ޚަބަރު ޝަރުޢީ ދާއިރާ

ޔާމީނާ ދެކޮޅަށް ހުށަހެޅި ހެކިތައް ބަލައިނުގަތުމުން ޕީޖީން ސުޕްރީމް ކޯޓަށް

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ޕީއެންއެފް އޮފީހުގައި، ޔާމީން ސަޕޯޓަރުންގެ ސުވާލުތަކަސް ޖަވާބު ދެއްވަނީ/ ފޮޓޯ: ދެން

ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ އަމަލުތަކެއް ހިންގާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކުރަން ދައުލަތުން ކްރިމިނަލް ކޯޓަށް ހުށަހެޅި އާ ހެކިތައް އެއްފަރާތް ކުރަން ހައި ކޯޓުން ނިންމި ނިންމުގެ ބައެއް ބާތިލުކޮށް އެކަމުގައި އަލުން ގޮތެއް ކަނޑައަޅައިދިނުމަށް ސުޕްރީމް ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ވަނީ އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި ރިޝްވަތު ދިނުމާއި މަނީ ލޯންޑްރިންގެ ކުށުގެ ދައުވާ ޔާމީންގެ މައްޗަށް ސާބިތުވާ ކަމަށާއި މައްޗަށް ކަމަށް ނިންމާފަ އެވެ. އަދި އެ މުއާމަލާތުގައި ހިމެނޭ ޔޫސުފް ނަޢީމްގެ މައްޗަށް ރިޝްވަތު ދިނުމުގެ ކުށް ސާބިތުވާ ކަމަށް ވެސް ނިންމާފައިވެ އެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުން ޔާމީނާއި ނައިމުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން، އެ ކޯޓުން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް ކްރިމިނަލް ކޯޓުގެ ނިންމުމާމެދު އަލުން ގޮތެއް ކަނޑައެޅުމަށް މައްސަލަ ކްރިމިނަލް ކޯޓަށް ތަހުވީލު ކުރުމަށް މިދިޔަ އެޕްރީލު މަހުގެ 18 ދުވަހު ހައި ކޯޓުން ވަނީ ނިންމާފަ އެވެ. 

ހައި ކޯޓުން ނިންމީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، ޖިނާއީ އިޖުރާއަތުގެ ގާނޫނު ދަށުން ދައުލަތުން ހުށަހެޅި ހެކިތައް އެއްފަރާތް ކުރުމަށެވެ. އެގޮތަށް އެ ކޯޓުން އަންގާފައި ވަނީ އެ ހެކިތައް ދަށު ކޯޓަށް ބަލައިގަތުމުގެ އިޖުރާއަތް ރަނގަޅު ނޫންކަން ފާހަގަކޮށެވެ.  

ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނެފައި ވަނީ އަލުން ބެލުމަށް ތަހުވީލު ކޮށްފައިވާ މި މައްސަލާގައި، އެ ހެކިތައް ބަލައިގަންނަން ދަށު ކޯޓުން ނިންމި އިޖުރާއަތަކީ މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު އިސްލާހު ކުރެވިދާނެ އިޖުރާއަތެއް ކަމަށެވެ. އެ ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން އެންގި އެންގުމަކީ ސުޕްރީމް ކޯޓުން މީގެކުރިން ނިންމާފައިވާ ނިންމުންތަކާ އަރާރުންވާ ނިންމުމެއް ކަމަށް ވެސް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައަޅާއިރު، މި ހެކިތައް އެއްފަރާތް ކުރުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ހުއްދައަށް އެދި ޕީޖީ އޮފީހުން ވަނީ ހުށަހަޅާފަ އެވެ.

ޕީޖީ އޮފީހުން ބުނީ އެ އޮފީހުން ސުޕްރީމް ކޯޓުގައި އެދިފައި ވާނީ ހެކިތައް އެއްފަރާތް ކުރަން ހައި ކޯޓުން ނިންމި ނިންމުން ބާތިލުކޮށް ދިނުމަށް ކަމަށެވެ. އަދި ހައި ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން ދެއްވާފައިވާ އިރުޝާދާ އެއްގޮތަށް މައްސަލާގައި އަލުން ގޮތެއް ކަނޑައެޅުމުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ ދަށުން ހުށަހެޅި ހެކިތަކާ ގުޅިގެން، ދިފާއުން ހުށަހެޅުމެއް އޮތްނަމަ ހުށަހެޅުމުގެ ފުރުސަތުދީ، އެ ހެކިތަކާ ގުޅިގެން ދެ ފަރާތުން ޝަރީއަތުގައި ބަހުސް ކުރުމުގެ ފުރުސަތުދީ، އެ ހެކިތައް ބަލައިގަތުމާ މެދު އަލުން ގޮތެއް ކަނޑައެޅުމަށް ދަށު ކޯޓަށް އަންގައިދިނުމަށް ކަމަށެވެ.

މި އިސްތިއުނާފުގެ ސަބަބުން، މައްސަލަ އަލުން ބަލައި ގޮތެއް ކަނޑައެޅުމަށް ހައިކޯޓުން ނިންމާފައިވާ ނިންމުމަށް ބަދަލެއް ނާންނާނެ އެވެ. 

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!