ހުއްޓިފައި އޮތް ޑީއެންއާރްގެ މަސައްކަތް ބާރު ދުވެއްޔެއްގައި ކުރިއަށް
ކުރީ ސަރުކާރުގެ ވެރިކަން ނިމި, މި ސަރުކާރާ ދައުލަތުގެ އިދާރާތަކުގެ ތަޅުދަނޑިތައް ހަވާލުކުރިއިރު, ޑިޕާޓްމެންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަން, ޑީއެންއާރު ވެސް އޮތީ ހާލެއްގައެވެ. ހިންގުމުގައި ހުރި އުނި އެތައް ކަމެއްގެ ސަބަބުން މުޅި ސިސްޓަމް އޮތީ މަޑު ޖެހިފަ އެވެ. ޑީއެންއާރަކީ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހަދަން މަތިކޮށްފައިވާ އިދާރާ އެވެ. އެ އިދާރާގެ މަސައްކަތަކީ ދިވެހިންގެ ރިކޯޑް ބެލެހެއްޓުމެވެ. އެ މަސައްކަތް ކުރުމަށް އެތަން އޮތީ ނުކުޅެދިފަ އެވެ. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް ހަދަން އެޕްލައިކޮށްފައިވާ އެތައް ބައެއްގެ އެޕްލިކޭޝަންތައް މަޑުޖެހި, ޑީއެންއާރުގެ ބެކްލޮގް އޮތީ ވަރަށް ބޮޑަށް ބޮޑުވެފަ އެވެ.
މި ސަރުކާރުން ހަވާލުވެ, ޑީއެންއާރުގެ މަސައްކަތް ބަދަލު ކުރީ ދާޚިލީ ސަލާމަތާ، ފަންނާބެހޭ ވުޒާރާ, ދަށަށެވެ. އެތަނާ ހަވާލުވީ, އެ މިނިސްޓްރީގެ ޑެޕިއުޓީއެއް ކަމަށްވާ އަޙްމަދު އާލީ އެވެ.
އާލީގެ ފުރަތަމަ މަސައްކަތަކަށްވީ އެތަނުގެ މަސައްކަތްތައް އަވަސް ކުރާށެވެ. ބުރެކި ޖެހިފައިވާ ޑިޕާޓްމެންޓްތަކުގެ ގިޔަރު ބަދަލު ކުރާށެވެ. މުޅި އިދާރާގެ ތެޔޮ ބަދަލުކޮށް, ސިސްޓަމް އަލުން ރީސްޓާޓްކޮށް, 17 ނޮވެންބަރު 2023 ވަނަ ދުވަހާ ހަމައަށް އޮތް 3,348 އައިޑީ ކާޑުގެ ބެކްލޮގް މުޅިން ކްލިއާކޮށްލީ އެވެ.
ޑީއެންއާރުގެ މަސައްކަތާ ގުޅޭ ގޮތުން އާލީއާ ބައްދަލުކޮށްލަން އަހަރެންނަށް މަޖުބޫރު ކުރުވީ އަމިއްލަ ތަޖުރިބާ އެވެ. އެތަނުންދޭ ޚިދުމަތުގެ ފެންވަރާއި ޚިދުމަތަށް ނަގާ ވަގުތުގެ ސަބަބުން އެތަން ހިންގާލި ގޮތް ހޯދާލާ ހިތްވީ އެވެ.
"ދެން"އާއެކު އާލީ ވަނީ ކުޑަ ވަގުތުކޮޅެއް ހޭދަކޮށް, އެތަނުން ކުރިޔަށްދާ މަސައްކަތްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކާފަ އެވެ.
24 ގަޑިއިރުގެ ތެރޭގައި އައިޑީ ކާޑު އަތަށް
ބެކްލޮގް އެއްކޮށް ކްލިއަރކޮށްލުމަށްފަހު އާލީގެ މަސައްކަތަކަށްވީ އައިޑީ ކާޑްގެ ޚިދުމަތަކީ ތަކުލީފަކަށް ވެފައި އޮތް އޮތުން ނިމުމަކަށް ގެންނާށެވެ. އައިޑީ ކާޑް މުއްދަތު ހަމަވެގެން ނުފުރިގެން ހުންނަން ޖެހުމާއި އިތުރު އަސާސީ ޚިދުމަތްތަކުން މަޙްރޫމްވާތީ, އެ ޚިދުމަތަކީ އަވަސް ޚިދުމަތަކަށް ހެދުމަށް އާލީ މަސައްކަތް ފެށި އެވެ.
