ރިޕޯޓް ސިޔާސީ

ހަވާސާއިން ބޭރުން: އަމީރުގެ ރިގްރެޓެއް ނެތް, ހުންނެވީ ފަހުރުވެރިވެފައި

  • މިހާރު އިގްތިޞާދީ ހާލަތު ގޯހެއް ނޫން
  • އޭރުގެ ފިސްކަލް ޕޮލިސީއާމެދު 80 އިންސައްތަ ހިތްހަމަޖެހޭ
  • މި ސަރުކާރަށް މާލީ ކަންކަން މެނޭޖު ކުރާކަށް ނޭނގޭ
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ދެން އޮންލައިންގެ ހަވާސާއިން ބޭުރުން ޕޮޑްކާސްޓުގައި އަމީރު ވާހަކަފުޅު ދައްކަވަނީ

ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު އެންމެ ބޮޑަށް ހާއްސަވެގެން ދިޔައީ ކޮވިޑް 19 ގެ ބޮޑު ކާރިސާ މެނޭޖު ކުރުމުގައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުއްވި ސަރުކާރެއްގެ ގޮތުގަ އެވެ. އިޤްތިޞާދީ ދަތި އުނދަގޫ އެ ވަގުތުތައް ކަޑައްތު ކުރެއްވުމުގައި ކަންކަން ކުރެއްވި ގޮތާއިމެދު ބައިނަލްއަގުވާމީ މާލީ ޖަމިއްޔާތަކުވެސް ތައުރީފު ކުރި އެވެ.

Ads by MWSC

އެހެންނަމަވެސް އޭރު ކަންކަން ގެންދެވިގޮތުން މިހާރު ދައުލަތަށް އިތުރު ބުރައެއް އުފުލަންޖެހިފައިވާކަމުގެ އަޑުތައް މިވަނީ ގަދަވާން ފަށައިފަ އެވެ. އޭރު ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައި އިބްރާހިމްް އަމީރަށް އުފުއްލަވަން ޖެހުނީ ޝައްކެއްވެސް ނެތް ގޮތުގައި އެންމެ ބޮޑު މަސްއޫލިއްޔަތެވެ.

މިހާރުގެ އިޤްތިޞާދީ ހާލަތާއި އޭރުގެ ހާލަތު އަދި އޭރު އެޅުއްވި ފިޔަވަޅުތަކާއި ގުޅޭގޮތުން އަމީރު ވަނީ ދެން އޮންލައިންގެ ޕޮޑްކާސްޓު “ހަވާސާއިން ބޭރުން” ގައި ވާހަކަފުޅު ދައްކަވައިފަ އެވެ.

އިގްތިޞާދީ ހާލަތު ގޯހެއް ނޫން

“2020 ވަނަ އަހަރުން ފެށިގެން 2021 އަދި 2022 ހަމަ ވަރަށް ބޮޑަށް އިޤްތިޞާދީ އުނދަގޫތަކެއްގަ މަސައްކަތް ކުރަމުން ދިޔައީ”

ރައީސް ޞާލިހުގެ 5 އަހަރު އިގްތިޞާދީ ހާލަތު އަމީރު ސިފަކޮށްދެއްވީ ދަތިތަކާއި އުނދަގުލުގެ ދައުރެއްގެ ގޮތުގަ އެވެ. އޭނާ ވިދާޅުވީ ކޮވިޑް19 އާއި ރަޝިޔާ ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިޤްތިޞާދީ ހާލަތު ވަރަށް ބޮޑަށް ގޯސްވެގެން ދިޔަކަމަށެވެ.

އެހެންނަމަވެސް އަމީރު ވިދާޅުވި ގޮތުގައި މިހާރު ރާއްޖޭގެ އިޤްތިޞާދު މިވަނީ 2019 ވަނަ އަހަރު ކޮވިޑުގެ ކުރިން އޮތް އިޤްތިޞާދަށްވުރެއް ފުޅާވެފައި ކަމަށެވެ.

