ މެޗަށް: ޓަޑެސްކޯ

ސްޕޯޓްސް ޓީމް ، ދެން އޮންލައިން

ބެލްޖިއަމް ޓީމާމެދު އެ ގައުމުގެ ސަޕޯޓަރުން ފާޑުކީނަމަވެސް އެކަމާމެދު ނުވިސްނާކަމަށް އެ ޓީމުގެ ކޯޗު ޑޮމެނިކޯ ޓެޑެސްކޯ ބުނެފިއެވެ.

Ads by Sosun Fihaara

ޔޫރޯ 2024 ގެ ގްރޫޕް ސްޓޭޖުގެ ކުޅުންނިމި ނޮކްއައުޓް ބުރުގައި ފްރާންސްއާ ދެކޮޅަށް ބެލްޖިއަމް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމިން ޓެޑެސްކޯ ބުނީ އޭނާއާ ނުވަތަ ޓީމާ މެދު ސަޕޯޓަރުން ހިތްހަމަ ނުޖެހޭ ކަންތައްކެއް ހުރިކަން އެނގޭކަމަށެވެ.

ޔޫރޯގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ޔޫކްރޭންއާ ބެލްޖިއަމް އެއްވަރުވެ އެ ޓީމަށް ގްރޫޕްގެ އެއްވަނަ ގެއްލި، ދެވަނަ ބުރުގައި ފްރާންސްއާ ޖެހުމުން ސަޕޯޓަރުން ވަނީ ކުޅުންތެރިންނަށާއި، ކޯޗަށް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.

އެކަމަށް ރައްދުދީ ކޯޗު ޓެޑެސްކޯ ބުނީ ބޮޑު އަގުދީގެން މެޗު ބެލުމަށް ސަޕޯޓަރުން އަައިސްފައިވާކަން އޭނާއަށް އެނގޭކަމަށާއި، އެހެންކަމުން ކޮންމެ މެޗަކުން ވެސް މޮޅުވާތަން ބަލަން ސަޕޯޓަރުން ބޭނުންވާނެކަމަށް ވެސް ޓެޑެސްކޯ ބުންޏެވެ.

ސަޕޯޓަރުން ކިތަންމެ ރުޅިއައިސްފައި ތިބިކަމުގައިވީނަމަވެސް އެކަމާ ނުވިސްނާކަމަށާއި، ބޭނުންވަނީ ރަނގަޅު ނަތީޖާއެއް ނެރެންކަމަށް އޭނާ ބުންޏެވެ.

ޓެޑެސްކޯ ބުނީ އެ ޓީމުގެ ކުޅުން ސަޕޯޓަރުން ހިތްހަމަ ނުޖެހޭވަރަށް ގޯސް ނޫންކަމަށެވެ. ގްރޫޕްގައި އެ ޓީމަށްވުރެ ގިނައިން ފުރުސަތުތައް ތަނަވަސްކުރި އެހެން ޓީމެއް ނެތްކަމަށް ވެސް އޭނާ ބުންޏެވެ.

ނޮކްއައުޓް ބުރުގައި ފްރާންސްްއާއި ބެލްޖިއަމް ބައްދަލުކުރާ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 9:00 ގައެވެ. އެ މެޗުން މޮޅުވާ ޓީމަކަށް ކުއާޓާ ފައިނަލުން ޖާގަ ލިބޭނެއެވެ. ކުއާޓާގައި ވާދަކުރަން ޖެހޭނީ ޕޯޗުގަލްއާއި، ސްލޮވޭނިއާ ބައްދަލުކުރާ ދެވަނަ ބުރުގެ މެޗުން މޮޅުވާ ޓީމަކާއެވެ.

Ads by Ooredoo