ޚަބަރު

ރާއްޖޭގައި ހައްގުތައް ދެވޭނީ ދީނާ އެއްގޮތަށް: އުޝާމް

އަލީ ސަމާޙް ، ދެން އޮންލައިން
އައިސީސީޕީއަރްގައި ބަންޑާރަ ނައިބް އަހުމަދު އުޝާމް ބައިވެރިވެވަޑައިގަންނަވަނީ

ރާއްޖޭގައި އިންސާނީ ހައްގުތައް ދެވޭނީ އިސްލާމްދީނާ އެއްގޮތަށް ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އދ ގެ އިންޓަރނޭޝަނަލް ކޮވެނަންޓް އޮން ސިވިލް އެންޑް ޕޮލިޓިކަލް ރައިޓްސް (އައިސީސީޕީއާރު) ގެ ދަށުން، 2022 ގައި ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ދެވަނަ ޕީރިއޮޑިކް ރިޕޯޓު އދ ގެ ހިއުމަން ރައިޓްސް ކޮމިޓީން ރިވިއުކުރުމަށްޓަކައި 9 ޖުލައި އިން 10 ޖުލައި އަށް، ސްވިޓްޒަލޭންޑްގެ ޖެނީވާގައި ބޭއްވި ރިވިއު ސެޝަންގައި ރާއްޖެއިން ބައިވެރިވި އެވެ.

އޭގެ ތަފްސީލުގެ ނޫސް ބަޔާނެއް އާއްމުކުރަމުން ބަންޑާރަނައިބުގެ އޮފީހުން ބުނީ އެ ރިޕޯޓަކީ، އައިސީސީޕީއާރުގެ ދަށުން ކަށަވަރުކޮށްދޭ މަދަނީ އަދި ސިޔާސީ ހައްގުތަކާއި މިނިވަންކަން އެގޮތަށް ލިބިދިނުމަށްޓަކައި، ޖުލައި 2012 އިން މާޗް 2022 ގެ ނިޔަލަށް ރާއްޖެއިން ކޮށްފައިވާ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހިމަނައި، އދގެ ހިއުމަން ރައިޓްސް ކޮމިޓީއަށް ހުށަހަޅާފައިވާ ރިޕޯޓެއް ކަމަށެވެ.

ދެ ސެޝަނަކަށް ބަހާލައިގެން ކުރިއަށްދިޔަ އ ރިވިއުގައި، ރައީސް އޮފީހާއި، ބަންޑާރަ ނައިބުގެ އޮފީހާއި، ފޮރިން މިނިސްޓްރިއާ، ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ މިނިސްޓްރީ، ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި، ޖެނީވާގައި ހުންނަ އދ ގެ އޮފީހަށް ރާއްޖެއިން ކަނޑައަޅައިފައި ހުންނަ ދާއިމީ މިޝަން ހިމެނޭ ގޮތުން، ސަރުކާރުގެ ހައި-ލެވެލް ޑެލެގޭޝަނެއް ބައިވެރިވެވަޑައިގެންފައިވާ ކަމަށް އެ ބަޔާނުގައި ބުންޏެވެ. އެ ހައި-ލެވެލް ޑެލެގޭޝަންގެ ހެޑް އޮފް ޑެލެގޭޝަންގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވީ ބަންޑާރަ ނައިބު އުޝާމް އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ އެ ރިވިއު ފެށުމުގެ އުޝާމް ވަނީ، އިސްލާމްދީނަކީ ދިވެހި ރައްޔިތުކަމުގެ މައިގަނޑު އެއް އަސާސް ކަމަށާއި، އެއީ ދިވެހި މުޖުތަމައުގައި ބަދަލުކުރުމަށް ޖާގަ ނުދެވޭނެ އަސްލެއްކަމަށް ވިދާޅުވެފައި ކަމަށެވެ.

އަދި ރާއްޖޭގެ ހިންގުމުގެ ނިޒާމާއި، ގާނޫނީ އޮނިގަނޑު ހަރުދަނާކުރުމަށް ސަރުކާރުން ކުރަމުންގެންދާ މަސައްކަތްތަކަށް އަލި އަޅުއްވާލައްވައި، ރާއްޖޭގައި އައިސީސީޕީއާރުގެ ހައްގުތައް ލިބިދެވޭނީ، ރާއްޖޭގެ ޖުމްހޫރިއްޔާގެ ގަނޫނުއަސާސީއާއި، ގާނޫނުތަކާއި، އިސްލާމްދީނުގެ އަސްލުތަކާ އެއްގޮތްވާ ގޮތުގެ މަތިންކަމަށް ފާހަގަކުރައްވާފައިވާ ކަމަށެވެ.

އެ ރިވިއު ސެޝަނަށްފަހު، ދިވެހި ސަރުކާރުގެ ރިޕޯޓާއި، ރިވިއު ސެޝަންގައި އ.ދ. ގެ ހިއުމަން ރައިޓްސް ކޮމިޓީއާ ހިއްސާކުރެވުނު މައޫލޫމާތުތަކުގެ މައްޗަށް ބިނާކޮށް، ކޮމިޓީގެ ކޮންކްލޫޑިން އޮބްޒަވޭޝަންތަކާއި ރިކޮމެންޑޭޝަންތައް 19 ޖުލައި ގައި ދިވެހި ސަރުކާރާ ހިއްސާކުރާނެ ކަމަށް ބަންޑާރަ ނައިބުގެ އޮފީހުން މައުލޫމާތުދެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!