ޚަބަރު

ޔާމީނު ވެރިކަންކުރީ އިދިކޮޅު ޖަލަށް ލައި ބިރުވެރިކަން އުފައްދައިގެން: ފައިސަލް

އަލީ ސަމާޙް ، ދެން އޮންލައިން
މިރޭގެ ޖަލްސާގައި ފައިސަލް ވާހަކަ ދައްކަވަނީ/ ފޮޓޯ: ދެން

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ނުކުރެވުނީ އިދިކޮޅު ސިޔާސީ ލީޑަރުން ޖަލަށްލައިގެން ގައުމުގައި ބިރުވެރި ހާލަތެއް އުފެއްދުމުން ކަމަށް ވިދާޅުވެ ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް މިރޭ ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.

Ads by Sosun Fihaara

މިރޭ ޕީއެންސީ ޖަގަހާގައި ބޭއްވި ޖަލްސާގައި ފައިސަލްގެ ބައްޕާފުޅު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ނިސްބަތްކޮށް ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަތަކަށް ފައިސަލް ވަނީ ހޫނު ރައްދެއް ދެއްވާފަ އެވެ.

ޔާމީން ވިދާޅުވާ ގޮތުންނަމަ ރައީސް ޑރ މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި އެމަނިކުފާނުގެ "ހުސް ގޮނޑި" ދައްކައިގެންނެވެ.

އެ ވާހަަތަކަށް ރައްދު ދެއްވައި ފައިސަލް ވިދާޅުވީ ރައީސް މުއިއްޒު، ޔާމިންގެ ހުސްގޮނޑި ދެއްކި ކަމަށްވާނަމަ ޔާމީން ވެރިކަމަށް ވަޑައިގެންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފޮޓޯ ދައްކައިގެން ކަމަށެވެ. އަދި ވެރިކަން ކުރެއްވީ ސިޔާސީ ލީޑަރު ޖަލުގައި ބައިތިއްބައިގެން ގައުމުގެ ތެރޭގައި ބިރުވެރިކަން އުފައްދައިގެން ކަމަށެވެ. ފައިސަލް އެ އިޝާރާތް ކުރެއްވީ ޔާމީންގެ ވެރިކަމުގައި ސިޔާސީ އެކި ސަބަބުތަކަށްޓަކައި އޭރުގައި އިދިކޮޅު ގައި ތިބި ފަރާތްކުން ޖަލަށްލިލުމަށެވެ.

"ރައީސް މައުމޫންގެ ފޮޓޯ ފުޅު ދައްކައިގެން އެ ބޭފުޅާގެ ތުއްތޮންބެ ގެންގޮސް ބޭންދީ ހަތް މަސް ދުވަސް ވަންދެން ޖަލުގައި. ދިވެހިރާއްޖޭގައި މިއަދު ތިއްބެވި ހުރިހާ ސިޔާސީ ބޭފުުޅުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމުގައިވިޔަސް ކާނަލް ނާޒިމް ކަމުގައި ވިޔަސް އަދި ފާރިސް މައުމޫން ކަމުގައިވިޔަސް މި އެންމެން ޖަަލަށްލައިގެން" ފައިސަލް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ގޮތުގައި 2018 ވަނަ އަހަރުގެ ވެރިކަން ޔާމީންއަށް ނުލިބުނު އެންމެ ބޮޑު ސަބަބަކީ ނުވަތަ ރައްޔިތުން ނޫނެކޭ ބުނީ އެއް ސަބަބަކީވެސް އަނިޔާވެރިވުން ކަމަށެވެ. އެއަށް ފަހު ދެން ފައިސަލް ރައްދު ދެއްވީ ރައީސް މުއިއްޒުއާ ސިހުރުއާ ގުޅުވައި ޔާމިން ދައްކަވަމުން ގެންދަވާ ވާހަކަތަކަށެވެ. ވިދާޅުވީ ވެރިކަމުގައި ހުންނެވިއިރު ޔާމީން ސިހުރު ހެއްދެވި ކަމަށެވެ.

" އަޅުގަނޑު ހަނދާނަށް އަންނަނީ އާ ރަށަށް އެމަނިކުފާނު ކަރުތާފެނަށްލައިގެން އެތާނގައި ކަރުތާފެނަށް މޫދަށް ލައިގެން ސިހުރުހާހޫރު ހަދަން ދެ އަންހެނެއްގެ ވިސްނުމަށް އެމަނިކުފާނު އެތާ އިންނެވިއިރު ކޮން ވާހަކައެއްތޯ މިއަދު އަޅުގަނޑުމެން ކައިރީ ދައްކާނީ" ފައިސަލް ވިދާޅުވި އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!