ޚަބަރު

ސިހުރުގެ ދެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަން ގައި

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
ޕީޖީ ހުސެއިން ޝަމީމް

ސިހުރު ހެދުމުގެ ދެ މައްސަލައެއް ޑިއުޓީ ޕްރޮސެކިއުޝަންގެ މަރުހަލާގައި އޮތް ކަން ޕްރޮސެކިއުޓާ ޖެެނެރަލް އޮފީހުގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

Ads by MWSC

ޑިއުޓީ ޕްރޮސެކިއުޝަން އަކީ ދައުވާކުރަން ފޮނުވުމުގެ ކުރިން، އެ މައްސަލައަކާ މެދު ތަހުގީގީ އިދާރާ އާއި ޕީޖީ އޮފީހާ ދެމެދު މައުލޫމާތު ބަދަލުކޮށް، މަޝްވަރާ ކުރާ މަރުހަލާ އެވެ. އެ މަރުހަލާގައި ތަހުގީގުގައި ފުރިހަމަ ކުރަން ޖެހޭ ކަންކަމާއި އުފުލާ ދައުވާތައް ކޯޓުގައި ސާބިތު ކުރެވޭ މިންވަރަށް ހެކި ހޯދިފައި ވާކަން ކަށަވަރު ކުރާނެ އެވެ.

މި މަހުގެ މިހާތަނަށް އެ މަރުހަލާގައި 242 މައްސަލަ އެބައޮތެވެ.

ޕީޖީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ސިހުރުހެދުމުގެ ދެ މައްސަލައިގައި ވެސް ފުލުހުންނާ އެކު ދަނީ މަޝްވަރާކުރެވެމުން ނެވެ.

މިފަހުން ސިހުރުގެ ދެ މައްސަލައެއް ފެންމަތިވި އެވެ. އެއީ ށ. ފުނަދޫ ދާއިރާގެ ގޮނޑި ކާމިޔާބުކުރި މުހައްމަދު މަމްދޫހް (މަންޑޭ) ސިހުރު ހެދި ކަމަށް ތުހުމަތުވާ މައްސަލައަކާއި އެންވަޔަރަމެންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ މައްޗަށް ތުހުމަތު ކުރެވޭ ސިހުރުގެ މައްސަލަ އެކެވެ.

މެމްބަރަށް ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވުނު މީހާއާއި، އަދި ސްޓޭޓް މިނިސްޓަރު ޝަމްނާޒްއާއި އެކު އެ މައްސަލައިގައި ހިމެނުނު މީހުން ވެސް ވަނީ ބަންދުން ދޫކޮށްލާފަ އެވެ.

ޑިއުޓީ ޕްރޮސެކިއުޝަން އޮތީ ކޮން ދެ މައްސަލައެއް ކަމެއް އެނގޭކަށް ނެތެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!