ދައުލަތަށް ފައިދާހުރި މަޝްރޫއުތައް ހިންގަން ހުރަސް އަޅާ މީހުންނާ ދޭތެރޭގައި މި ސަރުކާރުން ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެ އެވެ.
ވެރިކަން ކުރާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ހަރުގެ ޖަލްސާގައި ބުރާސްފަތި ދުވަހުގެ ރޭ ވާހަކަ ދައްކަވަމުން ޝުޖާއު ވިދާޅުވީ މީގެ ކުރިން ރާއްޖެއަށް އަންނަންހުރި ބޮޑެތި މަޝްރޫއުތައް އެމްޑީޕީން މުޒާހަރާކޮށްގެން ވަނީ ހުއްޓުވާފައި ކަމަށެވެ. މާޒީގައި ކުރެވުނު އެ ތަޖުރިބާއަށް ބަލައި ރާއްޖޭގައި ކުރިއަށްދާ މަޝްރޫއުތައް މުޒާހަރާކޮށްގެން ދެން ނުހުއްޓުވޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި އެގޮތަށް މަޝްރޫއުތައް ހުއްޓުވުމުން އެކަމުގެ ނޭދެވޭ އަސަރު ގައުމަށް ކޮށްފައިވާ ކަމަށެވެ.
ޝުޖާއު ވިދާޅުވެފައި ވަނީ ހދ. ކުޅުދުއްފުށި އެއާޕޯޓު ތަރައްގީ ކުރުމުގެ މަސައްކަތް ފެށުމުން އެ ރަށުގައި ތިބި ބަޔަކު ލައްވައި ކުޅި ހިމާޔަތް ކުރުމުގެ މުޒާހަރާ ކުރުވި ކަމަށާއި ބްރިޖުގެ މަޝްރޫއާ އެކު، ރާޅުގަނޑުގައި ރާޅާ އަޅަން އުޅުނު ކުދިން ލައްވާ ވެސް އެމްޑީޕީން މުޒާހަރާ ކުރުވި ކަމަށެވެ. އެހެންނަމަވެސް އެކަންކަމަށް ނުބަލައި އެ މަސައްކަތްތައް ކުރިއަށް ގެންދިޔަ ކަމަށް ޝުޖާއު ވިދާޅުވި އެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވ. އަތޮޅުގައި ފަތުރުވެރިކަމުގެ ބޮޑު މަޝްރޫއެއް ފެށުމުން އެކަމަށް ހުރަސް އަޅަން އެމްޑީޕީން މަސައްކަތް ކުރަމުން އަންނަކަން ފާހަގަކުރައްވާ ޝުޖާއު ވަނީ އެކަން ހުއްޓާލުމަށް ގޮވާލައްވާފަ އެވެ.
"މި ސަރުކާރުގައި ދައުލަތަށް އާމްދަނީ ލިބޭ، ދައުލަތުގެ މާލިއްޔާއަށް ފައިދާހުރި މަޝްރޫއުތައް ހިންގަން ހުރަސް އަޅާ މީހުންނާ ދޭތެރޭ ގާނޫނީ ފިޔަވަޅު މި ސަރުކާރުން އަޅާނަމޭ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު އިތުރަށް ވިދާޅުވި ގޮތުގައި އެފަދަ ކަންކަމަށް ހިތްވަރުދޭ މީހުންނާ މެދު ވެސް ފިޔަވަޅު އަޅުއްވާނެ ކަމުގަ އެވެ. އެއީ ކޮންމެ މީހަކަށް ވީނަމަވެސް ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ދޭން ޖެހޭ ހައްގު އަދަބު ދިނުމަށް މި ސަރުކާރުން ފަސް ނުޖެހޭނެކަން އޭނާ ފާހަގަކުރެއްވި އެވެ.