ޚަބަރު

ޒަމީރު އުއްމީދު ކުރައްވަނީ މާލީ އިސްލާހުތަކަށް ޗައިނާގެ އެހީތެރިކަން ލިބުން

އަލީ ސަމާޙް ، ދެން އޮންލައިން
މިނިސްޓަރު ޒަމީރު، ޗައިނާ ފޮރިން މިނިސްޓަރާ ބައްދަލުކުރައްވަނީ/ ފޮޓޯ: ފޮރިން މިނިސްޓްރީ

ރާއްޖޭގެ އިގްތިސާދު ހަމަ މަގަށް އެޅުވުމަށްޓަކައި މި ސަރުކާރުން ގެންނަ މާލީ އިސްލާހުތައް، ޗައިނާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެން އުޅުއްވާ ފޮރިން މިނިސްޓަރު މޫސާ ޒަމީރު އެ ގައުމު ސަރުކާރާ ހިއްސާކުރައްވައިފި އެވެ.

Ads by STELCO

ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތައް ޗައިނާ އާ ހިއްސާ ކުރެއްވީ، ޒަމީރު ޗައިނާގެ ފޮރިން މިނިސްޓަރު ވަންގް ޔީ އާއެކު މިއަދު ބޭއްވި ބައްދަލުވުމުގަ އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ، އެ އިސްލާހުތަކަށް ޗައިނާ ސަރުކާރުގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބިގެންދާނެ ކަމަށް އެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވެފައިވާ ކަމަށެވެ. އެކަމަކު ގެންނަން ނިންމާފައިވާ އިސްލާހުތަކެއް ސަރުކާރުން އަދި މިހާތަނަށް ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.

ބަޔާނުގައި ބުނީ ދެ ގައުމު ދެމެދު ކުރިޔަށް ދިޔަ މަޝްވަރާތަކުގައި، ޗައިނާއަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީގެ މުހިއްމު އަދި ޒަމާންވީ ބައިވެރިއެއްކަން ފާހަގަކޮށް، ޗައިނާ ސަރުކާރުން ދެމުން ގެންދާ އެހީތެރި ކަމަށް މިނިސްޓަރު ޒަމީރު ޝުކުރު އަދާކުރެއްވި ކަމަށެވެ.

އެގޮތުން ރާއްޖޭގެ އިގްތިސާދީ މުހިއްމު ބޮޑެތި މަޝްރޫއުތައް ކަމުގައިވާ ޗައިނާ-މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ މަޝްރޫއު އަދި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޗައިނާ ސަރުކާރުން ދީފައިވާ އެހީތެރިކަން ފާހަގަކުރި އެވެ.

އަދި ރާއްޖެއާއި ޗައިނާއާ ދެމެދު އޮތް 50 އަހަރަށް ވުރެ ދިގު ސިޔާސީ ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، އެ ގުޅުން އިތުރަށް ބަދަހިކޮށް އުސްމިންތަކަށް ގެންދެވުމުގެ މުހިއްމުކަން ޒަމީރު ފާހަގަކުރެއްވި ކަމަށް މިނިސްޓްރީން ބުންޏެވެ. ވަކިން ހާއްސަކޮށް ރާއްޖެއިން އަބަދުވެސް ދަމަހައްޓަމުން އަންނަ "ވަން ޗައިނާ ޕޮލިސީ" ދަމަހައްޓާނެކަމުގެ ޔަގީންކަން ދެއްވި އެވެ.

އެ ބައްދަލުވުމުގައި ކުރިޔަށް އޮތް ތަނުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމަށްޓަކައި މަސައްކަތްތައް އިތުރުކުރުމަށް އެއްބަސްވެފައިވެ އެވެ.

ފޮރިން މިނިސްޓަރުގެ އަރިހުގައި، ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގާއި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބާއި ރާއްޖެއިން ޗައިނާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޑރ. ފަޒީލް ނަޖީބްގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުންނާއި ބެއިޖިންގައި ހުންނަ ރާއްޖޭގެ އެމްބަސީގެ އޮފިޝަލުން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!