ޚަބަރު ސަރުކާރު

ފަތުރުވެރިންނަށް ނެޝަނަލް އާޓް ކަލެކްޝަނެއް ހުޅުވަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ފަތުރުވެރިންނަށް ހާއްސަކޮށް ނެޝަނަލް އާޓް ކަލެކްޝަނެއް ވަރަށް އަވަހަށް ހުޅުވޭނެ ކަމަށް ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވެއްޖެ އެވެ.

Ads by MWSC

އާޓް ގެލަރީގައި ކުރިއަށްދާ "އަންވެއިލިން ވިޜަންސް 2024" މައުރަޒު ބަލާލުމަށްފަހު ކުރިއަށްދިޔަ ހަފުލާގައި އަސްވާޑު ވިދާޅުވީ އެ ތަނުގައި އެކްޒިބިޝަނެއް ނެތް ނަމަ ތަން ހުންނަނީ ތަޅުލާފައި ކަމަށެވެ. ވަރަށް ގިނަ އަދަދެއްގެ ފަތުރުވެރިން އެތަނަށް ޒިޔާރަތް ކުރާކަން ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވެފައި ވަނީ އެތަން ތަޅުލާފައި ހުންނާތީ ގިނަ ފަހަރަށް ފަތުރުވެރިން އަރަނީ ނެޝަނަލް ލައިބްރަރީއަށް ކަމަށެވެ. އެތަނަށް ގޮސް އެއްވެސް އެގްޒިބިޝަނެއް އޮތްތޯ ސުވާލުކުރާ ކަމަށާއި އެގްޒިބިޝަނެއް ނެތް ނަމަ އެނބުރިދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ރައީސްގެ އިރުޝާދާ އެއްކޮށް އަޅުގަނޑުމެން ވަރަށް އަވަހަށް ނެޝަނަލް އާޓް ކަލެކްޝަން ފަތުރުވެރިންނަށް ހުޅުވާލާނަން. އޭގެ ސަބަބުން އެގްޒިބިޝަނެއް ނެތް ނަމަވެސް ފަތުރުވެރިން މިތަނަށް އަބަދުވެސް ވަދެ ނިކުމެ ހެދުމުގެ ފުރުސަތު އޮންނާނެ. އެއާއެއްކޮށް މިތަން ދިރިގެންދާ ތަނެއްގެ ގޮތުގައި އޮންނާނެ،" އަސްވާޑު ވިދާޅުވި އެވެ.

އަސްވާޑު ވިދާޅުވި ގޮތުގައި އާޓަކީ ކުރިއަރުވަން ޖެހޭ ފަންނެއް ކަމަށާއި ސަރުކާރުގެ ވިސްނުން ކުރިއަށް ގެންދާނީ އާޓިސްޓުންގެ ވިސްނުމާ އެއްގޮތަށް ކަމުގަ އެވެ. މި ދައުރު ނިމުމުގެ ކުރިން ބައިނަލްއަގުވާމީ ފެންވަރުގެ އާޓް ސްކޫލެއް ރާއްޖޭގައި ގާއިމުކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަސްވާޑް ވިދާޅުވީ އެ މަސައްކަތް ކަމުގެ ތަޖުރިބާކާރުންނާ އެކު ކުރަމުން އަންނަ ކަމަށެވެ.

މިނިސްޓަރު މިކަން ފާހަގަކުރެއްވިއިރު އާޓްސް ކުރިއެރުވުމަށް ޒަމާނީ ވަސީލަތްތައް ހިމެނޭ އިންޓަނޭޝަނަލް ސްކޫލެއް އަޅާނެ ބަޔަކު ހޯދަން އިކޮނޮމިކް މިނިސްޓްރީން މިދިޔަ އެޕްރީލު މަހު ވަނީ ހުޅުވާލާފަ އެވެ. އެ އިއުލާނުގައި ވަނީ އިންޓަނޭޝަނަލް ސްކޫލް އޮފް ކްރިއޭޓިވް އާޓްސް އުފައްދަނީ އިންފްރާސްޓްރަކްޗާ އާއި ހިއުމަން ރިސޯސް އާއި ކަރިކިއުލަމް އަދި އެކަޑަމިކް ޕްރޮގްރާމުތައް ހިންގައި އުފެއްދުންތެރި ފަންނުވެރިންނަށް ހިތްވަރު ދިނުމުގެ ގޮތުން ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!