ޚަބަރު ސަރުކާރު

މުދައްރިސުން އިތުރުކުރަން ކޮންމެ ދަރިވަރަކަށް 1،500 ރުފިޔާ ދެނީ

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
މުދައްރިސުން އިތުރުކުރަން ސަރުކާރުން ހާއްސަ ޕްރޮގުރާމެއް ފަށަނީ

އޭލެވެލް ކިޔަވާ ދަރިވަރުންގެ ތެރެއިން މުދައްރިސުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް 1،500 ރުފިޔާގެ އެލެވެންސެއް ދޭން އެޑިއުކޭޝަން މިނިސްޓްރީން ނިންމައިފި އެވެ.

Ads by STELCO

ދައުލަތުގެ މީޑީއާ ޕީއެސްއެމްގެ ޓީވީ ޗެނަލް، ޓީވީއެމްގެ ޕްރޮގުރާމެއްގައި ވާހަކަ ދައްކަވަމުން ތައުލީމާއި ބެހޭ ވަޒީރުގެ ނައިބު ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ މުދައްރިސުން އިތުރު ކުރުމުގެ ގައުމީ މަޝްރޫއެއް ފެށުމަށް އެ ވުޒާރާއިން ނިންމާފައިވާ ކަމަށެވެ. އެގޮތުން މުދައްރިސުން ތަމްރީނު ކުރުމުގެ ގައުމީ ޕްރޮގުރާމުގެ ކޮންސެޕްޓް މިހާރު ތައްޔާރުކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަޒީރުގެ ނައިބު ވިދާޅުވީ މި ޕްރޮގުރާމުގެ ތެރެއިން އޭލެވެލްއަށް ވަންނަ ދަރިވަރުންގެ ތެރެއިން މުދައްރިސުންނަށް ވާން ބޭނުންވާ ދަރިވަރުންނަށް ޑުއަލް ޕްރޮގުރާމެއްގެ ތެރެއިން ހާއްސަ ތަމްރީނުތަކެއް ދޭން ނިންމާފައިވާ ކަމަށެވެ. މި ޕްރޮގުރާމުގައި ބައިވެރިވާ ދަރިވަރުންނަށް 1،500 ރުފިޔާގެ އެލެވެންސެއް ސަރުކާރުން ދޭނެ ކަމަށްވެސް ޑރ. އަހުމަދު ވިދާޅުވި އެވެ.

"އެ ދަރިވަރަކީ ޓީޗަރަކަށްވާން ބޭނުންވާ ދަރިވަރެއް ނަމަ، ޑުއަލް ޕްރޮގްރާމެއްގެ ތެރެއިން ކުރިއަށް ގޮސް، 11 ނިމޭއިރު އެކުދިންނަށް، ޓީޗިންގ ޕްރިޕޭޓަރ ކޯހެއް ފަރުމާ ކުރެވިގެން މިދަނީ. އެހެންވީމާ އެކުދިން އޭލެވެލް ނިމޭއިރު، ތިބޭނީ ޓީޗިންގ ކޯހަށް ތައްޔާރުކޮށް ނިމިފައި."

އޭނާ ވިދާޅުވި ގޮތުގައި މި އެލެވެންސާއިއެކު ކޮންމެ ދަރިވަރަކީވެސް ވަކި މާއްދާއަކުން މުދައްރިސަކަށް ވާން ހާއްސަ ދަރިވަރެއްކަން އަންގާނެ އެވެ. އަދި ބެލެނިވެރިންނާއި ދަރިވަރުންނާއިއެކު އެއްބަސްވުންތަކެއްވެސް ހަދާނެ ކަމަށް ވިދާޅުވި އެވެ.

ޑރ. އަހުމަދު މުހައްމަދު ވިދާޅުވީ ޓީޗިންގް ފޯސްއަށް ވީހާވެސް ފެންވަރު ރަނގަޅު މީހުން އިތުރު ކުރުމަކީ ދާއިރާގެ މުސްތަގުބަލަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. މި ޕްރޮގުރާމު ފަށަން ހަމަޖެހިފައިވަނީ މި އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.

މިހާރު ރާއްޖޭގައި 10،000 އެއްހާ މުދައްރިސުން މަސައްކަތް ކުރެ އެވެ. އޭގެ ތެރެއިން 2،000 މުދައްރިސުންނަކީ ބިދޭސީންނެވެ. ދިވެހި މުދައްރިސުން އިތުރުކުރުމަކީ މި ސަރުކާރުގެ އެއް އަމާޒެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!