ދިވެހި ޕައިލެޓުން ވަރަށް އަވަހަށް ހެލިކޮޕްޓަރު ދުއްވަން ފަށާނެ: ޗީފް

ކައިރި މުސްތަޤްބަލެއްގައި ދިވެހި ޕައިލެޓުން ހެލިކޮޕްޓަރު ދުއްވަން ފަށާނެ ކަމަށް ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނަރަލް އަބްދުﷲ ޝަމާލް ވިދާޅުވެއްޖެ އެވެ.
އެމްއެންޑީއެފުން މިހާރު ބާއްވަމުން އަންނަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝަމާލް ވިދާޅުވީ، އެ މަސައްކަތް ދިވެހި ޕައިލެޓުންނާއި ހަވާލުކުރުމުގައި ވަރަށް ގިނަ ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ.
މިވަގުތު ހެލިކޮޕްޓަރު ދުއްވާނެ ދިވެހިން ނެތްކަމުގައި ވީ ނަމަވެސް ޓްރެއިން ކުރުމުގެ މަސައްކަތް މިހާރު ވެސް ކުރެވެމުން ދާ ކަމަށް ޗީފް ވަނީ ވިދާޅުވެފައެވެ.
ޝަމާލް ވިދާޅުވި ގޮތުގައި ޕައިލެޓުންގެ މުސާރައިގެ ގޮތުގައި އެކަނި ވެސް 80،000 އާ ގާތްކުރާ އަދަދެއްގެ މުސާރައެއް ދޭން ޖެހޭއިރު އެކަމުގައި ވެސް ދަތިތަކެއް އެބަ ހުއްޓެވެ.
މީގެ އިތުރުން ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެ ކަމަށް މިއަދުގެ ޕްރެސްގައި ޝަމާލް ވަނީ ފާހަގަ ކުރައްވާފައެވެ. ނަމަވެސް އިންޑިއާއިން ހަދިޔާކޮށްފައިވާ ދެ ހެލިކޮޕްޓަރު އޮންނަ އައްޑޫއާއި ހައްދުންމަތީގައި ސިފައިން ތިބޭ ކަމަށް އެސަރަޙައްދުގެ ގިނަ ބަޔަކު ބުނެއެވެ.