ތިން މިނިސްޓަރަކު ރަސްމީ ދަތުރެއްގައި މާދަމާ ޗައިނާއަށް ފުރާވަޑައިގަންނަވަނީ

ތިން މިނިސްޓަރަކު ރަސްމީ ދަތުރެއްގައި މާދަމާ ޗައިނާއަށް ފުރާވަޑައިގަންނަވާ ގޮތަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެފި އެވެ.
ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީގެ ދައުވަތަކަށް ކުރައްވާ މި ދަތުރުގައި ފޮރިން މިނިސްޓަރު މޫސާ ޒަމީރާ އެކު ވަޑައިގެންނެވުމަށް ނިންމަވާފައި ވަނީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު އަދި ކޮންސްޓްރަކްޝަން އެންޑް އިންސްފްރާންސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބެވެ.
ފޮރިން މިނިސްޓްރީން ބުނީ މާދަމާއިން ފެށިގެން ހަތަރު ދުވަހުގެ މުއްދަތަކަށް ކުރާ މި ދަތުރުގައި ފޮރިން މިނިސްޓަރު، ޗައިނާގެ ފޮރިން މިނިސްޓަރާ އެކު ރަސްމީ މަޝްވަރާތައް ކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި ޗައިނާ ސަރުކާރުގެ އިސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ.
ރާއްޖޭގައި ތަރައްގީގެ މަޝްރޫއުތައް ހިންގާފައިވާ ޗައިނާގެ ކުންފުނިތަކާ އެކު މިނިސްޓަރު މަޝްވަރާ ކުރައްވާނެ ކަމަށް ވެސް ފޮރިން މިނިސްޓްރީން ބުނެ އެވެ.