ސަރުކާރުގެ ހަރަދުގައި އައިވީއެފް ހަދަން ފުރަތަމަ ބުރުގައި 37 މީހަކު ޝަރުތުހަމަވޭ
ދަރިމައިވުމުގައި ދިމާވާ ދަތިތަކަށް ހޯދާ ފަރުވާ، އައިވީއެފް އަދި އައިޔޫއައި ހެދުމަށް މާލީ ގޮތުން ދަތިތައް ކުރިމަތިވެފައިވާ ފަރާތްތަކުން އެހީ ހޯދުމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލި މީހުންގެ ތެރެއިން 37 މީހަކު ޝަރުތުހަމަވާ ކަމަށް ކަނޑައަޅައި އެ މީހުންގެ ލިސްޓު އާއްމުކޮށްފި އެވެ.
ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އެންސްޕާއިން ކުރި އިއުލާނެއްގައި ބުނީ "އައިވީއެފް" އަދި "އައިޔޫއައި" ފަރުވާގެ ހަރަދު ކުރުމަށް ދަތިވާ ފަރާތްތަކުން ދައުލަތުގެ އެހީއަށް އެދި ފޯމާއި ލިޔެކިޔުންތައް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލުމުން، މިދިޔަ ޖޫން މަހުގެ 15 ގެ ނިޔަލަށް 153 ފަރާތްތަކުން ފޯމު ހުށަހަޅާފައިވާ ކަމަށެވެ.
އެކަމަކު، މިއަހަރު އައިވީއެފްގެ ފަރުވާއަށް އެހީ ހަމަޖައްސައިދެނީ 100 ދެމަފިރިންނަށް ކަމަށްވާތީ، އެ އެންސްޕާއިން އާއްމުކުރި އުސޫލުގެ ދަށުން ފުރަތަމަ ބުރުގެ އެހީ ހަމަޖެހިފައިވަނީ 37 ފަރާތަކަށް ކަމަށެވެ. އަދި އެ މީހުންނަށް މިމަހުގެ 30 ގެ ކުރިން ފަރުވާ ކުރިއަށްގެންދާނެ ގޮތުގެ ޕްލޭން ހިއްސާކުރާނެ ކަަމަށް ވެސް އެ އޭޖެންސީން ބުންޏެވެ.
އެންސްޕާއިން ވަނީ 15 މޭ ގެ ނިޔަލަށް ލިޔެކިޔުން ހަމަކޮށް ހުށަހަޅާފައިނުވާ ފަރާތްތަކާއި، އަލަށް އެހީއަށް އެދި ހުށަހަޅުއްވަން ބޭނުންވާ ފަރާތްތަކަށް މި މަހުގެ 31 ގެ 14:00 ނިޔަލަށް ފޯމާއި، ލިޔެކިޔުން ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދެވިފައިވާ ކަން ވެސް ހަނދާންކޮށްދީފަ އެވެ. އަދި މި އެހީއަށް ޝަރުތުހަމަނުވާ ކަމަށް ކަނޑައަޅާފައިވާ ފަރާތްތަކުގެ ތެރެއިން ހާލަތު ބަދަލުވެފައިވާ ފަރާތްތަކަށްވެސް، އެ މުއްދަތުގައި އެހީއަށް އެދި އަލުން ހުށަހެޅޭނެ ކަމަށް އެ އޭޖެންސީން ބުނެފައިވެ އެވެ.
އެ އިއުލާނުގައި އައިވީއެފް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވެސް މި މަހުގެ 10 ވަނަ ދުވަހުގެ 14:00 ގެ ކުރިން ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފަ އެވެ. އެ ޝަކުވާތަކަށް ރިއާޔަތް ކުރުމަށްފަހު ލިސްޓަށް ބަދަލު ގެންނަންޖެހޭ ނަމަ، މުރާޖާ ކުރެވިފައިވާ ލިސްޓު މިމަހުގެ 15 ގަައި ޝާއިއުކުރާނެ ކަމަށް ވެސް އެ އެޖެންސީން ބުނެފައިވެ އެވެ.