ކޮވިޑުގެ ހާލަތަށްފަހު އޭރުގެ ސަރުކާރުން އެޅި ފިޔަވަޅުތަކުގެ ވާހަކަ ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 33 އިންސައްތަ ދަށަށް ދިޔަ ކަމަށެވެ. އެހެންނަމަވެސް ޖެހިގެން އައި އަހަރު 42 އިންސައްތައިގެ ރީބައުންޑެއް އައި ކަމަށާއި މިއީ ދުނިޔޭގެ އެހެން ގައުމުތަކާއި އަޅާ ބަލާއިރު ވަރަށް ރަނގަޅު ކުރިއެރުމެއްކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު އިޤްތިޞާދީ ހާލަތު އޮތީ އާންމު ހާލަތެއްގައި ކަން ފާހަގަކުރައްވަމުން އަމީރު ވިދާޅުވީ ކުރީގެ ސަރުކާރުން ގެންގުޅުނު ސިޔާސަތުތަކާއި އަދުގެ ސަރުކާރުގެ ސިޔާސަތުތައް ވަރަށް ބޮޑަށް ތަފާތު ކަމަށެވެ. މާލީ ހާލަތާއި ގުޅިގެން މިހާ ވަރުގަދަ ފިޔަވަޅުތަކެއް އަޅަމުން ދަނީ އިޤްތިޞާދީ ހާލަތު މާ ބޮޑަށް ގޯސްވެގެން ނޫންކަމަށް އަމީރު ވިދާޅުވި އެވެ.

ހަވާސާއިން ބޭރުން ޕޮޑްކާސްޓުގައި އަމީރު ވާހަކަފުޅު ދައްކަވަނީ

އެޅުނު ފިޔަވަޅުތަކާމެދު ފަހުރުވެރިވޭ, ބުރައެއް ނުޖައްސަން

މިމައުޞޫގައި އަމީރުގެ ވާހަކަފުޅު ފެއްޓެވީ އޭރުގެ އިޤްތިޞާދީ ހާލަތު ސިފަކުރައްވަމުންނެވެ.

“ރާއްޖޭގެ އިޤްތިޞާދުގައި އެންމެ ބޮޑު ސިނާއަތަކީ ފަތުރުވެރިކަން. ފަތުރުވެރިކަމުގެ ސިނާއަތަށް ބަލާއިރު އަޅުގަނޑުމެންގެ އެއާޕޯޓު ބަންދު ކުރެވިފަ. ރިސޯޓުތައް ބަންދު ކުރެވިފަ. މާލެ އަޅުގަނޑުމެން ބަންދުކޮށްގެން އުޅުނިން ގާތްގަނޑަކަށް 6 މަސްދުވަސް ވަންދެން”

އަމީރު ވިދާޅުވީ 2020 ވަނަ އަހަރު ރާއްޖެއަށް 1.2 މިލިއަން ފަތުރުވެރިން އަންނާނެކަމަށް ކުރިން ލަފާކުރި ކަމަށެވެ. އެހެންނަމަވެސް އެ އަހަރު ނިމުނުއިރު ރާއްޖެ ޒިޔާރާތްކުރީ އެންމެ 5 ލައްކަ ފަތުރުވެރިންނެވެ. އެހެންނަމަވެސް އެއާޕޯޓު ބަންދުކޮށް އެޅި ފިޔަވަޅުތަކުގެ ސަބަބުން ރާއްޖޭގައި ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރެވުނު ކަމަށާއި އޭރު އެންމެ ބޮޑު އަހަމިއްޔަތުކަމެއް ދިނީ އެކަމަށް ކަމުގައި އޭނާ ފާހަގަކުރެއްވި އެވެ.

މިހާރު ރާއްޖޭގެ ހުރިހާ ރިސޯޓެއް ހިނގާ ކަމަށާއި ފަތުރުވެރިންވެސް ރާއްޖެއަށް ޒިޔާރާތް ކުރާކަމަށް އަމީރު ވިދާޅުވި އެވެ. ކޮންސްޓްރަކްޝަން ދާއިރާއާއި މަސްވެރިކަމުގެ ސިނާއަތް ހިމެނޭހެން ރާއްޖޭގެ މުޅި އިގްތިޞާދުގައި ހިމެނޭ ހުރިހާ މަސައްކަތެއް ބަރާބަރަށް ކުރިއަށް ދާކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން މިހާރު ރާއްޖޭގެ އިޤްތިޞާދީ ހާލަތު ދަށަށް ދާންޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށްވެސް އަމީރު ވިދާޅުވި އެވެ.

