ޚަބަރު

މިޔަންމާއާދެކޮޅަށް ގެމްބިއާއިން ހުށަހެޅި މައްސަލައަށް ތަދައްޚުލްވާން ރާއްޖޭގެ ހުށަހެޅުން އައިސީޖޭން ބަލައިގެންފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މިޔަންމާއާ ދެކޮޅަށް ގެމްބިޔާއިން ހުށަހަޅާފައިވާ މައްސަލައަށް ތަދައްޚުލްވާން ރާއްޖޭގެ ހުށަހެޅުން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް، އައިސީޖޭއިން ބަލައިގެންފިއެވެ.

Ads by MWSC

ބަންޑާރަނައިބުގެ އޮފީހުން ނެރުނު ބަޔާނެއްގައި ވިދާޅުވި ގޮތުގައި އައިސީޖޭގައި ކުރިއަށްދާ "އެޕްލިކޭޝަން އޮފް ދަ ކޮންވެންޝަން އޮން ދަ ޕްރިވެންޝަން އެންޑް ޕަނިޝްމަންޓް އޮފް ދަ ކްރައިމް އޮފް ޖެނޮސައިޑް" މައްސަލައަށް ތަދައްޚުލްވުމަށް އެދި ރާއްޖޭގެ ހުށަހެޅުން އެ ކޯޓުން ބަލައިގެންފައިވަނީ މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ.

އެ ކޯޓުން މި ހުށަހެޅުން ބަލައިގަތީ މިޔަންމާއިން އިއުތިރާޒެއް ހުށަހަޅާފައިވަނިކޮށެވެ.

ރާއްޖޭން މި މައްސަލައިގައި ތަދައްޚުލްވެފައިވަނީ ޤަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބު ދިނުމާގުޅޭ މުއާހަދާގެ މާއްދާތައް މާނަކުރުމާ ގުޅޭގޮތުންނެވެ.

މި މައްސަލައަކީ މިޔަންމާގައި ރޮހިންޖާ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރި ލާއިންސާނީ އަމަލުތަކާ ގުޅިގެން ގެމްބިއާއިން އެ ޤައުމާ ދެކޮޅަށް 11 ނޮވެމްބަރު 2019ގައި އައިސީޖޭއަށް ހުށަހަޅާފައިވާ މައްސަލައެކެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވީ ރޮހިންޖާ މުސްލިމުންނަށް ޢަދުލުއިންސާފު ހޯދައިދިނުމަށާއި ޤަތުލުއާންމުގެ ކުށް ހުއްޓުވުމާއި އަދަބުދިނުމާ ގުޅޭ މުއާހަދާ ތަންފީޒުކުރުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ކުރާ މަސައްކަތްތަކަށް ރާއްޖޭން އަބަދުވެސް އެއްބާރުލުން ދިނުމުގައި ސާބިތުކަމާއެކީ ދެމި އޮންނާނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!