އޭރު ކުރި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން މިއަދު ޑީއެންއާރުގެ މަސައްކަތަކީ ވަރަށް ތަރުތީބު މަސައްކަތަކެވެ. ގިނަ ބަޔަކު އެ އިދާރާއާ ގުޅޭ ގޮތުން ދެކެމުން އައި ގޮތް ބަދަލުކޮށްލީ އާލީގެ ކުޅަދާނަ މާލިމީކަމުގައި ހިންގުމަށް ގެނަވުނު ބަދަލުތަކުންނެވެ.
"އަހަރެމެން މުޅި ޓީމްގެ އަމާޒަކަށް ހެދީ 24 ގަޑިއިރުގެ ތެރޭގައި އައިޑީ ކާޑް އަތަށް ދޭން. ގޭގައި ތިބެ އޮންލައިންކޮށް އެޕްލައިކޮށްގެން މިހާރު އައިޑީ ކާޑް ފަސޭހަ ކަމާއެކު ހައްދާލެވޭނެ" އާލީ ވިދާޅުވި އެވެ.
މުސްކުޅިންނަށް ބުރައަކަށް ވެފައި އޮތުން ނިމުމަކަށް
ކޮވިޑް-19 އާއެކު ރާއްޖެ ބަންދުވުމާއެކު އައި މަޖުބޫރުކަމާއެކު ޑީއެންއާރުގެ މުޅި މަސައްކަތް އޮންލައިން ކުރެވުނެވެ. އެއާއެކު ކައުންސިލްތަކާއެކު ކުރިން ޑީއެންއާރުން ގެންގުޅެމުން އައި ގުޅުން ކެނޑުނެވެ. މިހާރު އައިޑީ ކާޑަށް ހަމައެކަނި އެޕްލައި ކުރެވޭނީ އޮންލައިންކޮށެވެ. އާބާދީގެ ބޮޑު ބަޔަކަށް ބޮޑު ލުއިއެކެވެ. ނަމަވެސް ބާކީކޮށްލީ އުމުރުން ދުވަސްވީ މީހުންނެވެ. ކޮވިޑް ނިމި, ރަށްތަކާއި ސިޓީތައް ހުޅުވުނުއިރު ވެސް, އެ މީހުންނަށް ބަންދުވި ދޮރު ނުހުޅުވުނެވެ.
އާލީގެ އަމާޒު ހުރީ އެ މީހުންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯދައިދިނުމަށެވެ. އެގޮތުން ކައުންސިލްތަކާއެކު ކުރިން އޮތް ގުޅުން އިތުރަށް ބަދަހިކޮށް، މަސައްކަތަކެއް ވަނީ ފަށާފައެވެ. މި މަސައްކަތުގެ ތެރެއިން މިމަމުގެ 18 ވަނަ ދުވަހު ޚާއްސަ ޕޯޓަލްއެއް ތައާރަފްކުރަން ވަނީ ނިންމާފަ އެވެ.
މި ޕޯޓަލް މެދުވެރިކޮށް، ކައުންސިލްތަކަށް އައިޑީ ކާޑްގެ ސްޓަޓަސް ބެލުމާއި އެޕްލިކޭޝަންތައް ބަލައިގަތުމަށް އިތުރު ލުއިތަކެއް ލިބިގެންދާނެއެވެ. މި ޕޯޓަލް ހުޅުވުމަށް މި މަސް ތެރޭގައި ޚާއްސަ ހަފުލާއަކާއެކު ކައުންސިލްތަކަށް ޓްރެނިން ސެޝަނެއް ކުރިޔަށް ގެންދެވޭނެ އެވެ. އާލީ ޤަބޫލު ކުރައްވާ ގޮތުގައި މިކަން ވެގެންދާނީ ކައުންސިލްތަކާއެކު ޑީއެންއާރުން ގެންގުޅުނު ގުޅުން އިތުރަށް ބަދަހި ވެގެންދާނެ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެން ކޮންމެ ރަށަކުން ކައުންސިލަރަކާއެކު މި މަސް ތެރޭގައި އޮންނާނެ ޓްރެއިނިން ސެޝަނެއް. މިއީ އައިޑީ ކާޑް އެޕްލިކޭޝަނާއި ސްޓެޓަސް ބަލާނެ ގޮތާއި އެހެންވެސް މިފަދަ ކަންކަން ދަސްކޮށްދޭން ބާއްވާ ސެޝަނެއް." އާލީ ޤަބޫލު ކުރައްވާ ގޮތުގައި މި ސެޝަންނާއެކު އައިޑީ ކާޑް ޚިދުމަތް ދިނުމުގައި ކައުންސިލްތަކުގެ ދައުރު އިތުރަށް ފުރިހަމަ ވެގެންދާނެ އެވެ.