އަމީރު ފިނޭންސް މިނިސްޓަރުކަމުގައި ހުންނަވައިގެން ނެންގެވި ފިޔަވަޅުތަކާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިދާޅުވީ 2020 ވަނަ އަހަރަށް 34 ބިލިއަން ރުފިޔާގެ ބޮޑު ބަޖެޓެއް ފާސްކުރި ކަމަށެވެ. އެހެންނަމަވެސް އޭރުގެ ހާލަތަށް ބަލައި 26 ބިލިއަން ރުފިޔާއަށް ހަރަދުތައް ކުޑަކުރިކަމަށް އަމީރު ވިދާޅުވި އެވެ. އޭގެ ފަހުން އިތުރު 2 ބިލިއަން ރުފިޔާ ހަރަދުވީ ސިއްހީ ދާއިރާގެ ކަންކަން ކުރުމަށްކަމަށް އަމީރު ވިދާޅުވި އެވެ.

“އެއަށްވުރެއް ބޮޑަށް އަޅުގަނޑުމެން މާލީ ކަންކަމުގަ ހަރަދު ކުޑަކުރަން ހިފިނަމަ ވަރަށް ދަތި ހާލުގަ ރައްޔިތުން އުޅެން ޖެހޭނީ”

އޭނާ ވިދާޅުވި ގޮތުގައި އޭރު ހަރަދުތައް ކުޑަކުރީ ދެން އަރައިގަންނަން ފަސޭހަވާނެ ފަދަ ގޮތްތަކެއް ބެލުމަށްފަހު ކަމަށެވެ. އެއާއެކުވެސް އާމްދަނީ މުޅިން ހުއްޓުނަ ނުދިނުމަށް ކަންތައްތަކެއް ކުރެއްވިކަމަށް އަމީރު ވިދާޅުވި އެވެ. އެގޮތުން ބޭރުން ލޯނު ނެންގެވުމަކީ ކޮންމެހެން ކުރައްވަން ޖެހިގެން ކުރެއްވި ކަންކަން ކަމަށް ސިފަކުރެއްވި އެވެ. ލޯނުތައް ނެގިނަމަވެސް ފަހުން އޭގެ ކަރެކްޝަނަލް މެޝާޒްތަކެއް ނަގަން ޖެހޭނެކަންވެސް އެނގޭކަމަށް އަމީރު ވިދާޅުވި އެވެ.

2022 ވަނަ އަހަރުން ފެށިގެން އެ ފިޔަވަޅުތައް ނަގަމުން ދިޔަކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން އޭރު އެޅި ފިޔަވަޅުތަކަކީ ދެން އަންނަން އޮތް ސަރުކާރުތަކަށް ބުރައެއްކަމަށް ދެކެވަޑައިނުގަންނަވާކަމަށް ވިދާޅުވި އެވެ.

މިހާރު ދިމާވެގެން އުޅޭ މައްސަލައަކީ ސަރުކާރަށް މާލީ ހާލަތު މެނޭޖުކުރަން ނޭނގުންކަމަށްވެސް އަމީރު ވިދާޅުވި އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ކުރިން 5.5 އިންސައްތައަށް ކުރިއަރާނެކަމަށް ލަފާކުރި ގައުމީ އުފެއްދުންތެރިކަން މިހާރު ލަފާކުރަނީ 4.9 އިންސައްތައަށް ކުރިއަރާނެ ކަމުގައި ކަމަށާއި މިއީ ގާތްގަނޑަކަށް 600 މިލިއަން ރުފިޔާގެ ގެއްލުމެއް ކަމަށްވެސް އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވީ ކޮވިޑުގެ ހާލަތުން އަރައިގަތުމަށް އޭރުގެ ސަރުކާރުން ކުރި މަސައްކަތްތަކާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން އަޅަންޖެހުނު ފިޔަވަޅުތަކާއިމެދު އަދިވެސް ފަހުރުވެރިވާ ކަމަށެވެ. މާލީ ހާލަތު ރަނގަޅަށް ދެނެ ނުގަނެވޭ ސަރުކާރެއް އައުމަކީ އޭރު އޮތް ސަރުކާރުން ވިސްނާނެ އަދި ވިސްނަންޖެހޭނެ ކަމެއްވެސް ނޫންކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ހަވާސާއިން ބޭރުން ޕޮޑްކާސްޓުގައި އަމީރު ވާހަކަފުޅު ދައްކަވަނީ

