ޚަބަރު ސަރުކާރު

ހަމަނުޖެހުމާ ގުޅިގެން ބަންގްލަދޭޝްގައި ތިބި ދިވެހިންގެ ހާލު ދަނީ ބަލަމުން: ސަރުކާރު

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ބަންގްލަދޭޝްގައި ކާފިއު އިއުލާންކޮށް މަގުމަތީގެ ސަލާމަތީ ކަންކަން ބަލަހައްޓަން ސިފައިން ހަރަކާތްތެރިވަނީ

ބަންގްލަދޭޝްގައި މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކާއި ގުޅިގެން އެގަމުގައި ތިބި ދިވެހިންގެ ހާލު ގާތުން ބަލަމުން ދާކަމަށާއި އެންމެންގެ ހާލުވެސް ރަނގަޅުކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

Ads by MWSC

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ހަމަނުޖެހުންތަކާ ގުޅިގެން، އެގައުމުގައި ދިރިއުޅޭ އަދި އެގައުމަށް ދަތުރުކޮށްފައިވާ ދިވެހީންގެ ހާލު، ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން އަންނަނީ ވަރަށް ގާތުން ބަލަމުން ކަމަށެވެ. އެގޮތުން މިވަގުތު ޗިޓަގޮންގްގައި ތިބި 75 ދަރިވަރުންނާއި، ޑާކާގައި ތިބި 7 ދަރިވަރުންނާއި ކޮމިލާގައި ހުރި 1 ދަރިވަރަކާއި، ހައިކޮމިޝަނުން ގަވައިދުން ގުޅައި ހާލުބަލަމުން ދާކަމަށްވެސް ބުންޏެވެ.

ބަންގްލަދޭޝުގައި މިވަގުތު ތިބިކަމަށް ހައިކޮމިޝަނަށް މަޢުލޫމާތު ލިބިފައިވާ 99 ދިވެހި ރައްޔިތުންގެ ހާލު ޖުމްލަ ގޮތެއްގައި ރަނގަޅުކަމަށް ހައިކޮމިޝަނުން ވަނީ މަޢުލޫމާތު ދީފަ އެވެ.

ޑާކާގެ ޔުނިވާސިޓީއެއްގައި ކިޔަވާ ދަރިވަރެއް، އެތަނުގެ ޑޯމިޓަރީ ބަންދުކުރުމުން، ހައިކޮމިޝަނުގެ އެހީތެރިކަމާއެކު މިހާރު ވަނީ އެހެން ސަރަޙައްދަކަށް ބަދަލު ކޮށްފަ އެވެ. އަދި، ޗިޓަގޮންގް މެޑިކަލް ކޮލެޖް ހޮސްޕިޓަލުގައި މެޑިކަލް އިންޓާންޝިޕް ހަދަމުންދާ ދަރިވަރުންނަށް ކާފިއު ގަޑިތަކުގައި ވަޒީފާއަށް ނިކުމެ އުޅުމުގައި ލުއި ގޮތްތައް ހައިކޮމިޝަން މެދުވެރިވެގެން ވަނީ ހަމަޖައްސައިދީފަ އެވެ. މީގެ އިތުރުން، ބަންގްލަދޭޝްގެ އުތުރުގެ މެޑިކަލް ސްކޫލްތަކުގައި ކިޔަވަމުންދާ ދެ ދަރިވަރަކު ބޯޑަރ ހުރަސްކުރުމުގައި އެހީތެރިކަމަށް އެދުމުން ބަންގްލަދޭޝް ގައި ހުންނަ ދިވެހިރާއްޖޭގެ ހައި ކޮމިޝަނާއި، އިންޑިއާގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަނުން ވަނީ މީގެ ކުރިން، އެކަމުގައި އެހީތެރިކަން ފޯރޮކޮށްދީފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ ބަންގްލަދޭޝުގައި ތިބި ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުށް ބަންގްލަދޭޝް ސަރުކާރާއި ވާހަކަ ދައްކައި ވަރަށް ގާތުން މަސައްކަތްކުރަމުން ދާކަމަށެވެ. މިގޮތުން، ފޮރިން ސެކްރެޓަރީ، ފާތިމަތު އިނާޔާ ވަނީ ބަންގްލަދޭޝުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، ރިއަރ އެޑްމިރަލް ޝެއިޚް އަބްދުލް ކަލާމްއާޒާދާއި މިއަދު ބައްދަލުކުރައްވައި، ބަންގްލަދޭޝުގެ މިވަގުތުގެ ހާލަތާއި ގުޅޭގޮތުން މަޢުލޫމާތު އޮޅުންފިލުއްވައި، ބަންގްލަދޭޝުގައި ތިބި ދިވެހިންނަށް ދިމާވާ ދަތިތަކާއި ގުޅޭގޮތުން މަޝްވަރާކުރައްވާފިވާކަމަށް މިނިސްޓްރީން ބުންޏެވެ.

މިވަގުތު ބަންގްލަދޭޝުގައި ކާފިއު ޢިއުލާން ކޮށްފައިވުމުން، ބަންގްލަދޭޝް ސަރުކާރުން އިރުޝާދު ދީފައިވާ ގޮތަށް ބޭރަށް ނުކުމެ ނޫޅުމަށާއި ބަންގްލަދޭޝް ސަރުކާރާއި ބަންގްލަދޭޝްގައި ހުންނަ ދިވެހިރާއްޖޭގެ ހައިކޮމިޝަންގެ އިރުޝާދާއި އެއްގޮތަށް އަމަލުކުރުމަށް ދިވެހި ސަރުކާރުން ވަނީ މިއަދުވެސް އިލްތިމާސްކޮށްފަ އެވެ.

ބަންގްލަދޭޝްގައި ތިބި ދިވެހި ރައްޔިތުން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ ހައި ކޮމިޝަނަށް ގުޅުމަށްވެސް މިނިސްޓްރީން ވަނީ އެދިފަ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!