ތުހުމަތުކުރެވޭ މީހާއާމެދު ކޮންމެ ވާހަކައެއް ދެއްކިޔަސް އިންސާފުވެރި ޝަރީއަތަކަށް ހުރަހެއް ނޭޅޭ: ޕީޖީ
އެހެން ގައުމުތަކުގައި ނެރޭ "އަނގަ ބަންދުކުރުމުގެ އަމުރު" ގުޅެނީ ދައުވާލިބޭ މީހާއަށް ލިބޭ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާ ކަމަށްވީ ނަމަވެސް ރާއްޖޭގެ ނިޒާމު އޮންނަގޮތުން މުޖުތަމައުގެ ތެރޭގައި ތުހުމަތުކުރެވޭ މީހާއާމެދު ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަށް އުނިކަމެއް ނާންނާނެ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.
ޕީޖީ އޮފީހުން ނެރޭ އުންސުރުގެ ހަތް ވަނަ އަދަދުގައި "ޝަރީއަތުގައި ހިނގާ މައްސަލަތަކާ ގުޅިގެން އަނގަ ބަންދުކުރުވުން" ނަމުގައި ޕަބްލިކް ޕްރޮސިކިއުޓަ އަލްއުސްތާޒާ އާމިނަތު ޝާމާ ނަސީރު ލިޔުއްވާފައި ލިޔުމުގައި ވަނީ ގާނޫނުއަސާސީގެ 51 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ މީހަކު ކުށެއްކޮށްފިކަން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި، ޝަރީއަތުގައި ސާބިތުނުކުރެވޭ ނަމަ އެ މީހަކީ ކުށެއް ނެތް މީހަކު ކަމުގައި ބެލުމުގެ ހައްގު އެ މީހަކަށް ލިބިގެންވާ ކަމަށެވެ. މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް އުފުލުމަކީ މީހަކު ކުށްވެރިވާ ކަމެއް ނޫން ކަމަށާއި ދައުވާ ކޯޓަށް ހުށަހަޅަނީ، މައްސަލައިގައި ލިބިފައިވާ ހެކި ގަރީނާއަށް ބަލައި، ދައުވާ ސާބިތުކޮށްދެވޭ މިންވަރަށް ހެކި ލިބިފައިވާ ކަމަށް ޕްރޮސިކިއުޓަ ޖެނެރަލަށް ފެނިވަޑައިގަތުމުން ކަމަށް ޝާމާ ވިދާޅުވި އެވެ.
"މި ފަހަކަށް އައިސް ބައެއް ކޯޓުތަކުން ގެންދަނީ ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހުންނަށް ގާނޫނުއަސާސީގެ 51 ވަނަ މާއްދާއިން ލިބިދޭ، ކުށް ސާބިތުނުވަނީސް މައުސޫމެއްކަމަށް ބެލުމުގެ ހައްގާ ފުށޫއަރާގޮތަށް ހިޔާލުފާޅުކޮށް ނުހެދުމަށް އަމުރުކުރަމުންނެވެ."
