ޚަބަރު ރައްޔިތުންގެ މަޖިލިސް

ސްކޭމްތަކުގައި މުވައްޒަފުންގެ ބައިވެރިވުމެއް ނެތް: ބީއެމްއެލް

މަރިޔަމް އުމްނާ އިސްމާޢިލް ، ދެން އޮންލައިން
މިއަދު ބޭއްވި އެސްއޯއީ ކޮމިޓީގެ ބައްދަލުވުމުގެ ތެރެއިން

ސްކޭމްތަކުގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މުވައްޒަފެއްގެ ބައިވެރިވާކަން ފާހަގަކުރެވިފައިނުވާ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފި އެވެ.

Ads by MWSC

ސްކޭމްތަކުގައި މުވައްޒަފެއްގެ ބައިވެރިވުމެއް ނެތް ކަމުގެ ޔަގީންކަން އެ ބޭންކުންދީފއިވަނީ މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިޒެސް ކޮމިޓީގެ ބައްދަލުވުމުގަ އެވެ. އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ޑިރެކްޓާ އޮފް ރީޓެއިލް، ބިޒްނަސް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މިހާތަނަށް އެފަދަ އެއްވެސް އިޝާރާތެއް ވެސް ލިބިފައިނުވާ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ ޔަގީންކަން އަރުވަން ސްޓާފުންގެ ބައިވެރިވުމެއް އަދި މިހާތަނަށް ފާހަގަކުރެވިފައެއް ނުވޭ. ދެން މި ސްކޭމް އިންސިޑެންޓްސްތަކަކީ އެކަމާ ބެހޭ ފަރާތްތަކަށް ރިޕޯޓު ކުރެވިގެން އިންވެސްޓިގޭޝަން އާ އެއްޗެހި ހިނގާ ކަންކަން. އަދި މިހާތަނަކަށް އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް އިޝާރާތެއް ލިބިފައެއް ނުވޭ." ނިމާލް ވިދާޅުވި އެވެ.

އެ ބައްދަލުވުމުގައި އޭނާ ވަނީ ސްކޭމްގެ މައްސަލަތައް ރިޕޯޓު ކުރެވިިފައިވާ ގޮތް ވެސް ކޮމިޓީއާ ހިއްސާކުރައްވާފަ އެވެ.

އެގޮތުން، އޭނާ ވިދާޅުވީ މިއަހަރު ސްކޭމްގެ 1400 މައްސަލަ ރިޕޯޓުކޮށްފައިވާ ކަމަށެވެ. އަދި ރިޕޯޓު ކުރާ މައްސަލަތަކުގެ ތެރެއިން 39 އިންސައްތަ އަކީ އާއިލާ މީހަކަށް ހެދިގެން ފައިސާ ޓްރާންސްފާކުރުވާ މައްސަލަތައް ކަމަށެވެ.

އިޝްތިހާރުތަކުގައި ހުންނަ މުދާ ގަންނަން ފައިސާ ޓްރާންސްފާ ކުރުވުމުގެ މައްސަލަތައް ޖުމްލަ މައްސަލަތަކުގެ 35 އިންސައްތަ ހިއްސާ ކުރާއިރު 20 އިންސައްތަ އަކީ ވައިބާ ނުވަތަ ޓެލެގްރާމް ގްރޫޕްތަކުގައި ހިނގާ ބޭރު ފައިސާގެ މުއާމަލާތްތަކުގެ ސްކޭމްގެ މައްސަލަތަކެވެ.

ނިމާލް ވިދާޅުވި ގޮތުގައި 20 އަކީ ބީއެމްއެލް އިންޓަނެޓް ބޭންކިން އެފްގެ ލޮގިން ކޮމްޕްރޮމައިޒް ވާ މައްސަލަތައް ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!