ވަޒީފާތަކެއް އިތުރުވި އެކަމަކު ސިއްރެއް ނުކުރަން

ދާދި ފަހުން ޕްރައިވަޓައިޒޭޝަން ބޯޑުން ވަނީ ރައީސް ޞާލިހުގެ ސަރުކާރުން 15,000 އިތުރު ވަޒީފާ ސަރުކާރު ކުންފުނިތަކުން އުފައްދާފައިވާކަން ފާހަގަކުރެވި ބައެއް ކުންފުނިތަކުން އެ މައުލޫމާތު އާންމުކުރަން ދެކޮޅު ހެދިކަމަށް ރިޕޯޓެއްގައި ލިޔެފަ އެވެ. މިކަމާއި ގުޅޭގޮތުން އަމީރުއާ ސުވާލު ދެންނެވުމުން ހިނިތުންވެ އިންނަވައި ޖަވާބު ފެއްޓެވި އެވެ.

“މިވާގޮތަކީ ސިޔާސީގޮތުން އެބަޔަކު ކުރާކަމެއް, އެއީ މަގުމަތީގަ އޮރިޔާމުން ދުވަން ޖެހުނަސް އެބަޔަކަށް ރަނގަޅުވާނެ”

އަމީރުގެ ޖަވާބު ފެއްޓެވީ ތަންކޮޅެއް ދުރުންނެވެ. ވިދާޅުވީ ކުރީ ސަރުކާރުގައި 700 އެއްހާ ސިޔާސީ މަގާމު ތިއްބެވިއިރު މިހާރު ވުޒާރާތައްވެސް ކުރިއަށްވުރެއް ގިނަ ކަމަށެވެ. އަދި ސިޔާސީ މަގާމުތައްވެސް އިންތިހާއަށް އިތުރުވެފައިވާކަމަށް އޭނާ ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން އޭރު ފިނޭންސްގެ ސިޔާސީ މަގާމުތަކުގެ އަދަދުތައް ނެންގެވި އެވެ. އަމީރު ވިދާޅުވި ގޮތުގައި އެ މިނިސްޓްރީގައި އޭރު ތިއްބެވީ ފަސް ސިޔާސީ ބޭފުޅުންނެވެ. އެހެންނަމަވެސް މިހާރު 17 ސިޔާސީ ބޭފުޅުން ހަމައެކަނި ފިނޭންސްގައި ތިއްބެވި ކަމަށާއި ކޮންމެ ވުޒާރާއެއްވެސް އޮތީ މިހާލަތުގައި ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ސަރުކާރު ކުންފުނިތަކަށް ބަލާއިރު ކުރިން ޕޭރޯލް އޮތް އަދަދަށްވުރެއް އެތައް ގުނައެއް މިހާރު ބޮޑުވެފައިވާކަމަށް އަމީރު ވިދާޅުވި އެވެ. މިސާލެއްގެ ގޮތުން ފެނަކަ ކޯޕަރޭޝަން ނަގަވަމުން އަމީރު ވިދާޅުވީ މިސަރުކާރުގައި ފެނަކައިން މުސާރަ ދިނުމަށް އިތުރަށް 10 މިލިއަން ރުފިޔާ ހޭދަ ކުރާ ކަމަށެވެ. އެހެންކަމުން ސަރުކާރުން ހަރަދުތަކާއި ސިޔާސީ މަގާމުތަކުގެ ވާހަކަތައް މިހާރު ދެއްކެވިޔަސް ހާލަތު މިހާރު އޮތީ މާ ގޯސްކޮށްކަމަށް އަމީރު ދެކެވަޑައިގަންނަވަ އެވެ.

މައުލޫމާތު ހާމަ ނުކުރުމުގެ ވާހަަކައަށްވެސް އަމީރު އަލިއަޅުއްވައިލެއްވި އެވެ. 