ކޯޓުގައި ހިނގަމުންދާ މައްސަލައާ ގުޅޭ ވާހަކަދެއްކުން ހުއްޓުވައި "އަނގަ ބަންދުކުރުމަށް" އަމުރު ނެރުމަކީ އުސޫލެއްގޮތުގައި ރާއްޖޭގެ ގާނޫނުގައި އޮންނަކަމެއް ނޫން ކަން ފާހަގަކުރައްވާ ޝާމާ ވިދާޅުވީ މިފަދަ އަމުރެއް އެންމެ ފުރަތަމަ ނެރުއްވާފައިވަނީ ޕްރޮސިކިއުޓަ ޖެނެރަލް ވ. މުހައްމަދު އަމީން މައްސަލައިގައި 2021 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 30 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުން ކަމަށެވެ. ސުޕްރީމް ކޯޓުގެ އެ އަމުރަށް ރިއާޔަތްކޮށް އޭގެފަހުން އެހެން ކޯޓުތަކުން ވެސް މިފަދަ އަމުރުތައް ނެރެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގެ ގާނޫނުގައި "އަނގަ ބަންދުކުރުމުގެ" އަމުރު ނެރެވޭނެ އުސޫލެއް ނެތްނަމަވެސް، ދުނިޔޭގެ ކުރިއަރާފައިވާ ބައެއް ގައުމުތަކުގެ ނިޒާމު އޮންނަ ގޮތުން މިފަދަ އަމުރުތައް ނެރެވޭ އެ ގައުމުތަކާ ރާއްޖެއާ ހުރި ތަފާތަކީ، ރާއްޖޭގައި ޖިނާއީ މައްސަލަތަކުގައި ދެފަރާތުން ހުށަހަޅާ ހެކިތަކަށް ބަލައި، ނިޔާ ކަނޑައަޅަނީ ފަނޑިޔާރުން ކަމަށް ވާތީ ކަމަށް ޝާމާ ވިދާޅުވި އެވެ. ޝާމާ ފާހަގަކުރެއްވި ގޮތުގައި އެ ގައުމުތަކުގައި ޖިނާއީ މައްސަލަތައް ސާބިތުވާކަން ނުވަތަ ނޫންކަން ކަނޑައަޅަނީ އާންމުންގެ ތެރެއިން އެ މައްސަލައަކަށް ހޮވާލެވޭ ޖޫރީން ކަމަށާއި ޖޫރީން ބޭނުންކުރަނީ ހެކިތަކަށް ބަލައި އާންމު މީހެއްގެ ނަޒަރުން ކުށް ސާބިތުވޭތޯ ނުވަތަ ނޫންތޯ ކަނޑައެޅުމަށް ކަމުގަ އެވެ. ޖޫރީންނަކީ ފަނޑިޔާރުކަމުގެ އެއްވެސް ތަމްރީނެއް ނެތް އާންމުންގެ މީހުންކަމުން އެމީހުން ހެކިތަކަށް ބަލަނީ ވެސް އާންމު މީހެއްގެ ނަޒަރުން ކަމަށް ޝާމާ ފާހަގަކުރެއްވި އެވެ.
"ޖޫރީން ހިމެނޭ ޝަރީއަތްތަކުގައި މިފަދަ އަމުރު ނެރެނީ، ޖޫރީންގެ ބެންޗް ކަނޑައެޅުމުގެ ކުރިން މައްސަލައިގެ މައުލޫމާތު މުޖުތަމައުގައި އާންމުވެ، ތުހުމަތުކުރެވޭ މީހާއާ މެދު މުޖުތަމައުގައި ވަކި ތަސައްވުރެއް އުފެދިއްޖެނަމަ، ޖޫރީން ހޮވުމަށްޓަކައި ބަލާއިރު ޖޫރީ ޕޫލް ތަގައްޔަރުވެ، ވަކި ފަރާތަކަށް ނުޖެހޭ ޖޫރީން ހޯދުމަށް ހުރަސް އެޅިދާނެތީ އެވެ. އެހެންކަމުން އެހެން ގައުމުތަކުގައި ނެރޭ "އަނގަ ބަންދުކުރުމުގެ އަމުރު" ގުޅެނީ ދައުވާލިބޭ މީހާއަށް ލިބޭ އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގާ އެވެ. ދިވެހިރާއްޖޭގެ ނިޒާމު އޮންނަގޮތުން މުޖުތަމައުގެ ތެރޭގައި، ތުހުމަތުކުރެވޭ މީހާއާމެދު ކޮންމެ ގޮތަކަށް ވާހަކަ ދެކެވުނަސް، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަކަށް އުނިކަމެއް ނާންނާނެ އެވެ. ސަބަބަކީ ޖޫރިންނާ ހިލާފަށް ފަނޑިޔާރުންނަކީ ވަކި ފަރާތަކަށް ބުރަނުވެ، ވަކިފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުންނުވެ، ތައައްސުބުން އެއްކިބާވެ ތިބެ ކަންކަން ނިންމުމަށް ގާނޫނީ ގޮތުން ތަމްރީނާއި އިނާޔަތް ދީފައިވާ މުސްތަގިއްލު ބައެއް ކަމަށްވާތީ އެވެ."
