ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ސިހުރު ހެދިކަމުގެ ތުހުމަތުގައި ހައްޔަރުކުރި ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒު އަލީގެ މައްސަލައާއި ގުޅިގެން ކުރީގެ ރައީސް އަބްދުالله ޔާމީން ސުވާލު އުފައްދަވައިފި އެވެ.
ރައީސް ޔާމީން އިސްވެ ހުންނަވައި އުފެއްދެވި ސިޔާސީ ޕާޓީ ޕީޕަލްސް ނެޝަނަލް ފްރަންޓް (ޕީއެންއެފް) ގެ ޖަގަހައިގައި ބޭއްވި ޖަލްސާގައި ވާހަަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ ޝަމްނާޒް ހައްޔަރު ކުރީ ސިހުރު ހަދައިގެންތޯ ސުވާލު އުފައްދަވައިފަ އެވެ. އެމަނިކުފާނު ފާޑު ވިދާޅުވީ މިމައްސަލައިގައި ރައީސް އޮފީހުން ތަފްސީލު ހާމަ ނުކުރާތީ އެވެ.
ޝަމްނާޒް ހައްޔަރު ކުރުމުން އޭގެ ހަފްތާއެއް ފަހުން ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން ހީނާ ވަލީދު ނިކުންނަވައި އެމައްސަލަ ހުށަހެޅުއްވީ ރައީސް މުއިއްޒުއާއި އާއިލާއިން ނޫންކަމަށް ވިދާޅުވުމުން މައްސަލަ ނުނިމޭކަމަށް ރައީސް ޔާމީން ވިދާޅުވި އެވެ. އަދި މިމައްސަލައިގައި ކަން ހިނގާ ދިޔަގޮތް ރައްޔިތުންނަށް ކިޔައިދިނުމަށް އެމަނިކުފާނު އެދިވަޑައިގެންނެވި އެވެ.
“ފަހަރުގަ ވެދާނެތޯ ޝަމްނާޒް އޭރުގަ ކައުންސިލްގަ ހުރީމަ މިއުޅެނީ ޝަމްނާޒްގެ އަތުގަ ޕެން ޑްރައިވްއެއް އޮވެގެންކަމަށް. މީހަމަ ސިހުރުގެ ކަމެއްތޯ”
ރައީސް ޔާމީންގެ ތުހުމަތުތައް ޝަމްނާޒްއަށް އަމާޒު ކުރެއްވީ އޭނާ ކުރިން ރައީސް ޑރ. މުއިއްޒުގެ އަރިހުގައި ސިޓީ ކައުންސިލްގައި މަސައްކަތް ކުރެއްވުމުންނެވެ. އެގޮތުން ވިދާޅުވީ ސިޓީ ކައުންސިލްގެ މައްޗަށް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތައް ކުރެވެމުންދާ ދަނޑިވަޅެއްގައި ޝަމްނާޒް ހައްޔަރު ކުރުމުން އޭގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށެވެ.
ޝަމްނާޒް ހައްޔަރު ކުރުމަށްފަހު ދެ ފަހަރެއްގެ މަތިން ކޯޓުން ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު ކޮށްފަ އެވެ. ޝަމްނާޒް އާއިއެކު މިމައްސަލައިގައި އިތުރު ދެމީހަކު ހައްޔަރު ކުރިނަމަވެސް އެމީހުންގެ ތަފްސީލު ފުލުހުން ހާމައެއް ނުކުރެ އެވެ.