“ބައްލަވާ އަޒްހާން, 2018 ވަނަ އަހަރު އަޅުގަނޑުމެން ވެރިކަމާ ހަވާލުވިއިރު ޓްރާންސިޝަން ޕީރިއެޑްގަ އަޅުގަނޑުމެންނަށް ނުލިބެޔޭ މިނިސްޓްރީ އޮފް ފިނޭންސަށް ވަންނާނެ ފުރުސަތެއްވެސް”

އަމީރު ވިދާޅުވީ މިސަރުކާރަށް ލިބުނު ޓްރާންސިޝަން ޕީރިއެޑްގައި ހުރިހާ މިނިސްޓްރީތަކަކަށް ވަނުމުގެ ފުރުސަތު ދިން ކަމަށެވެ. ސަރުކާރު ކުންފުނިތަކުގެ އޮފީސްތަކަށްވެސް ޓްރާންސިޝަން ކޮމިޓީތަކަށް ވަނުމުގެ ފުރުސަތު އޭރު ދީފައިވާނެކަމަށް އަމީރު ވިދާޅުވި އެވެ. އެހެންކަމުން މިސަރުކާރުން ބޭނުންވި ކޮންމެ މައުލޫމާތެއް ދީފައިވާނެކަމަށާއި އެއްވެސް ކަމެއް ސިއްރުވެފައި ނޯންނާނެކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ސިޔާސީ މަގާމުތަކުގެ ވާހަކައިގައި އަމީރު ވިދާޅުވީ ކުންފުނިތަކުގައި ސިޔާސީ ގޮތުން މުވައްޒަފުންތަކެއް ތިއްބެވި ކަމަށެވެ. އެއީ ކޮންމެ ސަރުކާރެއްގައިވެސް ކަން ކުރައްވާ ގޮތް ކަމަށާއި ކުރީ ސަރުކާރުގައިވެސް ކޮންމެ ކަމެއް އޮތީ އެންމެ ފުރިހަމައަށްކަމަށް ނުދަންނަވާނެ ކަމަށްވެސް އަމީރު ވިދާޅުވި އެވެ. އެހެންނަމަވެސް މިހާރު ހުރިހާ ކަމެއްވެސް އޮތީ އޭރަށްވުރެއް ގޯސްކޮށް ކަމަށް އަމީރު ވަނީ ވިދާޅުވެފަ އެވެ.

ހަވާސާއިން ބޭރުން ޕޮޑްކާސްޓުގައި އަމީރު ވާހަކަފުޅު ދައްކަވަނީ

ސިޔާސަތުތަކާމެދު ވަރަށް ހިތްހަމަޖެހޭ

ރައީސް ޞާލިހުގެ ސަރުކާރު ބަދަލުވުމާއިއެކު މިހާރު ލިބޭ ވަގުތުތަކުގައި އޭރު ގެންގުޅުނު ސިޔާސަތުތަކާއިމެދު ވިސްނަވާކަމަށް އަމީރު ވިދާޅުވި އެވެ.

“ހަމަ ވަރަށް އިހްލާސްތެރިކަމާ އެކީގަ ހެޔޮ ހިތުން މި ބުނަނީ, އެއްވެސް ވަރަކަށް ސިޔާސީ ވާހަކައެއް ނޫން. ގާތްގަނޑަކަށް 80, 70 ޕަސެންޓު ހިތްހަމަޖެހޭ އިނގޭތޯ ފިސްކަލް ޕޮލިސީ ހިންގުމުގަ”

އަމީރު ވިދާޅުވީ ލިބޭ އެންމެ ބޮޑު ހިތްހަމަޖެހުމަކީ ބޮޑު ކާރިސާއިން އަރައިގަނެވުނީތީ އެކަމާ އެވެ. އެގޮތުން ކޮވިޑް-19 ހާލަތުން އަރައިގަނެވުމާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ލިބުނު ގޮންޖެހުންތައްވެސް ގިރާ ކުރެވުނުކަން އަމީރު ފާހަގަކުރެއްވި އެވެ.

އެއާއެކުވެސް ކުންފުނިތައް ހިންގުމުގައި އިތުރަށް ރަނގަޅު ކުރެވިދާނެ ކަންތައްތަކެއް ކުރި ކަމަށާއި ފިސްކަލް ޕޮލިސީވެސް ތަންފީޒު ކުރުމުގައި ކުރެވިދާނެ ރަނގަޅު ކަންތައްތަކެއް ހުރިކަމަށް އަމީރު ވިދާޅުވި އެވެ.

އުމުރުން 34 އަހަރުގައި ފިނޭންސް މިނިސްޓަރުކަމަށް ވަޑައިގެން މުޅި ދައުރުގައި ކުރެވުނު މަސައްކަތްތަކާއިމެދު އަމީރު ހުންނެވީ ފަހުރުވެރިވެވަޑައިގެންނެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!