ޝާމާ ވިދާޅުވި ގޮތުގައި ފަނޑިޔާރުންނަށް ލިބޭ ގާނޫނީ ރައްކާތެރިކަމާއި އެ ރައްކާތެރިކަމުގެ ސަބަބުން ދައުވާލިބޭ މީހުންނަށް، އިންސާފުވެރި ޝަރީއަތެއް ލިބުމުގެ ހައްގަކީ ސީދާ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދުސްތޫރީ ދެ ހައްގެއް ކަމުގަ އެވެ.
އޭނާގެ ލިޔުމުގައި އެމެރިކާ ސުޕްރީމް ކޯޓުގެ ނެބްރާސްކާ އެސޯސިއޭޝަން ވ. ސްޓުއަޓް މައްސަލައިގައި މިފަދަ އަމުރެއް ނެރުމުގެ ކުރިން ޝަރީއަތުން ރިއާޔަތްކުރަންވީ ކަންކަން ބަޔާންކޮށްފައިވެ އެވެ. އެގޮތުން ހިމެނޭ ކަންކަމަކީ:
- މައްސަލައިގެ މައުލޫމާތު އިންތިހާއަށް ހާމަވެފައިވުމުގެ ސަބަބުން، ކޯޓުން މިފަދަ އަމުރެއް ނުނެރެ މުއްތަހަމަށް ލިބިދީފައިވާ އިންސާފުވެރި ޝަރީއަތެއް އަދި ވަކި ފަރާތަކަށް ނުޖެހޭ ޖޫރީއަކުން މައްސަލަ ބެލުމުގެ ހައްގަށް އުނިކަން އަންނާނެކަމަށް ބެލެވުން
- މައްސަލައާ ގުޅޭ މައުލޫމާތު ހާމަނުކުރުމަށް އަމުރުކުރުމުގެ ބަދަލުގައި އެނޫން ފިޔަވަޅުތަކެއް އަޅައިގެން މުއްތަހަމަށް ލިބިދީފައިވާ އިންސާފުވެރި ޝަރީއަތެއްގެ ހައްގު ހިމާޔަތްކުރެވޭނެތޯ ބެލުން
- ފުރަތަމަ ދެ ޝަރުތު ފުރިހަމަވިނަމަވެސް، މި ފަދަ އަމުރެއް ނެރުމަށް ހުއްދަކުރެވޭނީ، ވަކިގޮތަކަށް އަމަލުނުކުރުމަށް ނެރޭ އަމުރުގެ ސަބަބުން ޝަރީއަތަށް ލިބޭނެ ކަމަށް އަންދާޒާކުރެވޭ ގެއްލުން (މުއްތަހަމަށް އިންސާފުވެރިނޫން ޝަރީއަތެއް ކުރިމަތިވުން) ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅެއްކަން ކަށަވަރުކުރުމަށްފަހު
ރާއްޖޭގެ ކޯޓުތަކަކީ މުސްތަގިއްލު ވަކި ފަރާތަކަށް ނުޖެހި މައްސަލަ ނިންމާނެ ކޯޓުތަކެއްކަން ކަށަވަރުކުރާނޭ ނިޒާމެއް އެބައޮތްކަން ފާހަގަކުރައްވާ ޝާމާ ވިދާޅުވީ އެއީ ގާނޫނީ ފަންނު އެނގޭ ފަނޑިޔާރަކު މައްސަލަތަކުގައި ގޮތް ނިންމުން ކަމަށެވެ. މީސް މީޑިއާގައި ނުވަތަ ނޫހެއްގައި ނުވަތަ ޕްރޮސިކިއުޓަ ޖެނެރަލް ނުވަތަ ދައުލަތުގެ އެހެން އިދާރާއަކުން ލިޔާ ލިޔުމަކުން ނުވަތަ ދައްކާ ވާހަކައަކުން ފަނޑިޔާރު ނިންމަވާ ނިންމެވުމަކަށް އެއްވެސް އަސަރެއް ނުކުރާނެކަން ކަށަވަރުވާ ކަމަށް ޝާމާ ވިދާޅުވި އެވެ. އޭނާ ވަނީ ފަނޑިޔާރުންނާއި ދައުވާލިބޭ މީހުންނަށް ލިބޭ ރައްކާތެރިކަމަކީ ގާނޫނުއަސާސީގައި ކަނޑާ ނަގައި، ރައްކާތެރިކޮށްދީފައިވާ ހައްގުތަކެއްކަން ފާހަގަކުރައްވާފަ އެވެ.