ރިސޯޓު ވަޒީފާތަކުގެ ކަންބޮޑުވުންތަކާއެކު ހއ. ގެ މެންބަރުން މިނިސްޓަރު އަރިހަށް

ކޮވިޑު-19 ގެ ސަބަބުން ހއ އަތޮޅުގެ ރިސޯޓުތަކުގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހިންގެ ވަޒީފާއަށް އަސަރުކުރަމުން ދާތީ އެކަމާ ކަންބޮޑުވެ ހއ. އަތޮޅު ތަމްސީލު ކުރައްވާ ރައްޔިތުން މަޖިލީހުގެ ދެ މެންބަރުން ޓުއަރިޒަމް މިނިސްޓަރު، ޑރ. އަބްދުالله މައުސޫމާއި ބައްދަލުކުރައްވައިފިއެވެ.
ހޯރަފުށި ދާއިރާގެ މެންބަރު އަހުމަދު ސަލީމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ މިއަދު ޑރ. އަބްދުالله މައުސޫމުގައި ބައްދަލު ކުރެއްވި ކަމަށާއި، ހއ. ގެ ރިސޯޓު ދާއިރާއިން ވަޒީފާ ގެއްލުނު މުވައްޒަފުންގެ މައްސަލައަށް ހައްލެއް ހޯދައި ދެއްވުމަށް އެދިވަޑައިގެންފައިވާނެ ކަމަށެވެ.
މީގެ އިތުރުން ހއ. އަތޮޅުގައި ފަތުރުވެރިކަމުގެ އިތުރު ޕްރޮޑަކްޓުތައް ތަރައްގީ ކުރުމާއި ގުޅޭގޮތުން ވާހަކަ ދެކެވުނު ކަމަށްވެސް ސަލީމް މިއަދު ކުރެއްވި ޓުވީޓުގައި ވަނީ ހާމަކޮށްފައެވެ.
ރާއްޖޭގައި ހަލުވިކަމާއެކު ކޮވިޑު-19 ފެތުރެމުން ދާ މި ދަނޑިވަޅުގައި ގިނަ ދިވެހިންގެ ވަޒީފާތަކަށް ވަނީ ބުރޫ އަރާފައެވެ. ޚާއްސަކޮށް ރިސޯޓުތަކުގައި މަސައްކަތް ކުރާ ގިނަ މުވައްޒަފުންގެ ވަޒީފާތަކަށް ވަނީ އަސަރު ކޮށްފައެވެ.
ބައެއް ރިސޯޓުތައް ހުއްޓުމަކަށް އައިސްފައިވާއިރު އަދިވެސް ބައެއް ރިސޯޓުތައް ހުޅުވާފައެއް ނުވެއެވެ. ސަރުކާރުން އަންނަނީ ކޮވިޑް-19 ގެ ސަބަބުން ވަޒީފާތަކަށް އަސަރު ކުރިފަރާތްތަކަށް އެލަވަންސްއެއް ވެސް ދެމުންނެވެ.