ރާއްޖޭގެ އިޤްތިޞާދު މިއަދު މިއޮތް ހިސާބަށް ދިޔައީ ކޮން ބައެއްގެ ސަބަބުންތޯ ބަލަންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވެއްޖެ އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން ސަރުކާރުން އަޅަން ނިންމާފައިވާ ބައެއް ފިޔަވަޅުތަކާއި ގުޅޭ ތަފްސީލީ މައުލޫމާތުތަކެއް އާންމު ކުރައްވައިފަ އެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރިޔާސީ އިންތިހާބުގެ ވޯޓާއި އެއްކޮށްލައި، ބައެއް ކޮމިޝަންތައްވެސް އުވައިލަން ނިންމާފައިވާކަން ހާމަކުރެއްވި އެވެ. މީގެ އިތުރުން ބައެއް ކޮމިޝަންތައް އެއްކޮށްލުމާއިއެކު މެމްބަރުންގެ އަދަދު މަދުކުރަން ތައްޔާރުވަމުން ދާކަމަށް ޑރ. މުއިއްޒު ރޭ ވިދާޅުވި އެވެ.
މިވާހަކަތަކާއި ގުޅުވައި ސައުދު ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ ރައީސް ވިދާޅުވި އިސްލާހުތަކަށް ތާއީދު ކުރައްވާ ކަމަށެވެ. އަދި ހަރަދު ކުޑަކޮށް ދެމެހެއްޓެނިވި ގޮތަކަށް ކަންކަން އިސްލާހު ކުރުމަކީ މުހިންމު އަދި ނުހަނު ބޭނުންތެރި ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ އިޤްތިޞާދު މިހާ ހިސާބަށް ދަށަށް ދިޔައީ ކޮން ބަޔަކު ކުރި ކޮން ކަމެއްގެ ސަބަބުންތޯ، ކަމުގެ ގާބިލު ތަޖުރިބާ ހުރި އިލްމީ ޓީމަކުން ދިރާސާކޮށް ބެލުމަކީ ނުހަނު މުހިންމު އަދި ބޭނުންތެރި ކަމެއްކަމަށްވެސް ގަބޫލު ކުރަން"
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިންގި އެމްއެމްޕީއާރުސީ ކޮރަޕްޝަން އަލުން ތަހުގީގުކޮށް ދައުލަތަށް ގެއްލުނު ފައިސާ ހޯދުމުގެ މަސައްކަތް ފައްޓަވާނެކަމަށްވެސް ރޭ ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ވިދާޅުވި އެވެ. މި ވާހަކަތަކަށް އިޝާރާތް ކުރައްވައި ސައުދު ވިދާޅުވީ އެއީ ބޭނުންތެރި ކަމެއްކަމަށް ދެކިލައްވާ ކަމަށެވެ.
މީގެ އިތުރުން ރައީސް ޑރ. މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގެންނެވި މަހުވެސް މުސާރަ ދޭން ޖެހުނީ 800 މިލިއަން ރުފިޔާގެ ލޯނެއް ނަގައިގެން ކަމަށާއި އޭގެ އިތުރަށް މަސްވެރިވެރިންނަށްވެސް 240 މިލިއަން ދޭން ޖެހުނުކަން ސައުދު ފާހަގަކުރެއްވި އެވެ.