މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ކާގޯ އޮޕަރޭޝަން ހަލުވި ކުރުމަށް މަސައްކަތުގައި ހުރި ދަތިތައް ދެނެގަންނަން އެ ކުންފުނީގެ އިސްވެރިން މަސައްކަތަށް ނިކުމެއްޖެ އެވެ.
ޕްރޮގްރާމް ފެށުމުގެ ގޮތުން މިއަދު ހެނދުނު މާލޭ ވިޔަފާރި ބަނދަރުގައި ކުރިއަށް ދިޔަ ހަރަކާތުގައި އެމްޕީއެލްގެ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމާ އެކު ކުންފުނީގެ ޑިޕާޓްމެންޓްތަކުގެ އިސްވެރިން ވަނީ ބައިވެރިވެފަ އެވެ. މި ހަރަކާތުގައި އިސްވެރިން ވަނީ ކާގޯ އޮޕަރޭޝަން ހިނގަމުންދާ ގޮތް ބައްލަވާލައްވައި އަމަލީގޮތުން މަސައްކަތް ތަޖުރިބާ ކުރައްވާފަ އެވެ.
ވަޖީހް ވިދާޅުވީ މިފަދަ ޕްރޮގްރާމެއް ފެށުމުގެ ބޭނުމަކީ ކުންފުނީގެ އޮޕަރޭޝަން މެދުނުކެނޑި ކުރިއަށް ގެންދިއުން ކަމަށެވެ. ކުންފުނީގެ އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި މުވައްޒަފުން މަދުވާ ހާލަތްތަކުގައި ހުރިހާ މުވައްޒަފުން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ވަޖީހް ވިދާޅުވި އެވެ.
އެމްޕީއެލްގެ ސީއީއޯ ވިދާޅުވެފައި ވަނީ ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ޕްރޮގްރާމް ނިންމާލެވޭނެ ކަމަށެވެ. ކާގޯ އޮޕަރޭޝަނުގެ މުހިންމުކަން މުވައްޒަފުންނަށް އެނގެން ޖެހޭނެކަން ފާހަގަކުރައްވާ އޭނާ ވިދާޅުވި ގޮތުގައި ޕްރޮގްރާމް ނިމިގެންދާއިރު ވެރިން ހިމެނޭހެން ކުންފުނީގައި މަސައްކަތް ކުރާ ހުރިހާ މުވައްޒަފުންނަށް ވެސް އޮޕަރޭޝަންތައް ކުރިއަށްދާ ގޮތް ސާފުވާނެ ކަމުގަ އެވެ.
އަހުލުވެރި ކުރުވުމުގެ މި ޕްރޮގްރާމާ އެކު އޮޕަރޭޝަން ކުރިއަށް ގެންދިއުމުގައި ހުރި ދަތިތައް ދެނެގަނެވި މަސައްކަތްތައް އިތުރަށް ހަލުވި ކުރެވޭނެ ކަމަށް ވެސް ވަޖީހް ވިދާޅުވި އެވެ.