އީސީން ބުނަނީ ބިމެއް ހަމަޖެހިއްޖެނަމަ ބަޖެޓަށް ބަރޯސާނުވެ އިމާރާތެއް އެޅިދާނެ ކަމަށް
އެ ކޮމިޝަނަށް ބިމެއް ހަމަޖައްސައިދީފި ނަމަ ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ އެހީ ހޯދައިގެން އަމިއްލަ އިމާރާތެއް އެޅިދާނެ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ބުނެފި އެވެ.
އެ ކޮމިޝަނުގެ މަސްއޫލިއްޔަތުތައް އަދާކުރުމަށް ކުރިމަތިވާ ގޮންޖެހުންތަކާ ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ހުޅުމާލޭން ދެ ބިމެއް އެ ކޮމިޝަނަށް ދެއްކި ކަމަށެވެ. އެހެންނަމަވެސް މިހާތަނަށް ބިމެއް ހަމަޖެހޭގޮތް ވެފައި ނުވާ ކަމަށާއި ބިމަށް އަގު ދެއްކުމަކީ ވެސް އެ ކޮމިޝަނަށް އަދި ކުރެވެން އޮތް ކަމެއް ނޫން ކަމުގައި ފުއާދު ވިދާޅުވި އެވެ.
"ރައީސް އޮފީހުން ވިދާޅުވޭ ފިނޭންސްގައި ދަންނަވާށޭ. ފިނޭންސްގައި ދެންނެވީމާ ފިނޭންސުން ވިދާޅުވާނެ ރައީސް އޮފީހުގައި މި ވާހަކަ ދަންނަވާށޭ. އަދިވެސް އަޅުގަނޑުމެންނަށް ބިމެއް ވެސް ނުލިބޭ،" ފުއާދު ވިދާޅުވި އެވެ.
އެ ކޮމިޝަނަށް ބިމެއް ހޯދުމުގެ ވާހަކަތައް ފެށިގެން އައީ މިހާރު ބޭނުން ކުރަމުން އަންނަ އިމާރާތުން ނިކުމެ ދާއިމީ ތަނެއް ހޯދަން ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ކަމަށް އީސީގެ ނައިބު ރައީސް އަލީ ނަޝާތު ވިދާޅުވި އެވެ. އީސީ ފަދަ މުއައްސަސާއަކަށް ނިސްބަތްވާ އިމާރާތެއް ހުރުމަކީ މުހިންމު ކަމެއްކަން ފާހަގަކުރައްވާ ނަޝާތު ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓަށް ބުރައަކަށް ނުވެ އިމާރާތެއް އެޅުމުގެ ފުރުސަތު ފަހިވެފައިވާ ކަމުގަ އެވެ.
"ކޮރެއާ، ޖަޕާން ތަންތަނުން އިޝާރާތެއް ކޮށްފައި އެބަހުރި އަޅުގަނޑުމެންނަށް ބިމެއް ލިބިއްޖެއްޔާ އެ ބޭފުޅުންނަށް އެކަމައިގެން ކުރިއަށްދެވިދާނެކަން. އަޅުގަނޑުމެންނަށް މިކަން ފެށެން ވެސް މި އޮންނަނީ ޕްރޮޕޯސަލެއް ހިފައިގެން ދެވިގެން،" ނަޝާތު ވިދާޅުވި އެވެ.
ނަޝާތު ވިދާޅުވެފައި ވަނީ އޭރު ކުރެވުނު މަޝްވަރާތަކުގެ ތެރެއިން ރައީސް އޮފީހުން ފިނޭންސް މިނިސްޓްރީއަށް ބިމުގެ އަގު ދައްކައިދޭން ސިޓީއެއް ވެސް ފޮނުވި ކަމަށެވެ. އީސީން ޕްލޭން ކުރަނީ އެ ކޮމިޝަނަށް މިހާރު އެލޮކޭޓް ކޮށްފައިވާ 11،000 އަކަފޫޓުގެ ބިމުގައި 10 ފަންގިފިލާގެ އިމާރާތެއް ކުރުމަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެ އިމާރާތުން ސިޔާސީ ޕާޓީތަކުގެ އިދާރީ އޮފީސްތަކަށް ޖާގަ ދިނުމަކީ ވިސްނުމެއްކަން ނަޝާތު ފާހަގަކުރެއްވި އެވެ.
މި ބައްދަލުވުމުގައި އީސީގެ މެމްބަރު މުހައްމަދު އާސިފް ވިދާޅުވި ގޮތުގައި އީސީއަށް ބިމެއް ލިބި، ބިމުގައި އިމާރާތެއް ކުރެވެމުން ބައި-އިލެކްޝަންތައް ބާއްވަން ތަންތަން ހޯދުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމުގަ އެވެ. އާސިފް ފާހަގަކުރެއްވި ގޮތުގައި ބިމުގެ މައްސަލައަށް ދާއިމީ ހައްލު ލިބިއްޖެނަމަ އެ ކޮމިޝަނަށް ކުރިމަތިވެފައިވާ ގިނަ ގޮންޖެހުންތަކަށް ހައްލު ހޯދޭނެ ކަމުގަ އެވެ.
އީސީގެ މެމްބަރުން ވަނީ އެ ކޮމިޝަނުން އިންތިހާބުތަކުގައި ބޭނުންކުރާ ތަކެތި ރައްކާކޮށްފައި ބަހައްޓާނެ ދާއިމީ ތަނެއް ނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި އިންތިހާބުތައް ބާއްވަން ތަންތަން ހޯދުމުގައި ދިމާވާ ދަތިތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވާފަ އެވެ.