"ނާރެސް ޕޯޓަލް"އާއެކު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހެދޭނެ

ރަށު ކައުންސިލްތައް މެދުވެރިކޮށް އައިޑީ ކާޑު ހައްދަން އެދެވޭ "ނާރެސް" ޕޯޓަލް އިފުތިތާހުކޮށްފި އެވެ.
ނާރެސް ޕޯޓަލާއި އޮޕަރޭޝަން ކުރަނގި ފޭސް ދޭއް އިފުތިތާހު ކުުރުމަށް މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ނާރެސް ޕޯޓަލް ރަސްމީކޮށް އިފުތިތާހުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒެވެ.
މިހާރު އައިޑީ ކާޑު ހެދުމަށް އެދި ހުށަހެޅެނީ އޮންލައިން ކޮށެވެ. އެހެންނަމަވެސް އެ ބަދަލާ އެކު އުމުރުން ދުވަސްވީ ފަރާތްތަކަށް ކާޑު ހެދުމުގައި ވަނީ އުދަނގޫތަކާ ކުރިމަތިވެފަ އެވެ. އެ ފަރާތްތަކަށް ދިމާވެފައިވާ ދަތިކަން ފިލުވުމުގެ ގޮތުން ހޯމްލޭންޑް މިނިސްޓްރީން ކައުންސިލްތަކާ އެކު ފެށި މަސައްކަތަކީ ނާރެސް ޕޯޓަލް ތައާރަފު ކުރުމެވެ.
ނާރެސް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުތަކުގެ ސްޓޭޓަސް ބަލާލެވޭނެ އެވެ. މާލެ އެކޭ އެއްފަދައިން އައިޑީ ކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ޕޯޓަލްގެ ތެރެއިން ލިބޭނެ އެވެ. މީގެ އިތުރުން ކޮންމެ ކައުންސިލަކަށް ދިހަ އިނގިލީގެ ނިޝާން ނަގައި ފިންގަ ޕްރިންޓް ޑިވައިސްތަކެއް ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ.
މިރޭގެ ރަސްމިއްޔާތުގައި ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓްރީ އާއި ސިޓީސް، ލޯކަލް ގަވަންމަންޓް އެންޑް ޕަބްލިކް ވާކްސް މިނިސްޓްރީން ވަނީ ގާނޫނުތައް ތަންފީޒު ކުރުމަށާއި ކުށްކުރުން މަދުކުރުމުގެ ގޮތުން ރަށްރަށުގައި ހާއްސަ ހަރަކާތްތަކެއް ކައުންސިލުތަކާ ގުޅިގެން ރާވާ ހިންގުމަށް ބޭނުންވާ މައުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ހޯދުމުގެ ގޮތުން ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ. ހޯމްލޭންޑް މިނިސްޓްރީގެ ފަރާތުން މި ފަހުމުނާމާގައި ސޮއިކުރައްވާފައި ވަނީ މިނިސްޓަރު އަލީ އިހުސާނެވެ. ލޯކަލް ގަވަންމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު އާދަމް ޝަރީފް އުމަރެވެ.