ކާރު ވިޔަފާރިއަށް ބިން ހަމަޖައްސައި، އެ ވިޔަފާރި ރެގިއުލޭޓްކުރަނީ
ހަތަރު ފުރޮޅުލީ އުޅަނދު ވިއްކަން ހާއްސަ ބިންތަކެއް ހަމަޖައްސައި, އެ ވިޔަފާރި ރެގިއުލޭޓް ކުރުމަށް ސަރުކާރުން ނިންމައިފި އެވެ.
މިހާރު ކާރުފަދަ ތަކެތި ރާއްޖެއަށް އެތެރެ ކުރަނީ އަމިއްލަ ފަރާތްތަކުންނެވެ. އަދި ވިޔަފާރި އުސޫލުން މިކަންކޮށްދޭ ފަރާރްތައް ވެސް އުޅެ އެވެ. ގިނަ ފަހަރަށް ކާރު އެތެރެ ކުރަނީ ފައިސާ ދެއްކުމުންނެވެ. ނަމަވެސް ފައިސާ ނުދެއްކި އިންސްޓޯލްމެންޓަށް ގެންނަ ކާރުތައް, އެ ވިޔަފާރި ކުރާ ފަރާތްތަކުން މަގުމަތީގައި ޕާކްކޮށްފައި ހުރެ އެވެ.
މާލޭ ސަރަހައްދުގެ މަގުތައް އަމާންކުރުމާއި ރައްކާތެރިކުރުމަށް ސަރުކާރުން އެކުލަވާލި "މާލެ ފަހި" ޕްރޮގްރާމުގައިވާ ގޮތުން, އުޅަނދު އިންޕޯޓްކޮށްގެން ވިޔަފާރި ކުރުމަށް, ޝޯރޫމް ނުވަތަ ގުދަން ހެދަން ތިލަފުށިން ބިން ދޫކުރުމަށް ވަނީ ހިމަނާފަ އެވެ. ބިން ދޫކުރާނީ ބިޑް އުސޫލުންނެވެ.
ރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީން ވިދާޅުވީ, މާލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި މިހާރު ބެލެވިފައިވާ ކަމަށެވެ. މިއާއެކު ތޮއްޖެހިފައިވާ މާލެ އިތުރަށް ތޮއްޖެހުމުގެ މައްސަލަ ބޮޑުވާކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ކުރިއަށް އޮތްތަނުގައި އެކަން ބަދަލުކުރައްވާނެ ކަމަށެވެ.
އެގޮތުން އޮޓޯމޮބައިލް ވިޔަފާރި އަކީ އެހެން ވިޔަފާރިއެކޭ އެއްފަދައިން ރަޖިސްޓާކޮށްގެން ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކުރާ މަސައްކަތަކަށް ހެދުމަށް ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެކަމަށް ވަޒީރު ވިދާޅުވި އެވެ.
"ކުރިއަށް އޮތްތަނުގައި އޮޓޯމޮބައިލްސް ވިޔަފާރިއަކީވެސް އެހެން ވިޔަފާރިތަކެކޭ އެއްގޮތަށް ރެގިއުލޭޓްކުރެވިގެން ކުރެވޭ ވިޔަފާރިއަކަށް ހެދުމަށް ގާނޫނާއި ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ސަރުކާރުން ގެންނާނެ. މާލލޭގެ މަގުމައްޗަކީ އޮޓޯމޮބައިލް ވިޔަފާރިތަކުން ގުދަންކުރާ ތަނެއްގެ ގޮތުގައި އޮތްއިތުން ނިމުމަކަށް ގެނެވޭނެ." ވަޒީރު ވިދާޅުވި އެވެ.
މާލެ ފަހި ޕްލޭންގެ ދަށުން އޮޓޯމޮބައިލް ވިޔަފާރިތަކާއި ގުޅޭ މުހިއްމު ކަންކަން ތަންފީޒުކުރުމަށްވަނީ ހަމަޖެހިފަ އެވެ. މިގޮތުން މިމައްސަލަ ދެނެގަތުމަށް ކުރިއަށްގެންދިޔަ ސަވޭއިން މާލެއާއި ހުޅުމާލެގެ މަގުތަކުގައި ރަޖިސްޓަރް ނުކުރާ 1100 އަށްވުރެ ގިނަ 4 ފުރޮޅުލީ އުޅަނދު ޕާކުކޮށްފައިވާކަންވަނީ ފާހަގަވެފައިވާ ކަމަށް އަމީން ވިދާޅުވި އެވެ.