އަތޮޅު ކައުންސިލްތަކަށް ބާރުވެރިކަން; ބޮޑު ލުއެއް ރައްޔިތުންނަށް
މިހާރު ޑީއެންއާރުގެ ސިސްޓަމް އެތުރިފައިވާ ގޮތުން ހުރިހާ އައިޑީ ކާޑެއް ޕްރިންޓް ކުރަމުން އަންނަނީ މާލޭންވެ. އަތޮޅު ތެރޭ މީހަކު އައިޑީ ކާޑް ވެސް ޕްރިންޓް ކުރަނީ މާލޭގައި ހުންނަ އޮފީހުންނެވެ. މި ސެންޓްރަލައިޒް ސިސްޓަމްގެ ސަބަބުން އަތޮޅު ތެރޭ މީހުންނަށް އައިޑީ ކާޑް ލިބުނީ ވަރަށް ގިނަ ދުވަސް ފަހުންނެވެ.
"މިހާރު މި އޮންނަ އުސޫލަކީ ކޮންމެ ހަފްތާއަކު ދެ ފަހަރު މާލެއިން އަތޮޅު ތެރެއަށް މި ޑިސްޓްރިބިއުޓް ކުރަނީ. އެގޮތަށް ކަންތައް ކުރުމުން އެބަ ދިމާވޭ، ލަސްތަކެއް." އާލީ ވިދާޅުވީ މިކަން ހައްލު ކުރަން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.
އެގޮތުން އަތޮޅު ކައުންސިލްތަކުން އައިޑީ ކާޑް ޕްރިންޓްކޮށް، ޑިސްޓްރިބިއުޓް ކުރެވޭނެ ނިޒާމެއްގެ ބޭނުން ފާހަގަ ކުރައްވާ އެފަދަ ނިޒާމެއް އެކުލަވާލުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އާލީ ވިދާޅުވި އެވެ.
"ޑީ ސެންޓްރަލައިޒްކޮށް، އައިޑީ ކާޑް ޕްރިންޓިންގެ ޚިދުމަތް އަތޮޅު ކައުންސިލްތަކުން ހެދޭނެ އިންތިޒާމު އަޅުގަނޑުމެން މިދަނީ ކުރަމުން. މިހާރު އެއް ކައުންސިލަކާއެކު މިއޮތީ އެ ފަހުމުނާމާގެ އެންމެ ފަހު މަރުހަލާގައި" އާލީ ވިދާޅުވީ، އެފަދަ ނިޒާމެއް ޤާއިމް ކުރެވިއްޖެނަމަ އައިޑީ ކާޑް ޑިސްޓްރިބިއުޝަން ރަނގަޅު ވެގެންދާނެ ކަމަށެވެ.
ޑީއެންއާރުގެ މަސައްކަތަކީ އާލީގެ ބެލުމުގެ ދަށުން ހިންގަމުން އަންނަ މަސައްކަތަކަށް ވިޔަސް, އޭނާގެ މަސައްކަތް ވިލަރެސް ކުރައްވަނީ އެތަނުގެ ސްޓޭޓް މިނިސްޓަރު ޔޫސުފް އަބްދުލްޣަފޫރެވެ. އޭގެ އިތުރުން މިނިސްޓަރު އިޙްސާންގެ ލީޑަރޝިޕްއާ ނުލާ އެ މަސައްކަތް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.